އަމިއްލަ މަސްލަހަތު ހިމެނޭ އެންމެން އެމްޑީޕީގެ އިލެކްޝަން ކޮމިޓީން ދުރަށްދާންޖެހޭ: ސައްޕެ

މުހައްމަދު އަލީ
ޑިސެމްބަރ 26, 2025

އެމްޑީޕީގެ ޕްރައިމަރީ އިލެކްޝަން ކޮމިޓީގައި އާދަމް އާޒިމަށް ފާޅުގައި ކެންޕޭން ކުރަމުންދާ ކަމަށް މީހުން އެބަތިބި ކަމަށް ބުނެ އެޕާޓީގެ ފައުންޑިން މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގައި ކަންކަން ހިނގަންޖެހެނީ ޑިމޮކްރަޓިކް އުސޫލުތަކާއި ހަމަތަކުގެ މަތިން ކަމަށެވެ. އޭގެ ބަދަލުގައި މޭޔަރު އާޒިމްގެ ވަޒީފާގައި 35000 ރުފިޔާގެ ބޮޑު ބޮޑުމުސާރަ ލިބޭމީހުންނާއި ފާޅުގައި މޭޔަރު އާދަމް އާޒިމަށް ކެންޕޭމް ކުރަމުންދާ މީހުން އިލެކްޝަން ކޮމިޓީގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ކުރިގެ މެންބަރު ފަލާހު، ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހްމާން، މުއިއްޒުފަދަ ބޭފުޅުން ހިމެނޭ ކަމަށް ވިދާޅުވެފައިވެއެވެ.

”މިފަދަ މެންބަރުން ތިބި އިލެކްޝަން ކޮމިޓީއަކުން އެމްޑީޕީގެ މޭޔަރު ޕްރައިމަރީ ގެ ކަންތައް ކުރިއަށް ގެންދިއުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން،“ އޭނާ ވިދާޅުވެފައިވެއެވެ.

އެހެންކަމުން އަމިއްލަ މަސްލަހަތު އޮތް މީހުން އިލެކްޝަން ކޮމިޓީއިން މިވަގުތަށް ދުރަށް ދާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޕާޓީގެ އެތެރޭގެ މަސްލަހަތަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

”ސީޕީ އެމްޕީ ޣަފޫރު މިކަން ވީހާ އަވަހަށް ހަމަޖައްސަވައިދެއްވުން އެދެން. މިކަން މިހާރުމިއޮތް ގޮތަށް ކުރިއަށް ދިއުމަކީ އެމްޑީޕީއާ ނުގުޅޭ ބޮޑު ޖޯކެއް. އަވަހަށް ރަނގަޅު ކުރައްވާ،“ ސައްޕެ ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ