ކޮންމެ އަހަރަކުވެސް އަހަރު ނިމޭއިރު މީޑިއާގައި ބާބާ ވާންގާ ފާދިރީގެ ލަފާ ކުރުން ޝާއިއު ކުރެއެވެ. އޭނާއަކީ ލޯފަން އަންހެނެކެވެ. ބަލްގޭރިއާގެ މި ފާދިރީ އަންނަ އަހަރަށް އޭނާ ލަފާކޮށްފައިވާ ކަންކަން މިހާރު މިވަނީ މީޑިއާގައި އެނބުރެން ފަށައިފިއެވެ.
އޭނާ ވަނީ ދުނިޔެއަށް ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާތަކާއި، ސައިންސްގެ ދާއިރާއިން އަންނާނެ އިންގިލާބީ ކުރިއެރުންތަކާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ.
ބާބާ ވާންގާ ބުނެފައި ވަނީ، 2026 ވަނަ އަހަރު ދުނިޔޭގެ ބޭރުން އަންނަ އައު ޙަޟާރާތެއްގެ ބަޔަކާ ދުނިޔޭގެ މީހުން މުޢާމަލާތު ކުރަން ޖެހިދާނެ ކަމަށެވެ.
މީގެ އިތުރުން، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ހީނުކުރާ ފަދަ ހަމަނުޖެހުންތަކެއް ހިނގާނޭ ކަމަށެވެ. އޭގެ ސަބަބުން ތިންވަނަ ބޮޑު ހަނގުރާމަ ފެށިދާނެ ކަމަށް އޭނާ ވަނީ ލަފާ ކޮށްފައެވެ. މީގެ އިތުރުން އޭނާވަނީ ބިންހެލުން، އަލިފާން ފަރުބަދަ ގޮވުން، އަދި ނުރައްކާތެރި މޫސުމީ ގުދުރަތީ ކާރިސާތައް އިތުރުވެދާނޭ ކަމަށް ވެސް ލަފާކޮށްފައެވެ.
ސައިންސްގެ ދާއިރާއިންވެސް 2026 ވަނަ އަހަރަކީ ގިނަ ކުރިއެރުންތަކެއް ފެނިގެންދާނޭ އަހަރެއް ކަމަށް އޭނާ ބުނެފައި ވެއެވެ. އޭގެ ތެރޭގައި ކެންސަރަށް އައުފަރުވާއެއް ހޯދާނޭ ކަމަށް އޭނާ ބުނެފައިވެއެވެ. އޭގެއިތުރުން އިންސާނާގެ ހަށިގަނޑުގައި މަސްނޫއީ ގުނަވަންތައް އިންދުމާއި މަސްނޫއީ ބުއްދީގެ ދާއިރާއިން ސިނާއަތުތައް ބައްޓަން ކުރާނެ ކަމަށް އޭނާ ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން ވީނަސްގެ ސަތަހައިން މައުދަން ނެގުމުގެ މަސައްކަތް 2026 ގައި ފަށާނެ ކަމަށް ބާބާ ވަނީ ލަފާކޮށްފައެވެ.
އޭނާ ބުނެފައިވާ ނުވަތަ ލަފާކޮށްފައިވާ ކަންތައްތަކަކީ:
- އައު ޙަޟާރަތަކާ އިންސާނުންނާ ބައްދަލުވުން.
- ނޮވެމްބަރު 2026 ގައި ބޮޑު ޖައްވީ އުޅަނދެއް ދުނިޔެއަށް އައުން.
- އިންސާނިއްޔަތަށް ތާރީޚީ ބަދަލެއް އައުމުގެ ނިޝާނެއް.
- ތިންވަނަ ބޮޑު ހަނގުރާމައިގެ ފުރުސަތު ބޮޑުކަން.
- ޗައިނާ، ރަޝިޔާ، އެމެރިކާގެ މި ގައުމުތަކުގެ މެދުގައި ދެބަސްވުންތައް އިތުރުވުން.
- ގުދުރަތީ ބޮޑެތި ކާރިސާތައް އިތުރުވުން.
- ބޮޑެތި ބިންހެލުންތަކެއް އައުން.
- އަލިފާން ފަރުބަދަތައް ގޮވުން.
- ދުނިޔޭގެ ބިމުގެ ސަރަހައްދުގެ 8 އިންސައްތައަށް އަސަރުކުރާނޭ ފަދަ މޫސުމީ ކާރިސާތައް ލައިގަތުން.
- ބޭސްވެރިކަމުގެ ދާއިރާއިން ކުރިއެރުންތައް ލިބުން.
- ލޭގެ ޓެސްޓު ހަދައިގެން ކެންސަރުގެ ފަރުވާއަށް ކުރިއެރުން ލިބުން.
- ކެންސަރު ހޯދައިގަންނަ އައު ޓެކްނޮލޮޖީތައް އައުން ނުވަތަ ދެނެގަތުން.
- އޭއައި އިން ބޮޑެތި ސިނާއަތްތަކުގައި އިސް ދައުރެއް އަދާކުރުން.
- އިންސާނުންގެ ބޭނުންތަކަށް މަސައްކަތް ކުރާ މަތީފެންވަރުގެ އޭއައި ވަސީލަތްތައް ތަރައްގީވުން.
- ޖައްވުގައި ހަކަތަ ހޯދުމަށް މަސައްކަތް ކުރުން.
- ވީނަސްއިން މައުދަން ނަގަން ފެށުން.
- މަސްނޫއީ ގުނަވަންތައް އިންދަން ފެށުން.
އޭގެ ތެރޭގައި ހިމެނެނީ:
- ޖީން އެޑިޓްކޮށްގެން އޫރުގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުންފަދަ ކަންކަން.
- ބަޔޯ އާޓިފިޝަލް ލިވަރ އިންދުމުގެ ޓެސްޓްތައް.
- 3 ޑީ ޕްރިންޓް ކޮށްފައިވާ ޓިޝޫ އިންދުން.
ބާބާ ވަންގާގެ މި ވާހަކަތަކަކީ ހަމައެކަނި ލަފާކުރުންތަކެކެވެ. މިއީ، އެއްވެސް ހެއްކެއް ނުވަތަ އިލްމީ އަސާސެއްގެ މައްޗަށް ބިނާކޮށް ބުނެފައިވާ ވާހަކަތަކެއް ނޫނެވެ.






