ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. ގެ ޢާންމު މަޖިލީހުގެ ހަތްދިހަނުވަވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި އެ އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއީ ރައީސުލްޖުމްހުރިއްޔާ އ.ދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމަށެވެ.
މި ދަތުރުފުޅުގައި އދ. ގެ ޢާންމު މަޖިލީހުގައި ރައީސް ތަޤުރީރު ކުރައްވާނެއެވެ. މީގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްސަ އޯޕަން ޑިބޭޓެއްގައި ރައީސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ. ގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ދިވެހިރާއްޖޭގެ ރައީސަކު ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުކަމަށް ހީނާ ވިދާޅުވިއެވެ.
މިދަތުރުފުޅުގައި އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ ސަމިޓް އޮފް ދަ ފިއުޗަރގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ. އޭގެ އިތުރުން ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ މުޚާތަބުކުރައްވައި ރައީސް ތަޤުރީރު ކުރައްވާނެއެވެ.






