އީރާނުގައި ހިނގި ހަމަނުޖެހުންތަކަކީ އެމެރިކާއާއި އިސްރާއީލުގެ ރޭވުމެއް: ޚާމަނާއީ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 3, 2026

އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވީ، އެ ގައުމުގައި ފަހަކަށް އައިސް ހިނގާދިޔަ ހަމަނުޖެހުންތަކަކީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން ރޭވި ރޭވުމެއް ކަމަށެވެ. އަދި އީރާނުގެ ރައްޔިތުން އެ ރޭވުންތައް ނާކާމިޔާބު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޚާމަނާއީ ވިދާޅުވީ، މިއީ ހަމައެކަނި ކުރެވޭ ތުހުމަތެއް ނޫން ކަމަށާއި، މިކަމުގެ ހެކި އެމެރިކާގެ ރައީސްގެ ބަސްފުޅުތަކުން ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން ހަމަނުޖެހުން ހިންގާ ފަރާތްތަކަށް މުޚާތަބު ކުރައްވައި، ”ކުރިއަށްދާށޭ، ތިމަންނަ އެހީތެރިވާން އެބަ އަންނަމޭ“ އެމެރިކާގެ ރައީސް ވިދާޅުވެފައިވާކަން ޚާމަނާއީ ފާހަގަކުރެއްވިއެވެ.

ޚާމަނާއީ އިތުރަށް ވިދާޅުވީ، މި ހަމަނުޖެހުންތަކަކީ ބޭރު ގައުމުތަކުން ކޮންޓްރޯލް ކުރަމުންދިޔަ ބަޣާވާތެއްގެ މަސައްކަތެއް ކަމަށެވެ. އެމެރިކާގެ ސީ.އައި.އޭ އާއި އިސްރާއީލުގެ މޮސާޑުން މި ބަޣާވާތް ކާމިޔާބު ކުރުމަށް ހުރިހާ ވަސީލަތެއް ބޭނުންކުރި ނަމަވެސް، އެ ފަރާތްތަކަށް ކުރިމަތިލާން ޖެހުނީ ބޮޑު ނާކާމިޔާބީއަކާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އީރާނަކީ ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ މަސްލަހަތާ ފުށުއަރާ ގައުމަކަށް ވާތީ، މިއީ އެންމެ ފަހުން ފެންނާނެ ހަމަނުޖެހުންތައް ކަމަށް ބުނުމަކީ ރަނގަޅު ގޮތެއް ނޫން،“ ޚާމަނާއީ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދުޝްމަނުން މުޅިން މާޔޫސްވަންދެން މިފަދަ ކަންކަން ކުރަމުންދާނެއެވެ. ނަމަވެސް އީރާނުގެ ރައްޔިތުން މި ކުރިމަތިލުމުގައި ކާމިޔާބު ހޯދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ވިޔަފާރިވެރިންނާއި އާންމުންގެ ބައެއް ޝަކުވާތަކަކީ އޭގެ ޒާތުގައި އިންސާފުވެރި ކަންތައްތަކެއް ނަމަވެސް، ހަމަނުޖެހުން ހިންގާ ގްރޫޕުތަކުން ސުލްހަވެރި އިހުތިޖާޖުތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުކޮށްލަން މަސައްކަތް ކުރި ކަމަށް ޚާމަނާއީ ވިދާޅުވިއެވެ. އަދި ހަގީގީ ހާލަތު އެނގުމާއެކު ވިޔަފާރިވެރިން އެ ފަރާތްތަކާ ވަކިވިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޚާމަނާއީގެ ބަޔާން ނިންމަވާލެއްވީ އީރާނުގެ ރައްޔިތުންގެ ހޭލުންތެރިކަމާއި އެއްބައިވަންތަކަމަށް ތައުރީފު ކުރައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ދުޝްމަނުންގެ އެއްވެސް މަގްސަދެއް ކާމިޔާބު ނުވާނެކަން އީރާނުގެ ރައްޔިތުން ސާބިތުކޮށްދީފި ކަމަށެވެ.

މި ލިޔުމާ ގުޅޭ