ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އެއްގަމު އުޅަނދުފަހަރު ޓޯވކޮށް، ޕާކިންގ ތަރުތީބުކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ޓޯވ ކުރި އުޅަނދުތަކުގެ ތެރެއިން އުސޫލުގެ ތެރެއިން ޖުމްލަ 105 އުޅަނދެއް މިހާތަނަށް ދޫކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއީ ފުލުހުންނާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ޓޯވކޮށްފައިވާ އުޅަނދުފަހަރު ދޫކުރުމުގެ އިދާރީ ކަންކަން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުގައި ހުންނަ ޓްރެފިކް ކައުންޓަރުން ކުރިއަށް ގެންދާނެއެވެ. ޓޯވކުރެވޭ އުޅަނދުފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ މިންގަނޑުތަކަށް ބެލުމަށްފަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެގޮތުން، ދޫކޮށްފައިވާ އުޅަނދުފަހަރު ދޫކޮށްފައިވަނީ އުޅަނދު ދޫކުރުމުގެ ކުރިން އުޅަނދުގެ ވެރިފަރާތުން އެއްގަމު ދަތުރު ފަތުރުގެ ގާނޫނޫގެ ދަށުން ނުވަތަ އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާއެއް އޮތްނަމަ، އެޖޫރިމަނާއެއް ބަލައިގަތުމަށް ކަނޑައަޅާފައިވާ އިދާރާއަށް ޖޫރިމަނާގެ ފައިސާ ދެއްކިކަމުގެ ލިޔުމާއި ރަޖިސްޓްރީކޮށްފައިވާ ޒޯނަށް ގެންދިއުމަށް ޔަގީންކުރާ ލިޔެކިޔުން ހުށަހަޅާފައިވޭތޯ ބެލުމަށްފަހުއެވެ. އަދި ރަޖިސްޓްރީނުކުރާ އުޅަނދެއްނަމަ އުޅަނދު ވަގުތީ ގޮތުން ބޭއްވުމަށް ބޭނުންވާ ތަނުގެ ވެރިފަރާތުގެ ލިޔުމަކާއި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަނުން ވަކި ގަރާޖަކަށް ހުއްދަ ނަގައިގެން އެތެރެކޮށްފައިވާ އުޅަނދެއްނަމަ، އެގަރާޖަށް ގެންދިއުމަށް ކަށަވަރުކުރާ ލިޔެކިޔުން ހުށަހެޅުމުން އެއުޅަނދެއް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.
ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ޓޯވކޮށް، ޕާކިންގ ތަރުތީބުކުރުމަށް ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 1 އަދި 2 ގެ މަގުތަކުގައާއި ހުސްބިންތަކުގައާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުފަހަރާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުފަހަރާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދު ޓޯވކޮށްފައިވެއެވެ. އެގޮތުން ޖުމްލަ 787 އުޅަނދެއް ޓޯވކުރިކަމަށް ފުލުހުން ވިދާޅުވިއެވެ.






