އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް/ފޮޓޯ އެސްޓީއޯ

ހިދުމަތްތައް ފޯރުކޮއްދިނުމުގައި ޔަގީންކަމާއެކު ދެމިތިބޭނަން: އެސްޓީއޯ

މުހައްމަދު އަލީ
ސެޕްޓެމްބަރ 19, 2024

އިޤްތިސާދީ މުހިންމުކަންކަމުގައި އެސްޓީއޯއިން ފޯރުކޮށްދެވޭ އެންމެހާ ހިދުމަތްތައް ފޯރުކޮއްދިނުމުގައި ކުންފުނި ދެމިއޮންނާނޭ ކަމުގެ ޔަގީންކަން އެ ކުންފުނީން ދީފިއެވެ.

އެކުންފުނީގެ ފަރާތުން މިޔަގީންކަން ދިނީ މެނޭޖިންޑިރެކްޓަރ ޝިމާދު އިބްރާހީމެވެ. އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެސްޓީއޯއިން ބުނީ ބަންކަރިންގެ ހިދުމަތް ރާއްޖެއިން ފެށީ ބައިނަލްއަގުވާމީ މެރިޓައިމް އިދާރާތަކުން ގަބޫލުކުރާ އައިއެސްޕީއެސް ކޮމްޕްލައިންޓް ޕޯޓް ފެސިލިޓީއަކާ ވެސް އެކުކަމަށެވެ. މީގެ އިތުރަށް ރާއްޖެއަކީ މެރިޓައިމް ދާއިރާގެ މުއާހަދާ އައިއެމްއޯ ސޮލަސް މުއާހަދާގެ ފަހުގެ އިސްލާހުތަކާ އެކު ތަސްދީގުކޮށް، އެ މުއާހަދާއަށް އަމަލުކުރަމުން އަންނަ ގައުމެކެވެ. އަދި މާޕޯލްގެ ގިނަ ޗެޕްޓަރތައް ވެސް ރާއްޖެއިން ވަނީ ފުރިހަމަކޮށްފައެވެ.

ބަންކަރިން ހިދުމަތަކީ މުޅި ދުނިޔޭގައި ވެސް ހިފެހެއްޓިފައިވާ ހަރުދަނާ، ހާއްސަ  އުސޫލުތަކެއްގެ ދަށުން ދެމުން އަންނަ ވަރަށް ރައްކާތެރި ހިދުމަތެކެވެ. ރާއްޖޭގައި ވެސް އެ ހިދުމަތް އެސްޓީއޯއިން ފެށީ ދުނިޔޭގައި އެކަންކުރާ އެންމެ މަތީފެންވަރުގެ ސަލާމަތީ ކަންކަން ބަލައިގެން ކަމަށް އެސްޓީއޯއިން ބުންޏެވެ. އެގޮތުން ބަންކަރިން ހިދުމަތް ދޭނެ އޮފް ޕޯޓް ލިމިޓް ޒޯން ވަނީ ކަނޑައެޅިފަ އެވެ. އަދި ބަންކަރިން ހިދުމަތް ދޭ އުޅަނދުތަކުން ބޭނުންވާ ލިޔެކިޔުންތަކުގެ ކަންކަން ހަމަޖެއްސުމާއި އެހެނިހެން ހުއްދަތަކާއި ސަލާމަތީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ކަސްޓަމްސް އާއި އިމިގްރޭޝަން އަދި ސިފައިންގެ ފެސިލިޓީތައް ހިމެނޭ ގޮތުން ބަންކަރިން ހިދުމަތަށް ހާއްސަ އޮފީސްތައް ވަނީ އެ ސަރަހައްދުގައި ގާއިމްކޮށްފައެވެ. އަދި އިންޓަރނޭޝަނަލް ބަންކަރިން ހިދުމަތަށް ރާއްޖެ ސަރަހައްދަށް ވަންނަ އުޅަނދުފަހަރުން ފައިބާ ފަޅުވެރިން ތިބެން ޖެހޭނީ ހާއްސަ އެ ސަރަހައްދުގައި އެކަންޏެވެ. އަދި މިކަންކަން ކަށަވަރުކުރުމުގައި ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ އުސޫލުތަކަށް ރާއްޖެއިން އަމަލުކުރާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

 

މި ލިޔުމާ ގުޅޭ