އީރާނުގެ މަސްރަހު ނުތަވަސްކަމާއެކު، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ފަށައިފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 2, 2026

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ޓްރަމްޕް ކުރިމަތިކޮށްފާނެ  ހަނގުރާމައަކަށް ތައްޔާރުވުމުގެ ގޮތުން އީރާނުގެ ވެރިރަށް ތެހެރާންގައި ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ. ފާއިތުވި ފަންސަވީހަކަށް އަހަރު ތެރޭގައި ކުރިއަށްނުގެންދާ ފަދަ ބޮޑު މަޝްރޫއެއްގެ ދަށުން، އާންމު ހިދުމަތްދޭ ތަންތަން ބިންގާރާސް ތަކަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

އެމެރިކާއާއެކު އޮތް ގުޅުން ގޯސްވެ، ކުރިމަތިވެދާނެ އަސްކަރީ ކުރިމަތިލުމަކުން އާންމުން ސަލާމަތްކުރުމަށްޓަކައި ތެހެރާންގެ މުނިސިޕަލްޓީން ދަނީ ލޮޖިސްޓިކް ޕްލޭނެއް އެކުލަވާލަމުންނެވެ. މި ޕްލޭނުގެ ދަށުން، ތެހެރާންގެ ބިމުގެ އަޑީގައިވާ މެޓްރޯ ސްޓޭޝަންތަކާއި ޕާކިންގް ލޮޓްތައް، ހަނގުރާމައިގެ ވަގުތުތަކުގައި ރައްކާތެރި ބަންކަރުތަކެއްގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.

ތެހެރާންގެ ކްރައިސިސް މެނޭޖްމަންޓް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް 82 މެޓްރޯ ސްޓޭޝަނަކާއި، ވިޔަފާރި އަދި އިދާރީ މަރުކަޒުތަކުގައި ހުރި 300 އަށްވުރެ ގިނަ ބިންގާރަ ޕާކިންގް ސަރަހައްދު ވަނީ މިކަމަށް ކަނޑައަޅާފައެވެ. މި ތަންތަނަކީ ގާތްގަނޑަކަށް 2.5 މިލިއަން ރައްޔިތުންނަށް އެއްފަހަރާ ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފަދަ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަންތަނެވެ.

އީރާނުގެ ފަސްޓް ވައިސް ޕްރެޒިޑެންޓް މުހައްމަދު ރިޒާ އާރިފް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ހަމައެކަނި އާންމުންގެ ފުރާނަ ސަލާމަތްކުރުން ނޫން ކަމަށާއި، ހަނގުރާމައެއްގެ ހާލަތުގައިވެސް ގައުމުގެ އިގްތިސާދީ ދުވެލި މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ހަނގުރާމައިގެ އިގްތސާދުގެ ޕްލޭނެއް ތަންފީޒު ކުރަން ތައްޔާރުވަމުންދާ ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

މި ތައްޔާރީތަކަކީ މީގެ ކުރިން ކުރެވުނު ހަނގުރާމަތަކުގެ ތަޖުރިބާއަށް ބަލައި، ދިފާއީ ނިޒާމު ވަރުގަދަކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

މި ލިޔުމާ ގުޅޭ