"އެކްސަސައިޒް އެކަތަ" ނިންމާލައިފި

މުހައްމަދު އަލީ
ޑިސެމްބަރ 17, 2025

އެމްއެންޑީއެފާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ”އެކްސަސައިޒް އެކަތަ“ގެ އަށްވަނަ ސިލްސިލާ، ކާމިޔާބުކަމާ އެކު ނިންމާލައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މި އެކްސަސައިޒް ނިންމުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ހެޑްކްއޯޓަރޒްގައި ޑިސެންބަރު 16ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ނޮވެންބަރު 20އިން ޑިސެންބަރު 17ވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފާއި އިންޑިއަން ނޭވީން ގުޅިގެން ހިންގި މި އަހަރުގެ އެކްސަސައިޒްގައި އެމްއެންޑީއެފް މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ އޮޕަރޭޓިވްސްއާއި އެމްއެންޑީއެފް މެރިން ކޯރ، އެމްޑީޔޫތަކުގެ މެރީންސްގެ އިތުރުން އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރއާއި އެމްއެންޑީއެފް ސަރވިސް ކޯރއަށް ނިސްބަތްވާ ސިފައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އެކްސަސައިޒްގައި ކްލޯސް ކުއަރޓާ ބެޓަލް، ބްރީޗިންގ ޓެކްނީކްސް، ލައިވް ފަޔަރިން، ވީބީއެސްއެސް، ސްޕެޝަލް ހެލިބޯން އޮޕަރޭޝަން، އަންޑަރ ވޯޓަރ ޑިމޮލިޝަން އަދި އެއަރ ޑައިވިން (ސަރފޭސް ސަޕްލައި) ފަދަ ބައިތަކުގެ ތަމްރީނުތައް ވަނީ ފަރިތަކޮށްފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިންޑިއަން ހައިކޮމިޝަނަރ، ޝްރީ ޖީ ބަލަސުބްރަމަނިއަންއާއި، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއަން ނޭވީގެ ޑެޕިއުޓީ ޗީފް އޮފް ނޭވަލް ސްޓާފް، ވައިސް އެޑްމިރަލް ތަރޫން ސޮބްތީއާއި، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހިމާއި، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް، ކާނަލް އިސްމާޢީލް ނަޞީރާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޓާޗޭ، ކެޕްޓަން ދީޕަކް ބާލީގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު އިފާޒް ބައިވެރިވެވަޑައިގެންނެވިއެވެ.

 

މި ލިޔުމާ ގުޅޭ