ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލުހޯދައި ދިނުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ސަރުކާރަށް ގޮވާލައްވައިފިއެވެ.
މަސްވެރީންގެ ދުވަހުގެ ތަހުނީޔާ ރާއްޖޭގެ ހުރިހާ މަސްވެރިންނަށާއި މަސްވެރި އާއިލާތަކަށް ވިދާޅުވުމަށް ފޮނުވި މެސެޖުގައި ފައްޔާޒު ވިދާޅުވެފައިވަނީ ”ބޮޑު އެކަންނެލި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާތީ މިއަދު ވެސް ޔޫނިއަނުން ގެންދަނީ ސުލްހަވެރި އިހުތިޖާޖެއް ކުރަމުން،“ ކަމަށެވެ. އެ އިހުތިޖާޖުގައި ބައިވެރިވަނީ ހިތްވަރުގަދަ މަސްވެރީން ކަމަށާއި ”ހިތްވަރުގަދަ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރަށް ގޮވާލަން،“ ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވަނީ މިސަރުކާރުން ބޮޑުކަންނެލީގެ މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދައިފައި ނުވާތީއެވެ. އެގޮތުން މިފްކޯއަށް ބޮޑުކަންނެލި ގަންނާނޭ ކަމަށް ބުނެވީ ވައުދާއި، ކަންނެލި ކިލޯއެއް ގަންނާނޭ އެންމެ ކުޑައަގަކީ 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދު ކަމަށް ބުނެވީ ވައުދާއި، ބޭސް ރޭޓުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމާއި ފަސޭހައިން އައިސް ލިބޭނޭ އިންތިޒާމު ހަމަޖައްސަވަން ވީ ވައުދުވެސް ފުއްދާފައި ނުވާކަމަށް މަސްވެރިންގެ ޔޫނިއަނުން ވަނީ ބުނެފައެވެ.






