މެލޯނީއަށް ލިބިވަޑައިގަތް ޑިޕްލޮމެޓިކް ހަދިޔާތައް ނީލަމުގައި ވިއްކާލަންނިންމަވައިފިއެވެ. ރަސްމީ ދަތުރުފުޅުތަކުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންގެ ފަރާތުން އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއަށް ލިބިވަޑައިގެންފައިވާ ޑިޕްލޮމެޓިކް ހަދިޔާތައް ނީލަމުގައި ވިއްކާލައްވައި، އެއިން ލިބޭ އާމްދަނީ ޚައިރާތަށް ހޭދަކުރުމަށް ނިންމެވިކަން އެކަމަނާ އިއުލާނު ކުރައްވައިފިއެވެ.
މިކަން ފެށުނީ އިދިކޮޅު މެންބަރެއް ކަމަށްވާ ފްރެންޗެސްކޯ ބޮނިފަޒީ، މެލޯނީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ލިބިވަޑައިގަތް ހަދިޔާތަކުގެ ލިސްޓެއް ހާމަކުރުމަށް އެދިވަޑައިގަތުމުންނެވެ. ބޮނިފަޒީ ފާހަގަކުރެއްވި ގޮތުގައި، މިހާތަނަށް 270 ހަދިޔާ މެލޯނީއަށް ލިބިވަޑައިގެންފައި ވާނެއެވެ. އަދި، އެ ހަދިޔާތަކުގެ ޖުމްލަ އަގު 800،000 ޔޫރޯ (ގާތްގަނޑަކަށް 13.5 މިލިއަން ދިވެހި ރުފިޔާ) އަށް އަރާނެއެވެ.
މިކަމަށް ރައްދު ދެއްވައި، މެލޯނީ ވަނީ 11 ސަފްހާގެ ތަފްސީލީ ލިސްޓެއް ޕާލަމެންޓަށް ފޮނުއްވާފައެވެ. މި ލިސްޓުގައި ހިމެނެނީ، ސްލޮވާކިއާއިން ލިބުނު އަގުބޮޑު ގަހަނާ ފޮއްޓަކާއި، މޯލްޑޯވާއިން ލިބުނު ނާދިރު ފެންކުލައިގެ ކުރެހުމަކާއި އަދި އަޖެންޓީނާގެ ރައީސް ދެއްވި ބުދެއް ފަދަ ތަކެއްޗެވެ.
އިޓަލީގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުން، 300 ޔޫރޯއަށް ވުރެ އަގުބޮޑު ހަދިޔާއެއް މަސްއޫލުވެރިއަކަށް ލިބިވަޑައިގެންފިނަމަ އެއީ ދައުލަތަށް މިލްކުވާ ބަނޑާރަ އެއްޗެކެވެ. އަދި އެފަދަ އެއްޗެއް އަމިއްލަ މިލްކެއްގެ ގޮތުގައި ބެހެއްޓިގެން ނުވާނެ އެވެ.
މި ނީލަމަށް ފާޑު ކިޔާމީހުން ބުނަނީ މިއީ މި ހަދިޔާ ދިންފަރާތްތަކުގެ ހަދިޔާތަކަށް އިހާނާތެއް ކަމަށެވެ.






