ޖެނޮސައިޑް ހިންގި މޭސްތިރިއާ ބައްދަލު ކުރުމަށް މިސްރުގެ ރައީސްގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް މިސްރުން ބުނެއެވެ. މިސްރުގެ ރިއާސީ ގަނޑުވަރުންނާއި މިސްރުގެ ޖާސޫސީ އިދާރާއިން ބުނަނީ ރައީސް އަބްދުލް ފައްތާހު ސީސީގެ ފަރާތުން ޔަހޫދީ ޒަޔަނިސްޓު ނަތަންޔާހޫއާ ބައްދަލު ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
މިއީ ރައީސް ސީސީގެ ނާދިރު ސިޔާސީ މައުގިފެއް ކަމަށް މުހައްލިލުން ދެކެއެވެ. މީގެ އިތުރުން އެމެރިކާގެ ޓްރަމްޕް ރައީސާ ވައިޓްހައުސްގައި ބައްދަލު ކުރުމަށް ދައުވަތު ދެއްވުމުން އެކަމަށްވެސް ސީސީ ވަނީ ވަޅޯ އިޖާބައެއް ދެއްވާފައެވެ.
ނަތަންޔާހޫގެ ނޭއްގާނި ކަމުން އޭނާއާ ގަޔާވާވާ މީހުން މަދެވެ. އޭނާއަށް ޖެނޮސައިޑްގައި އެންމެ ބޮޑަށް އަތް ގާތްކޮށްދިން ޔޫއޭއީގެ ރައީސްވެސް މިހާތަނަށް އަދިވެސް ނަތަންޔާހޫއަށް ރަސްމީ ޒިޔާރަތެއްގައި ޔޫއޭއީއަށް އައުމަށް ދައުވަތު ދެއްވާފައެއް ނުވެއެވެ.
ނަތަންގެ މިހާރުގެ އެކަހެރިކަން ކަނޑުވާލުމަށް ކުރިއަށް އޮތް ހަފްތާތަކުގައި އޭނާ ދެ ދަތުރެއް ކުރާނެ ކަމަށް ބެލެވެއެވެ. އެއް ދަތުރަކީ މިޔާމީގައި ޓްރަމްޕާ ބައްދަލު ކޮށް އީރާނަށް ހަމަލަ ދިނުމަށް ވަސްވާސް ދިނުމަށް އޭނާ ކުރާނެ ދަތުރެވެ. ދެވަނަ ދަތުރަކީ އިންޑިއާއަށް އޭނާ ކުރާނެ ދަތުރެވެ.






