ފާއިތުވި ފަސް އަހަރު ތެރޭގައި ބަޖެޓް ޑެފިސިޓް ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 2, 2026

އިންޑިއާގެ ޗީފް އިކޮނޮމިކް އެޑްވައިޒަރު ޕާލަމެންޓަށް ހުށަހެޅުއްވި ސާވޭގައި ބާރުއަޅާފައިވަނީ އިންޑިއާ މިހާރު ބަދަލުވާންޖެހެނީ އަމިއްލަ އިސްނެގުމާއި، ހަލުވިކަމާއެކު ރިސްކު ނަގައިގެން މަސައްކަތްކުރާ ދައުލަތަކަށް ކަމަށެވެ.

މި ސާވޭގައި އިންޒާރު ދީފައިވާ ގޮތުގައި ބައިނަލްއަގުވާމީ މާހައުލު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެގޮތުން 2026 ވަނަ އަހަރު ދުނިޔޭގެ އިގްތިސާދު 2008 ވަނަ އަހަރަށްވުރެ ގޯސް ހާލަތަކަށް ވެއްޓުމުގެ 10 އިންސައްތަ އާއި 20 އިންސައްތައިގެ ފުރުސަތެއް އޮތްކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، މިފަދަ ނުރައްކާތަކުގެ ތެރެއިންވެސް އިންޑިއާގެ އިގްތިސާދީ ބިންގާ ވަރުގަދަކަމަށް ސާވޭއިން ދައްކައެވެ.

ނިމިދިޔަ 2025-26 ވަނަ އަހަރުގެ އިގްތިސާދީ ސާވޭގައި، ދުނިޔޭގެ ބާޒާރުގައި އޮތް ނުތަނަވަސްކަމުގެ ތެރެއިން އިންޑިއާގެ އިގްތިސާދު ކުރިއަށް ގެންދާނެ ދުރުރާސްތާ މަގެއް ވަނީ ކަނޑައަޅާފައެވެ.

އިންޑިއާގެ ފައިސާ، ރުޕީސްގެ އަގު ދަށްވަމުންދަނީ ގައުމުގެ އިގްތިސާދީ ބަލިކަށިކަމެއްގެ ސަބަބުން ނޫން ކަމަށް ސާވޭގައި ބުނެފައިވެއެވެ. އޭގެ ބަދަލުގައި، އާޓިފިޝަލް އިންޓެލިޖެންސް އިން ކުރިއަރާފައިވާ ގައުމުތަކަށް އިންވެސްޓްމަންޓްތައް ދިއުމާއި، ދުނިޔޭގެ ނުތަނަވަސްކަމުގެ ސަބަބުން ރައްކާތެރި އެސެޓްތަކަށް ފައިސާ ބަދަލުކުރުމަކީ މީގެ ސަބަބުތައް ކަމަށް ވަނީ ބުނެފައެވެ. ރުޕީސް ބަލިކަށިވުމަކީ އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފައިދާވާނެ ކަމެއް ނަމަވެސް، އިމްޕޯޓަށް ބަރޯސާވާ މިންވަރު ބޮޑުވުމުން އާންމު ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެގެންދާނެއެވެ.

  • ސަރުކާރުގެ މާލީ ހާލަތާ ގުޅޭގޮތުން ސާވޭގައި ބުނެފައިވަނީ، މަރުކަޒީ ސަރުކާރުން ފާއިތުވި ފަސް އަހަރު ތެރޭގައި ބަޖެޓް ޑެފިސިޓް ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްފައިވާ ކަމަށެވެ.
    ބައެއް ސްޓޭޓްތަކުން އިންތިޚާބާ ދިމާކޮށް ހިންގާ ސިޔާސީ ޚަރަދުތަކުގެ ސަބަބުން މާލީ ދަތިތަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.
    ކާބޯތަކެތީގެ ރައްކާތެރިކަމާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމުގެ ޚަރަދުތަކާއި، އަދި ސްމާޓްފޯން ބޭނުންކުރުމުގެ ސަބަބުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުތަކަކީވެސް ސަމާލުކަން ދޭންޖެހޭ ކަންކަން ކަމަށް ފާހަގަކޮށްފައިވެއެވެ.

ސާވޭގައި ފާހަގަ ކޮށްފައިވާ ގޮތުގައި، ކޮވިޑް-19 ގެ ދަތިތަކުން އަރައިގަނެވިފައިވާ މި ދަނޑިވަޅުގައި، އިންޑިއާއިން ގެންގުޅެންޖެހޭނީ އާ ކަންކަން ތަޖުރިބާކުރުމަށް ޖެހިލުންނުވާ، އަދި ނާކާމިޔާބީން ދަސްކޮށްގެން ކުރިއަށްދާނެ ސިޔާސަތުތަކެކެވެ.
މިއީ ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި ކުރިމަތިވެދާނެ އޮއިވަރުތަކުން ސަލާމަތްވެ، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ