އެމްޑީޕީން ދިވެހި ރައްޔިތުންނަށް ހޯދައިދީފައިވާ ހުރިހާރަނގަޅެއް މި ސަރުކާރުންދަނީ ނައްތާލަމުން ކަމަށް އެމްޑީޕީގެ ފައުންޑަރ މެންބަރެއް ކަމަށްވާ އަހްމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ. މިކަން މިގޮތަށް ކުރަމުންދާ ވަގުތެއްގައި ކުރީގެ ދެ ރައީސެއް ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސާލިހަކަށް ބައްލަވަން ތިއްބަވަން ފަސޭހަފުޅު ނުވާނޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
”އާސަންދަ ނިޒާމާއި ލާމަރުކަޒީނިޒާމު ފުނޑުފުނޑު ކޮށްލާއިރު އަޅުއްވާ ނުލައްވާ ތިއްބެވުމަކީ ތިޔަބޭފުޅުންނަށް ފަސޭހަފުޅު ކަމަކަށް ނުވާނެކަން ޔަގީން. ތިޔަ ދެ ބޭފުޅުން ސިޔާސީ ދެބަސްވުމެއްގެ ތެރޭގައި އެކަން ޙައްލުނުކޮށް އުޅުއްވުމުގެ ދެރަކަމާއި ގެއްލުމުގެ ކޮޅެއްނެތް،“ އޭނާ ވިދާޅުވެފައިވެއެވެ.
ސައްޕެ ވިދާޅުވެފައިވަނީ ”މިއަނިޔާވެރިސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރާނެ ހަކަތަ އެމްޑީޕީގައި އަދިވެސް ހުންނާނެ،“ ކަމަށެވެ. އެހެން ކަމުން ރައީސް ނަޝީދާއި ރައީސް އިބޫއާ ދެބޭފުޅުން އެކުގައި ވަޑައިގެން ”އެމްޑީޕީއާއި ދިވެހިރައްޔިތުން މިނިކަމެތި ކަމުން“ ސަލާމަތް ކޮށްދެއްވުމަށް އޭނާވަނީ އެދިވަޑައިގެންފައެވެ.
މި ދެ ރައީސުންނަކީ އެމްޑީޕީގެ އެންމެހައި މެންބަރުންގެ ލޯތްބާއި އިޙްތިރާމާއި އިތުބާރާއެކު ބަލައިގެންފައިވާ ޕާޓީގެ އެންމެ އިސް ދެ ލީޑަރުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.






