ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރިޔާޒުރަޝީދުގެ މުދާ ވިއްކާލުމުގެ އަމުރަކަށް އެދި އެސްބީއައި އިން ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.
މި ދައުވާ ކޮށްފައިވަނީ ރިޔާޒު ރަޝީދުގެ މެރީޑިއަމް ސާވިސް ހިމެނޭގޮތުން، އޭނާ އާއި އެކު އިތުރު ފަސް މީހެއްގެ މައްޗަށް ބޭންކު އޮފް އިންޑިޔާ (އެސްބީއައި) އިން ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާއެކެވެ.
މިދައުވާގައި ބުނެފައި ވަނީ އޯވާ ޑްރާފްޓް ފެސިލިޓީއެއްގެ ގޮތުގައި އެ ފަރާތްތަކަށް 5.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެ ލޯނު ދައްކަމުން ނުދާތީ، ލޯނުގެ ފައިސާ އާއި އިންޓްރެސްޓާއި ޖޫރިމަނާއާއެކު މިހާތަނަށް ދައްކަންޖެހޭ ފައިސާ އެކީ އެއްފަހަރާ ހޯދުމަށާއި، މި ލޯނާ ގުޅިގެން ރަހުނު ކޮށްފައިވާ މުދާ ވިއްކާލުމުގެ ހުއްދަ އެސްބީއައިއަށް ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށް އެސްބީއައިއިން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.
ވިއްކާލުމުގެ ހުއްދައަށް އެދިފައިވާ ތަކެތި:
– ގ.ސިނަމޯ
– ގ.އަންޒާނީގެ
– ގ.އަންޒާނީއާގެ
– މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑް ނަމުގައިވާ ހުޅުމާލެ ލޮޓު
– ރިޔާޒު ރަޝީދު ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ރިޔާ 1، ރިޔާ 2، ރިޔާ 3، އުޅަނދު
– މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގައި ރަޖިސްޓްރީކޮށްފައިވާ ރިޔާ 8، ރިޔާ 10، ރިޔާ 7، ސަންސްޕީޑް1 އަދި ސަންސްޕީޑް 2.






