ގައުމީ ހަޔާތުން ފެންނަންއޮތް އެންމެރީތި ސިފައަކީ އެއްބައިވަންތަކަން: ރައީސް

މުހައްމަދު އަލީ
ޑިސެމްބަރ 26, 2025

ދިވެހީންގެ ޤައުމީ ޙަޔާތުން ފެންނާން އޮތް އެންމެ ރީތި އެންމެ އުންމީދީ އެއް ސިފައަކީ، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ޙާލަތެއްގައިވެސް އިސްކުރާ އެއްބައިވަންތަކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެއްބައިވަންތަ ކަމުގެ ދުވަހު ދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ އުޚުއްވަތްތެރި، އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ބަދަހިކަމާއެކު ތިބެ، ޤައުމު ސަލާމަތްކޮށް، ޤައުމަށް ހެޔޮގޮތް ހޯދައިދިނުމުގައި މުޅި ދުނިޔެއަށް އަޅުގަނޑުމެން ނަމޫނާ ދައްކަމުންދާތާ އެތައް ސަތޭކަ އަހަރެއް ވެއްޖެ ކަމަށެވެ.

ސުނާމީގެ އުނދަގޫ ޙާލަތުން އަރައިގަނެ، ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ޤައުމު އަލުން އާރާސްތުކުރުމުގައިވެސް އަޅުގަނޑުމެން މަސައްކަތްކުރީ، މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ބައިވެރިވެ އެހީތެރިވުމުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ ހަދީޘްފުޅުން ޢިބްރަތް ލިބިގަނެ، ”އެއް ހަށިގަނޑެއްގެ“ މިސާލުގައި ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ސުނާމީ ކާރިސާއިން ”އަޅުގަނޑުމެންނަށް ލިބުނު ޢިބްރަތްތައް ގިނަގުނައެވެ. ކޮންމެ ޙާލަތެއްގައިވެސް މާތްﷲއަށް ވަކީލުކުރުމެވެ. އެ އިލާހުގެ ޙަޟްރަތުން ވާގިއެދި، ދުޢާކޮށް، ހެޔޮނިޔަތުގައި މަސައްކަތް ކުރުމެވެ. އެމީހަކަށް ވީވަރަކުން އަނެކުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. މިފަދަ ޙާލަތްތަކާ ގުޅިގެން އެއްރަށުން އަނެއްރަށަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާ ކޮންމެ ޢާއިލާއަކަށް މެހުމާންދާރީ އަދާކޮށް ދިރިއުޅުން ފަހިކޮށް ދިނުމުގައި އޮތް އިޖުތިމާޢީ ފައިދާއެވެ.“ އޭގެ އިތުރުން

ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި ޤައުމީ ތަރައްޤީގެ ޕްލޭން ރޭވުމުގެ މުހިންމުކަން ވެސް މި ކާރިސާއިން އެނގިގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. ކުއްލި ޙާލަތްތަކާ ކުރިމަތިލުމަށް ތައްޔާރީ ޙާލަތުގައި އަބަދުމެ ތިބުމުގެ މުހިންމުކަން ވެސް އެނގިގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢާ އެކުވެރި ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އަބަދުމެ ދެމިއޮތުމުގެ މަންފާވެސް ލިބިގެންދިޔަކަމަށް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ