ޗައިނާގައި އެހީފަންޑަށް ހިޔާނާތްތެރިވި 100 އަށް ވުރެ ގިނަ ރަށު އޮފިޝަލުންގެ މައްސަލަ

އިބްރާހީމްް ސަމީރު
ޖެނުއަރީ 4, 2026

ޗައިނާގެ ހުޅަނގު ދެކުނުގެ ސިޗުއާން ޕްރޮވިންސްގައި، އިޖްތިމާޢީ އެހީފަންޑަށް ހިޔާނާތްތެރިވި 100 އަށް ވުރެ ގިނަ ރަށު ފެންވަރުގެ އޮފިޝަލުންގެ މައްސަލައެއް ބޭޒާރުވެއްޖެއެވެ. މިކަމުގެ ސަބަބުން، ދަށުފެންވަރުގައި ކޮރަޕްޝަން ފުޅާ ދާއިރާއެއްގައި ހިނގާކަން ހާމަވެ، އެކަމަށް އާ ސަމާލުކަމެއް ލިބިގެންގޮސްފައިވެއެވެ.

ކޮމިއުނިސްޓް ޕާޓީގެ ރަސްމީ ނޫސް ކަމަށްވާ ”ޕީޕަލްސް ޑެއިލީ“ އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ޗެންގްޑޫ އާ ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައި އޮންނަ ޝިފާންގްގައި، ޖުމްލަ ސަރުކާރުގެ 119މުވައްޒަފުން ވަނީ ވަޒީފާއެއް ނެތް މީހުންނަށް ދޭ އެހީ ގާނޫނާ ޚިލާފަށް ނަގާފައެވެ. އެ މުވައްޒަފުން ވަނީ ސަރުކާރުގެ މުސާރަ ލިބެމުންދަނިކޮށްވެސް، ވަޒީފާއެއް ނެތްކަމަށް ދައްކައި އެހީފަންޑުން ފައިސާ ނަގާފައެވެ.

މި ހިޔާނާތުގެ މައްސަލަ ހިނގާފައިވަނީ  ރަށްފުށުގެ 43 ކޮމިއުނިޓީއެއްގައެވެ. އަދި މިކަން ހިނގާފައިވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ. މި މުއްދަތުގެ ތެރޭގައި، ދައުލަތަށް 1.5 މިލިއަން ޔުއާން (ގާތްގަނޑަކަށް 210,600 އެމެރިކާ ޑޮލަރު) ގެ ގެއްލުންވެފައިވާ ކަމަށް ލަފާކުރެވެއެވެ.

ލޯކަލް އެންޓި-ކޮރަޕްޝަން އިދާރާތަކުން ހާމަކުރި ގޮތުގައި، މި އޮފިޝަލުން ވަނީ އެހީފަންޑުގެ ނިޒާމުގައި ހުރި ހުސްކަން ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައެވެ. ވަޒީފާ ނެތް މީހުންގެ ގޮތުގައި ރަޖިސްޓްރީވެގެން، ވަޒީފާއެއް ނެތް މީހުންނަށް ޚާއްސަކޮށްފައިވާ ފައިސާ ވަނީ ނަގާފައެވެ. މި މައްސަލައިގެ ސަބަބުން ޗައިނާގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ބަލިކަށިކަމާއި ރަށު ފެންވަރުގެ މަސްއޫލުވެރިންގެ ޖަވާބުދާރީވުމާމެދު ސުވާލު އުފެދިފައިވެއެވެ.

މި ހާދިސާގެ ސަބަބުން، ރަށްފުށުގެ ސަރަހައްދުތަކުގައި، ކައުންސިލްތަކާއި އެފަދަ ކޮންޓްރޯލް ނިޒާމުތަކުގައި ހިނގާ ނިޒާމީ ޚޔާނާތުގެ މައްސަލަތަކާމެދު ކަންބޮޑުވުން އިތުރުވެފައިވެއެވެ. ތަޖުރިބާކާރުން ލަފާކުރައްވާ ގޮތުގައި ޝިފާންގްގެ މައްސަލަ އަކީ ފުޅާ ދާއިރާއެއްގައި ހިނގާ މިފަދަ ނާޖާއިޒު ކަންކަމުގެ ހެކިތަކެއް ކަމުގައި ވެދާނެއެވެ.

މި ލިޔުމާ ގުޅޭ