ދިޔަމިގިލި ދަރިކޮޅު

ޢަބްދުﷲ ސަޢީދު
މެއި 6, 2026

ދިޔަމިގިލި ދަރިކޮޅަކީ މިހާރުގެ ތ. ދިޔަމިގިއްޔަށް މިސްބަތްވާ ރަސް ދަރިކޮޅެކެވ. މިއީ ދިވެހިރާއްޖޭގައި ހަވަނައަށް ރަސްކަން ކުރެއްވި ދަރިކޮޅެވެ. މި ދަރިކޮޅުގެ ރަސްކަން ފެށުނީ މީލާދީން 1704 ވަނަ އަހަރު، މި ދަރިކޮޅުގެ ބާނީއަކީ ދިޔަމިގިލީ ބަންޑާރައިންނާ ހަމައިންނެވެ. ދިޔަމިގިލީ ބަންޑާރައިންނަށް ބޮޑު ބަންޑާރައިން ވެސް ކިޔައެވެ. މިއީ އައްސުލްޠާން މުޡައްފަރު މުޙައްމަދު އިމާދުއްދީން (ދެވަނަ) ސިރީ ކުލަ ސުންދުރަ ސިޔާކަ ސާސްތުރަ މަހާރަދުންނެވެ. މިރަދުން ރަސްކަމަށް އިސްވުމުގެ ކުރިން ހުންނެވީ މި ދަރިކޮޅުގެ ކުރިން ރަސްކަން ކުރެއްވި އިސްދޫ ދަރިކޮޅުގެ އެންމެ ފަހުގެ ރަސްގެފާނު ކަމުގައިވާ އައްސުލްޠާން އިބްރާހީމް މުޡުހިރުއްދީނުގެ ބޮޑު ވަޒީރަކަށެވެ. އެ މަޤާމުގައި ހުންނަވައި ރަސްކަމުގެ ބޮޑުންގެ ތެރެއިން ބައެއްގެ އެއްބާލުން ހޯއްދަވައިގެން ރަސްގެފާނު ރަސްކަމުން ބާލުއްވައި ގަދަކަމުން ތަޚުތު އަތުލެއްވީއެވެ.

 

ދިޔަމިގިލި ދަރިކޮޅަށް ނިސްބަތްވާ ބޭފުޅަކަށް އެންމެފަހުން ރަސްކަން ކުރެއްވީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން (ޙާޖީ ބަންޑާރައިން) ނެވެ. ނަމަވެސް ޙާޖީ ބަންޑާރައިންގެ ކުރިން ދޮންބަންޑާރައިން ނުވަތަ އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ރަސްކަން ކުރެއްވިއެވެ.

 

ދިޔަމިގިލީ ދަރިކޮޅުގެ ރަސްކަމުގެ ދުވަސްވަރަކީ އިގުތިސާދީ ގޮތުން ރާއްޖެ ތިޔާގި ދުވަސްވަރެކެވެ. އަދި ޢިލްމަށާއި ބޭސްވެރިކަމަށް އަދި ދިވެހި ބަހަށާއި ތާރީޚަށް އަގުހުރި ޚިދުމަތްތަކެއް ކުރެވުނު ދައުރެކެވެ. އަލްޤާޟީ ޙަސަން ތާޖުއްދީން ދިވެހިތާރީޚު ލިޔުއްވުމުގެ މަސައްކަތް ފެށްޓެވީ މި ދަރިކޮޅުގެ ބާނީ ދިޔަމިގިލީ ބަންޑާރައިންގެ އަމުރުފުޅަށެވެ.

 

ދިޔަމިގިލި ދަރިކޮޅުގެ ތާރީޚުގައި ހިނގި އެންމެ ބޮޑުކަމަކީ މަލާބާރީން ނުވަތަ ހޮޅީންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިއުމެވެ. ހޮޅީން އަތްދަށަށް ދިޔައީ އަލްޤާޟީ ޙަސަން ތާޖުއްދީނުގެ ދެ ބޭފުޅުން ކަމަށްވާ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނާއި އަލްޚަތީބު އަޙްމަދު މުހިޔިއްދީނާ ދެ ބޭފުޅުން ރަސްކަމުގެ ދަހިވެތިކަމުގައި ޤައުމަށް ޚިޔާނާތްތެރިވުމުންނެވެ.

 

މި ދަރިކޮޅުން ހަތަރު ބޭފުޅަކު ރަސްކަން ކުރެއްވިއެވެ. މި ބޭފުޅުންނަކީ:-

 

1. އައްސުލްޠާން މުޡައްފަރު މުޙައްމަދު އިމާދުއްދީން (ދެވަނަ)

2.އައްސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ)

3. އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ތިންވަނަ) ކޮރުބަންޑައިން

4. އައްސުލްޠާން ކުޙައްމަދު ޣިޔާޘުއްދީން (ޝަހީދުކުރި ބަންޑާރައިން ނުވަތަ ޙާޖީ ބަންޑާރައިން)

 

ދިޔަމިގިލި ދަރިކޮޅުގެ ރަސްކަން މެދުކެނޑިގެން ދިޔައީ އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީންގެ ރަސްކަމުގައެވެ. އެއީ މަލާބާރީން (ހޮޅިން) ރާއްޖެ ހިފުމާ ގުޅިގެންނެވެ. މި ހާދިސާގައި ރަދުންނާއި ވަލީ އަހުދަކަށް ހުންނެވި މުޙައްމަދު މަނިކުފާނު (ފަހުން ޣިޔާޘުއްދީން ރަދުން) ކަންނަންނޫރަށް ގެންދިޔައެވެ. މަލާބާރީންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށް ދެއްވައި އެންމެ ފުރަތަމަ ދޮންބަންޑާރައިން ރަސްކަން ހިންގަވައިދެއްވީ ދިޔަމިގިލީ ދަރިކޮޅުގެ ދެ އަންހެން ބޭފުޅެއްގެ ނަންފުޅުގައެވެ. ފުރަތަމަ ރަސްކަން ހިންގަވައި ދެއްވީ މި ދަރިކޮޅުން ދެވަނައަށް ރަސްކަން ކުރެއްވި އިބްރާހީމް ރަސްގެފާނުގެ ދަރިކަނބަލުން އާމިނާ ކަނބާފާނުގެ ނަންފުޅުގައެވެ. އޭގެފަހުން މަލާބާރީން ރަހީނުކޮށްގެން ގެންދިޔަ ކޮރުބަންޑަރައިންގެ ދަރިކަނބަލުން އާމިނާ ރަނިކިލެގެފާނުގެ ނަންފުޅުގައެވެ.

 

ދިވެހިރާއްޖޭގެ ރަސްކަމުގެ ތަޚުތަށް އަރައިވަޑައިގަތުމަށް ދެކޮޅު ހެއްދެވުމަށް ފަހުގައި ވެސް ޤައުމުގެ ހާލަތު އޮތްގޮތުން އެންމެފަހުން ދޮންބަންޑާރައިން (އަލްޣާޒީ ޙަސަން ޢިއްޒުއްދީން) ދިވެހިރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަތެވެ. ދިޔަމިގިލީ ދަރިކޮޅަށްފަހު ދިވެހިރާއްޖޭގައި އޮތީ ހުރާ ދަރިކޮޅުގެ ރަސްކަމެވެ.

 

ފޮޓޯތަކުގެ ތަޢާރަފު:

ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުންނަ އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތް (ފޮޓޯ: ނާޖިޙް)

އިބްރާހީމް ރަސްގެފާނުގެ ޒިޔާރަތުގެ އެތެރެ (ފޮޓޯ: ޤައުމިއްޔަތު ވެބްސައިޓް)

ދިޔަމިގިލީގައި ހުންނަ ދިޔަމިގިލީ ގަނޑުވަރު (އަސްލު ނިއުސް 2023)

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *