ޓުރަމްޕު ބުނަނީ އީރާނުގެ އަސްކަރީ ޤާބިލުކަން ނައްތާލާފައިވާ ކަމަށް!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
މެއި 6, 2026

ޓުރަމްޕް ބުނާ ގޮތުން ”އީރާނުގެ ކަނޑުގެ ސިފައިންނެއް ނެތެވެ. ވައިގެ ސިފައިންނެއް ނެތެވެ. ރާޑަރެއް ނެތެވެ. އަދި އިސްދާނަކަމެއް ނެތެވެ.“ އަދި، އެމެރިކާގެ ”ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅެވެ.“

އެހެންވެއްޖެއްޔާ، ހަމައެކަނި އެމެރިކާގެ ދެ ޑިސްޓްރޯޔަރ ބޯޓް އައިކޮޅަށް ފަހަތަށް ފޮނުވާލީ ކޮންބައެއް ހެއްޔެވެ؟ ހުރުމޫޒު ކަނޑުއޮޅީގައި އެ އުޅެނީ ޖިންނީން ހެއްޔެވެ؟ ޓުރަމްޕުގެ އެ ދަޢުވާތައް، ހަމައެކަނި ފާއިތުވި 24 ގަޑިއިރުގެ ޙާދިސާތަކާ އެއްގޮތަށް ތަޙުލީލު ކޮށްލަމާ ހިނގާށެވެ!

 

މީގެ 24 ގަޑިއިރު ކުރިން އީރާނުގެ މިސައިލްތަކާއި، ޑްރޯންތަކުން ޢަރަބި ޢިމާރާތަށް ޙަމަލާދީ، ފުޖައިރާގެ ތެޔޮ ކާރުޚާނާތަކުގައި އަލިފާން ރޯކޮށް، ދުބާއީ އާއި ޝާރުޖާގެ މަތީގައި ދަތުރުކުރާ ފްލައިޓްތަކުގެ ދަތުރުތައް ކެންސަލްކުރަން މަޖުބޫރު ކުރިއެވެ.

 

އިއްޔެ އެމެރިކާގެ ނޭވީގެ ދެ ޑިސްޓްރޯޔަރެއް ކަމަށްވާ ޔޫ.އެސް.އެސް މައިކަލް މާފީއާއި، ޔޫ.އެސް.އެސް ފްރޭންކް އީ.ޕީޓާރސަން، ފުލް އޭ.އައި.އެސް ސިގުނަލްގައި އެމީހުންގެ ހާޒިރީ ބްރޯޑްކާސްޓް ކުރަމުން، ހުރުމޫޒް ކަނޑުއޮޅިއަށް ވަދެ އުޅެނިކޮށް، އީރާނުގެ އިންޤިލާބީ ގާޑުންގެ ރޭޑިއޯ އިންޒާރަކާއި، އެންމެ ޑްރޯނެއް ފޮނުވާލުމުން އައިކޮޅަށް ފަހަތަށް އަނބުރާލިއެވެ. ހުރުމޫޒު ކަނޑުއޮޅި އަދިވެސް އޮތީ ބަންދުކޮށްފައެވެ. ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން ވިޔަފާރި އެއްވެސް ޓޭންކަރެއް މިނިވަންކަމާއެކު އެތަނުން ދަތުރުކޮށްފައި ނުވެއެވެ.

އެއީ، ޓުރަމްޕު އެބުނާ ކަނޑުގެ ސިފައިން ނެތް އީރާނެވެ. އަދި އެއްވެސް ކަމެއް ކުރެވޭނެ ކަމަށް ނުބެލެވޭ އީރާނެވެ. އެކަމަކު، ހުރުމޫޒު ކަނޑުއޮޅި އޮތީ އަދިވެސް ބަންދުކޮށްފައެވެ.

އެމެރިކާ، އީރާނު ހަނގުރާމައިގެ ތެރޭގައި މިހާތަނަށް އެތައް ފަހަރަކު ޓުރަމްޕް ވަނީ އީރާނުގެ އަސްކަރިއްޔާ ނައްތާލެވިފައިވާ ކަމަށް ތަކުރާރުކޮށް އިޢުލާން ކޮށްފައެވެ. އޭނާ އެންމެ ފުރަތަމަ އެހެން ބުނެފައި ވަނީ، މިއަހަރު މާރިޗް މަހުގެ ތެރޭގައެވެ. އޭގެފަހުން، އޭނާ އެހެން ބުނެފައިވަނީ މިއަހަރު އޭޕްރީލް މަހުގެ ތެރޭގައެވެ. އަނެއްކާ އިއްޔެވެސް އެބުނަނީ އީރާނުގެ އަސްކަރިއްޔާ ނައްތާލެވިފައިވާ ކަމަށެވެ.

އޭނާ އެގޮތަށް ބުނާ ކޮންމެ ފަހަރަކު އީރާނުން ޤަލްފުގެ ކޮންމެވެސް ޤައުމެއްގެ ވެރި ރަށަށް މިސައިލް ޙަމަލާއެއް ފޮނުވާލައެވެ. އެމެރިކާގެ ހަނގުރާމަވެރި ކޮންމެވެސް މަނަވަރެއް އައިކޮޅަށް ފަހަތަށް އަނބުރާ ފޮނުވާލައެވެ. ނުވަތަ ކޮންމެވެސް ހުށަހެޅުމެއް އީރާނުން ހުށަހަޅައެވެ. އަދި، ހަނގުރާމަ ކާމިޔާބު ކޮށްފައިވާ ކަމަށް ހެދިގެން ވޮޝިންޓަނުން އަނބުރާ މަޝްވަރާގެ މޭޒަށް އަންނަން މަޖުބޫރުކޮށްލައެވެ.

މިއީ، ޤައުމެއް ބަލިކޮށް، އެ ޤައުމުގެ އަސްކަރީ ހާޑްވެއާ ނައްތާލާފައިވާ ކަމަށް ބުނާ މީހާގެ ފިކުރާއި، އިހުސާސްތައް ހަމައިން ނެއްޓިފައިވާ މިންވަރު ދައްކުވައިދޭ ނަމޫނާއެކެވެ. އީރާނުގެ އަސްކަރީ އާލާތްތައް ވަނީ ގެއްލިފައެވެ. އީރާނުގެ އަސްކަރީ އުސޫލުތައް ވަނީ ގެއްލިފައެވެ. އީރާނުގެ މުއައްސަސާތީ ޢިލްމު ވަނީ ގެއްލިފައެވެ. އަދި އީރާނުގެ އަތްފޯރާފަށުގައި ތިބި ބަޔަކާ ދެކޮޅަށް ޙަމަލާއެއް ދިނުމުގެ ޤާބިލުކަން ވަނީ ގެއްލިފައެވެ.

އަދި، އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނުގެ އިންޖީނުގެތަކާއި، ތެޔޮ ވަޅުތަކާއި، ޚަރުޤު ޖަޒީރާއާއި، އަދި މީރުފެން އުފައްދާ ޕްލާންޓްތައް ނައްތާލާނެ ކަމުގެ އިންޒާރުވެސް ޓުރަމްޕް ވަނީ ދީފައެވެ. އެކަމަކު، އެ އިންޒާރުތައް އެންމެފަހުން ވެފައިވަނީ ޖަމަލުފޮޑިއަށެވެ. ހުރުމޫޒު ކަނޑުއޮޅި އޮތީ އަދިވެސް ބަންދުކޮށްފައެވެ. އީރާނާއި، އެމެރިކާގެ މަޝްވަރާތައް ނުހުއްޓި ދަނީ ކުރިއަށެވެ. އަދި އީރާނުގެ މިސައިލް ޙަމަލާތަކަށް ހުއްޓުމެއް ނާދެއެވެ.

ކަނޑުގެ ސިފައިން ނެތް ޤައުމަކުން، އެމެރިކާގެ ކަނޑުގެ ސިފައިން ފަހަތަށް ޖައްސާލައެވެ. އިސްދާނަކަމެއް ނެތް ޤައުމަކުން، އެމެރިކާގެ ޑިޕްލޮމެސީއާ އެކު ތިންބުރަށް މަޝްވަރާތައް ބާއްވައިފިއެވެ. ވައިގެ ސިފައިން ނެތް ޤައުމަކުން ހަމައެކަނި ދުބާއީގެ އެއާޕޯޓްތައް ބަންދުކުރުމަށް މަޖުބޫރުކޮށްފިއެވެ.

ޓުރަމްޕު ބުނަނީ ”އަހުރެމެންގެ ހުރިހާ ކަމެއްވެސް މިދަނީ ވަރަށް ރަނގަޅަށް“ ކަމަށެވެ. ފަހަރެއްގައި، އީރާނަކީ މިހާރު ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ނެތް ޤައުމަކީ ތާއެވެ. އެހެން ނޫނީ ޓުރަމްޕަށް މަޢުލޫމާތުދޭ، ހަނގުރާމައާ ބެހޭ ވަޒީރު ”ޑިފީޓް ހެޑްސެޓް“ ދޮގު ހަދަނީތާއެވެ. ކޮންމެއަކަސް އީރާނުގެ އަސްކަރީ ހާޑްވެއަރއަށް ވުރެ، އެމެރިކާގެ އަސްކަރީ ހާޑްވެއަރއަށް ލިބުނު ގެއްލުންތަކެއް ވަކި ކުޑައެއް ނޫނެވެ. ޚަބަރުފަތުރާ ވަސީލަތްތަކާއި، މުޙައްލިލުންގެ ރިޕޯޓްތަކުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *