މަރުވެފައި އޮއްވައި ފެނުނު ނޭޕާލް މީހާ މަރުވެފައިއޮއްވައި ފެނުނު ގެސްޓު ހައުސްހުރި ސަރަހައްދު

މަރުވެފައި އޮއްވައި ފެނުނު ނޭޕާލް މީހާގެ ބަނޑުން އަށުހަތްތެރި ބުލެޓް

މުހައްމަދު އަލީ
ޑިސެމްބަރ 5, 2025

ހުޅުމާލޭ ގެސްޓު ހައުސްއެއްގައި މަރުވެފައި އޮއްވައި ފެނުނު ނޭޕާލް މީހާގެ ބަނޑުން 78 ބުލެޓް ނަގައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އެތަކެތި ނަގައިފައިވަނީ އޮޕަރޭޝަން ކޮށްގެންނެވެ.

ފުލުހުން ވިދާޅުވެފައިވަނީ އުމުރުން 40 އަހަރުގެ މި ފިރިހެން މީހާ އިތުރު ދެމީހަކާއެކު ރާއްޖެއަށް އައިސްފައިވަނީ ނޮވެމްބަރު 26 ވަނަ ދުވަހު ކަމަށް އެނގިފައިވާ ކަމަށެވެ. އެމީހުން ރާއްޖެ އައިސް މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއަކަށް ޗެކިންގ ވެފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުގެ ހެނދުނު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާއާއެކު އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

އެމީހުން ފުރައިގެން ދިޔުމަށްފަހު ނޮވެމްބަރު 30 ވަނަ ދުވަހުގެ 12:57 އެހާކަންހާއިރު އެމީހާ ގެސްޓް ހައުސްގައި މަރުވެފައިވާ ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.

ފުލުހުން ގޮސްބެލިބެލުމުން އެމީހާގެ  ގައިގެ އެއްވެސް ތަނެއްގައި އަނިޔާގެ ނިޝާނެއް ފެނިފައިނުވާ ކަމަށް ވިދާޅުވެފައިވެއެވެ. އެ ”މީހާގެ ހަށިގަނޑުގެ ސީޓީ ސްކޭނެއް ހަދާފައިވާއިރު، މި ސްކޭނުން އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަކުރެވިފައިވާތީ، މިކަމުގައި ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހޯދައި، 2025 ޑިސެންބަރު 2 ވަނަ ދުވަހުގެރޭ ނިޔާވި މީހާގެ ހަށިގަނޑުގައި ހުރި މަސްތުވާތަކެތި ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ނަގާފައިވެއެވެ.“

އެމީހާގެ ހަށިގަނޑުން އެ ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ ސިއްޙީ ޚިދުމަތްދޭ ތަނެއްގައި ނޫންކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެގޮތަށް އެކަންކުރީ އެފަދަ ތަނެއްގައި އެ އޮޕަރޭޝަން ކުރެވޭ ވަރަށްވުރެ ބޮޑަށް އެމީހާގެ ހަށިގަނޑު ”ޑީކޮމްޕޯސް“ ވެފައި އޮތުމުން ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ”އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ޚާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުންނެވެ.“ މި އޮޕަރޭޝަނަށްފަހު އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވެއެވެ. އޭގެ ބަރުދަނަކީ 818 ގްރާމު ހުރިކަމަށް ފުލުހުން ވިދާޅުވިއެވެ. މި އޮޕަރޭޝަން ކޮށްފައިވާތަނެއް ފުލުހުން ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް އެކަންކޮށްފައިވަނީ ސަހަރާގައި ކަމަށް ސޯޝަލް މީޑިއާގައި އެކި މީހުން ދަނީ ބުނަމުންނެވެ.

މިހާތަނަށް މިމައްސަލައިގެ މައުލޫމާތު ހާމަކޮށްފައިނުވާ ސަބަބު ވެސް ފުލުހުން ވަނީ ވިދާޅުވެދެއްވައިފައެވެ. އެގޮތަށް އެކަން ކުރެއްވީ މައްސަލައަކީ ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ”މިމައްސަލާގައި ވަށައިގެންވާ ކަންކަމަށް ބަލައި، ލިބިފައިވާ މައުލޫމާތުތައް ކަށަވަރުކޮށް، މިމައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި މިކަމާ ގުޅުންހުރި އިތުރު މީހުން ހޯދުމުގެ މަސައްކަތްކުރަމުން ދިއުމާއެކުއެވެ. މިމަސައްކަތް މިހާރުވެސް ފުލުހުން ކުރަމުންދާ ވާހަކަ ދަންނަވަމެވެ.“ ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މިފަދަ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ނުފެތުރުމަށެވެ. މިފަދަ މައުލޫމާތު ހާމަކުރާއިރު ތެދު މައުލޫމާތު ހާމަކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވައިފައެވެ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ