ސަހާރާ ސަހަރާއަކީ ދުނިޔޭގެ އެންމެ ބޮޑު، އަދި އެންމެ ހޫނުގަދަ ސަހަރާއެވެ. އުތުރު އެފްރިކާގެ ހުރިހާ ހިސާބަކަށް ފެތުރިފައިވާ، ސަހާރާ ސަހަރާގެ ބޮޑުމިނަކީ ގާތްގަނޑަކަށް 3.6 މިލިއަން އަކަ މޭލު ނުވަތަ 9.2 މިލިއަން އަކަ ކިލޯމީޓަރެވެ. އެ ސަހަރާއަކީ އެފްރިކާ ބައްރުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައެވެ. އެޓްލާންޓިކް ކަނޑުން ފެށިގެން ރަތް ކަނޑާ ހަމައަށް ދެމިގެން ގޮސްފައިވާ، އެ ސަހަރާއަކީ އިންތިހާއަށް ހޫނު، ހިލަ ފަރުބަދަތަކާއި، ވާދީތަކާއި، ބޮޑެތި ވެލިފަރުބަދަތައް ހުންނަ ތަނެކެވެ. އެތަނުގެ ހޫނުމިން 136 ޑިގްރީ ފޭރެންހައިޓަށް ނުވަތަ 59 ޑިގްރީ ސެލްސިއަސްއަށް އަރައެވެ. އެ ސަހަރާ 11 ޤައުމެއް ޙިއްޞާކުރެއެވެ. އެގޮތުން އަލްޖީރިއާއާއި، ޗާޑާއި، މިސްރާއި، ލީބިޔާއާއި، މާލީއާއި، މޮރިޓޭނިއާއާއި، މޮރޮކޯއާއި، ނައިޖަރާއި، ސޫދާނާއި، ޓިއުނީޝިއާއާއި، އަދި ހުޅަނގު ސަހާރާ ހިމެނެއެވެ.
1960 ވަނަ އަހަރު، އަލްޖީރިއާގެ ސަހާރާ ސަހަރާގައި،
ފަރަންސޭސިވިލާތުގެ ފުރަތަމަ އެޓޮމިކް ބޮން ގޮއްވާލިއެވެ. އެއީ ހިރޯޝިމާއަށް ވައްޓާލި ނިއުކުލިއާ ބޮމަށްވުރެ ހަތަރު ގުނަ ބާރުގަދަ ބޮމެކެވެ. އެ ބޮން ގޮއްވާލުމާއެކު، ބޮޑު ހަންޑިކުޑަ ވިލާގަނޑެއް ޖައްވުގެ ތެރެއަށް އަރައިގެން ދިޔައެވެ. އިންތިހާއަށް ގަދަ ހޫނުގެ ސަބަބުން ސަހަރާގެ ވެލިގަނޑު ކަޅުކުލައިގެ ބިއްލޫރިއަށް ބަދަލުވެގެން ދިޔައެވެ. ފަރަންސޭސިވިލާތުގެ ރައީސް ޗާލްސް ޑިގޯލް އުފާފާޅުކުރަމުން ވިދާޅުވިއެވެ. ”ފަރަންސޭސިވިލާތް ޒިންދާބާދު!“
ފަރަންސޭސިވިލާތުން ބުނެފައިވާ ގޮތުގައި އެ ބޮން ގޮއްވާލި ސަރަޙައްދަކީ މީހުން ނޫޅޭ ފަޅު ތަނެކެވެ. އެކަމަކު، އެއީ ބުހުތާނު ދޮގެކެވެ. އެ ބޮންގޮއްވާލި ސަރަޙައްދާ ކައިރީގައި 30،000 އަށް ވުރެ ގިނަ މީހުން ދިރިއުޅުނެވެ.
ޠަވާރިޤުގެ ބަދަވީންނާއި، ދަނޑުވެރިންނާއި، ރަށްފުށުގެ އަހުލުވެރިން އެހިސާބުގަނޑުގައި ދިރިއުޅުނެވެ. އެއްވެސް މީހަކަށް އިންޒާރެއް ނުދެއެވެ. ގަޑިއެއްހާއިރުގެ ތެރޭގައި ރޭޑިއޯއެކްޓިވް ޕާޓިކަލްތައް މުޅި އެފްރިކާގެ، އަލްޖީރިއާ، ސެނެގާލް، އައިވަރީ ކޯސްޓް، ސޫދާނުގެ ސަރަޙައްދަށް ފެތުރިގެން ދިޔައެވެ. އެކަމަކުވެސް، ފަރަންސޭސިވިލާތުން ތަޙުލީލުކުރުން ހުއްޓައެއް ނުލިއެވެ.
1960 އާއި 1966 އާ ދެމެދު، މަދުވެގެން 17 ނިއުކްލިއާ ޓެސްޓް، ސަހާރާ ސަހަރާތެރޭހައި ކުރިއަށް ގެންގޮސްފައިވެއެވެ. 4 ޓެސްޓެއް ހަދާފައިވަނީ ވައިގެ ތެރޭގައެވެ. އަދި ބިމުގެ އަޑީގައި 13 ޓެސްޓެއް ހަދާފައިވެއެވެ. 1962 ވަނަ އަހަރު، އަލްޖީރިއާއަށް މިނިވަންކަން ލިބުނު ފަހުންވެސް، ފަރަންސޭސިވިލާތުން، ނިއުކުލިއަރ ޓެސްޓުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، އަލްޖީރިއާއަށް މިނިވަންކަން ލިބުނު ފަހުން، އިތުރު 11 ޓެސްޓެއް ހަދާފައިވެއެވެ. އަލްޖީރިއާ ސަރުކާރަށް އެމީހުން ހުއްޓުވޭނެ ގޮތެއް ނެތެވެ. އެންމެފަހުން ފަރަންސޭސިވިލާތުން، ސަހާރާ ސަހަރާ ކުއްޔަށް ދިނުމަށް އަލްޖީރިއާއަށް މަޖުބޫރުކުރިއެވެ. އެ ސައިޓުގައި ލޭބަރުންގެ ގޮތުގައި މަސައްކަތް ކުރުވީ އަލްޖީރިއާގެ ރައްޔިތުން ލައްވައެވެ. އެމީހުންނަށް އެއްވެސް ރައްކާތެރިކަމެއް، ޙިމާޔަތެއް ފޯރުކޮށްދީފައި ނުވެއެވެ. އެއްވެސް މަޢުލޫމާތެއް ނުދެއެވެ. އާޚިރު ނަތީޖާއަކަށްވީ، މަދުން ނޫނީ ނުފެންނަ ބަލިތަކުގެ ޝިކާރައަކަށްވެ، އެތައް ބަޔަކު މަރުވުމެވެ. އެމީހުންނަށް، އެކަމުގެ ޙަޤީޤަތެއް ދުވަހަކުވެސް އެނގިފައި ނުވެއެވެ.
1962 ވަނަ އަހަރު، މެއި މަހު ފަރަންޖީން ކުރި ތަޖުރިބާއެއް ގޯސްވިއެވެ. އަދި، ރޭޑިއޯއެކްޓިވް ހިރަފުސް ވައިގެ ތެރެއަށް އަރައިގެން ދިޔައެވެ. ފަރަންސޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން އަލްޖީރިއާ ދޫކޮށް ފިލައިގެން ދިޔައިރު، އަލްޖީރިއާގެ ރައްޔިތުން ތިބީ އެތަނުގައި ތާށިވެފައެވެ. އަދި، ހުރިހާ ނިއުކުލިއާ ކުނިބުންޏެއް، ފަރަންސޭސިވިލާތުން ވަޅުލީ އެސަހަރާގެ ތެރޭގައެވެ. އޭގެއިތުރުން، އެ ސަރަޙައްދުތައް ފާހަގަކޮށްދޭ ޗާޓުތައް އާންމު ކުރުމަށްވެސް ދެކޮޅު ހެދިއެވެ. އޭގެ ދިހަވަރަކަށް އަހަރު ފަހުން އޭގެ އަސަރުތައް ފާޅުވާން ފެށިއެވެ. އެގޮތުން، ކެންސަރާއި، ލިއުކީމިއާއާއި، ތައިރޮއިޑުގެ ކެންސަރާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިން އުފަންވުން ފަދަ އެތައް މުޞީބާތެއް ކުރިމަތިވެ، މުޅި ސަރަޙައްދަށް އޭގެ އަސަރު ކުރިއެވެ. މިއީ ވިހިވަނަ ގަރުނުގެ ތެރޭގައި، ފަރަންސޭސި އިސްތިޢުމާރީން ހިންގި އެންމެ ބޮޑު އެއް ޖަރީމާގެ ގޮތުގައި ބެލެވެއެވެ.






