އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނަނީ ޔަހޫދީންނަށް އޭނާ ކޮށްދިން ވަރުގެ ޚިދުމަތެއް ކޮށްދިން ވެރިއެއް އެމެރިކާ ދެކެފައި ނުވާ ކަމަށެވެ. ޓްރަމްޕް ބުނަނީ އަދިވެސް ޔަހޫދީންނަށް ތާއީދު ކުރުމަށް ފަސްނުޖެހޭ ކަމަށެވެ.
ޓްރަމްޕް ބުނެފައި ވަނީ އިސްލާމް ދީނާ ދެކޮޅަށް ހަނގުރާމަ އިއުލަން ކުރަން ޖެހޭ ކަމަށެވެ.
”ރެޑިކަލް އިސްލާމީ ޓެރަރިޒަމް“ އާ ދެކޮޅަށް ބައިނަލްއަގްވާމީ ހަނގުރާމައެއް ފެށުމަށް ގޮވާލާ ކަމަށް ވައިޓްހައުސްގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުންޏެވެ. އޭނާ ވާހަކަ ދެއްކީ ސިޑްނީގެ ބީޗްގައި ދިން ހަމަލައަކުން ބަޔަކު މީޙުން މަރުވުމާ ގުޅިގެންނެވެ. އެހަމަލާގައި މީހުން ސަލާމަތް ކޮށްދިން ބަޠަލަކީ އަހުމަދު އަލްއަޙުމަދު ނަމަކަށް ކިޔާ ބަޠަލެކެވެ.
ޓްރަމްޕް ވަނީ އިޒްރޭލުގެ ނުފޫޒާއި ތާއީދު އެމެރިކާގައި ކުޑަވަމުން ދާތީ އެކަމަށްވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އޭނާ ބުނެފައި ވަނީ މީގެ ދިހަ އަހަރު ކުރިން އެމެރިކާގެ ސިޔާސަތަށް ނުފޫޒު ފޯރުވާ ގްރޫޕްތަކުގެ ތެރެއިން އެންމެ ވަރުގަދަ ގްރޫޕަކީ ޔަހޫދީންނަށް ތައީދު ކުރާ މީހުންނެވެ. މިހާރު އެމީހުންގެ ނުފޫޒު ފަނޑުވެފައިވާ ކަމަށް ބުންޏެވެ.
އެމެރިކާގެ ސިޔާސީ މައިދާނުގެ ތެރޭގައި، ޚާއްސަކޮށް ކޮންގްރެސްގައި އިޒްރޭލަށް ފާޑުކިޔުން ފާޅުކަން ބޮޑުކޮށް އިތުރު ވަމުންދާ ކަމަށް އޭނާ އިންޒާރު ދިނެވެ.
ޓްރަމްޕް ބުނަނީ ޣައްޒާ ހަނގުރާމައާ ހެދި އިޒްރޭލުގެ މަގްބޫލުކަން ގެއްލިފައިވާ ކަމަށެވެ. އަދި އެ މަގްބޫލުކަން ހޯދުމަށް އަލުން މަސައްކަތް ކުރުމަށް އޭނާ ގޮވާލިއެވެ.






