އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން، ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑަަަ ލޭޔަން އިންޑިއާއަށް ތައުރީފު ކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ކާމިޔާބު އިންޑިއާއަކީ މުޅި ދުނިޔެއަށް ލިބޭ ހަމަޖެހުމާއި، ފާގަތިކަމާއި އަދި ރައްކާތެރިކަމެއް ކަމަށެވެ.
އީޔޫގެ ރައީސްގެ މި ދަތުރުފުޅަކީ އިންޑިއާ އާއި ޔޫރަޕިއަން ޔޫނިއަނާ ދެމެދު ގާއިމުކުރަން އުޅޭ ތާރީޚީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިމުމަކާ ގާތްވެފައިވާ ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ. ”މަދަރ އޮފް އޯލް ޑީލްސް“ ގެ ނަމުން މަޝްހޫރުވެފައިވާ މި އެއްބަސްވުމުގެ ސަބަބުން ގާތްގަނޑަކަށް ދެ ބިލިއަން މީހުންގެ ބޮޑު މާކެޓެއް އުފެދިގެންދާނެއެވެ.
ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާއާއެކު މި ހަފުލާގައި ބައިވެރިވެވަޑައިގެން ފޮން ޑަ ލޭޔަން ވިދާޅުވީ، އިންޑިއާގެ ޖުމްހޫރީ ދުވަހުގެ އުފަލުގައި ބައިވެރިވުމަކީ އޭނާގެ ހަޔާތުގައި ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ދެ ފަރާތުން ވެސް އިސްކަންދެނީ ”ސްޓްރެޓީޖިކް ޕާޓްނަޝިޕާއި، މަޝްވަރާ އަދި ހުޅުވާލެވިފައިވާ ސިޔާސަތަކަށް“ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން އީޔޫގެ ލީޑަރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ސަމިޓް ފެންވަރުގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި، ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ނިމުމަކަށް އައިކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ބެލެވެއެވެ.






