ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ އަދި ސަލާމަތީ އިސް މަސްދަރަކުން ހާމަކުރި ގޮތުގައި، ފަހަކަށް އައިސް އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި، އިސްރާއީލަށް ޖާސޫސްކޮށްދޭ މީހުން ބަންދުކޮށްފައި ތިބޭ މަރުކަޒުތަކަށް ގަސްތުގައި އަމާޒުކުރަމުން އެބަގެންދެއެވެ. މިކަމުގެ ބޭނުމަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ މީހުންގެ ސަލާމަތީ މަސައްކަތްތަކަށް ހުރަސްއެޅުމެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދެއްކި މަސްދަރުން ބުނީ، އިސްރާއީލުގެ ހަމަލާތައް ސީދާ އަމާޒުކުރަނީ ދާދިފަހުން ހައްޔަރުކުރެވުނު ޖާސޫސުން ބައިތިއްބާފައި ތިބި ތަންތަނަށް ކަމަށެވެ. މީގެ ތެރޭގައި ޣައްޒާގެ އެތެރޭގައި އިސްރާއީލަށް މައުލޫމާތު ފޯރުކޮށްދީ، ސަލާމަތީ ނުތަނަވަސްކަން އުފެއްދުމަށް މަސައްކަތްކުރާ ގޭންގުތަކުގެ މީހުން ހިމެނެއެވެ.
އިސްރާއީލުގެ މި އަމަލަކީ އާ ކަމެއް ނޫން ކަމަށާއި، މިއީ އެމީހުންގެ ޖާސޫސީ ރޭވުންތައް ފޮރުވުމަށާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ސަލާމަތީ އޮނިގަނޑު ބަލިކަށިކުރުމަށް ކުރާ ކަމެއް ކަމަށްވެސް އެ މަސްދަރުން ބުނެފައިވެއެވެ. މިދިޔަ ހަފުތާގެ ކުރީކޮޅުވެސް އިސްރާއީލުން ދިން ހަމަލާތަކުގައި 31 ފަލަސްތީނު މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ޣައްޒާ ސިޓީގެ ޝައިޚް ރަޟްވާން ސަރަހައްދުގައި ހުރި ފުލުހުންގެ މަރުކަޒަކަށް ދިން ހަމަލާ ހިމެނެއެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ސަލާމަތީ ބާރުތަކުން ވަނީ ފަހަކަށް އައިސް އިސްރާއީލާ ގުޅިގެން ޣައްޒާގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރި ބާޣީ އެތައް ރޭވުމެއް ނާކާމިޔާބުކޮށްލާފައެވެ. މި އޮޕަރޭޝަންތަކުގައި ނުރައްކާތެރި ޖާސޫސީ މަސައްކަތްތަކެއް ކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުން ވަނީ އިސްރާއީލުން އެމީހުން ބަންދުކޮށްފައި ތިބި ތަންތަނަށް ދިން ހަމަލާތަކުގައި މަރުވެފައެވެ.
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނީ، އިސްރާއީލުން ޖާސޫސުން ބޭނުންކޮށްގެން ފަލަސްތީނުގެ ދާޚިލީ މަސްލަހަތު ނަގާލަން ކުރާ މަސައްކަތަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ޖާސޫސީ ހަނގުރާމައަކީ މައިދާނުގައި ކުރެވޭ ހަނގުރާމައާ އެއްވަރުގެ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.






