އަތުން ލިޔެގެން 6 މުސްހަފު ފުރިހަމަކުރި މިޞްރުގެ މަޝްހޫރު ލިޔުންތެރިޔާ ޝައިޚް ސައްޔިދު ނައުފަލް ނިޔާވެއްޖެ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 4, 2026

އަމިއްލަ އަތުން ލިޔެގެން ކީރިތި ޤުރުއާނުގެ 6މުސްހަފު ފުރިހަމަކުރެއްވި މިޞްރުގެ މަޝްހޫރު ލިޔުންތެރިޔާ ޝައިޚް ސައްޔިދު ނައުފަލް، އުމުރުން 75 އަހަރުގައި ނިޔާވެއްޖެއެވެ. މިޞްރުގެ ޣަރްބިއްޔާ ގަވަރުނަރޭޓްގެ ސަންތާ ސިޓީ ކައިރީގައިވާ ޝަންދްލަތު އަވަށަށް ނިސްބަތްވާ ނައުފަލް ނިޔާވުމާ ގުޅިގެން، އޭނާގެ ޖަނާޒާ މިދިޔަ އާދީއްތަ ދުވަހު އެ އަވަށުގެ ބޮޑު މިސްކިތުގައި ވަނީ ބާއްވާފައެވެ.

ޝައިޚް ނައުފަލް ބޮޑަށް މަޝްހޫރުވެފައިވަނީ ވަރަށް އާދައިގެ ވަސީލަތްތައް ބޭނުންކޮށްގެން، ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތުން ކީރިތި ޤުރުއާން މުޅިން އަތުން ލިޔެ ފުރިހަމަކުރި ކުޅަދާނަ ލިޔުންތެރިއެއްގެ ގޮތުގައެވެ. އޭނާގެ ޖަނާޒާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު، އަވަށުގެ މީހުން އޭނާ ސިފަކޮށްފައިވަނީ ހިތްހެޔޮ، އަދަބުވެރި އަދި އަބަދުވެސް މީހުންނަށް އެހީތެރިވުމުގައި ނަމޫނާ ޝަޚްޞިއްޔަތެއްގެ ގޮތުގައެވެ.

ނައުފަލް މީގެ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި، އަތުން ޤުރުއާން ލިޔުމަކީ އޭނާ ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެކެވެ. މި ޝައުޤުވެރިކަން އުފެދުނީ އަވަށުގެ ޤުރުއާން ކްލާހުގައި އުޅުނު ދުވަސްވަރު، ހިތުދަސްކުރާ އާޔަތްތައް މުސްހަފުގައި ހުންނަ ފަދަ ރީތި ޢަރަބި އަކުރުން ފިލާގައި ލިޔުމަށް އުސްތާޒު އެދުމާ ގުޅިގެންނެވެ. ސަރުކާރުގެ ވަޒީފާއިން ރިޓަޔަރ ކުރުމަށްފަހު، ލިބުނު ހުސްވަގުތުގެ ބޭނުން ހިފައި އޭނާ ވަނީ އެންމެ ބޮޑު އެދުން ހަގީގަތަކަށް ހަދާފައެވެ.

ޤުރުއާން ލިޔުމުގެ މަސައްކަތް އޭނާ ކުރިއަށް ގެންދިޔައީ ވަރަށް ތަރުތީބުންނެވެ. ކޮންމެ ދުވަހަކު އިޝާ ނަމާދަށްފަހު އާދައިގެ ގަލަމާއި ފަންސޫރު ބޭނުންކޮށްގެން ދެ ގަޑިއިރާއި ތިން ގަޑިއިރާ ދެމެދުވަގުތު ލިޔުމަށް ހޭދަކުރެއެވެ. މިގޮތުން ދެ އަހަރާއި ބައިގެ ތެރޭގައި ފުރަތަމަ މުސްހަފު ލިޔެ ނިންމާލިއެވެ. އޭނާ ނިޔާވިއިރު މިފަދަ ހަ މުސްހަފު ވަނީ މުޅިން ފުރިހަމަކޮށްފައެވެ.

ޝައިޚް ނައުފަލް ޤަބޫލުކުރި ގޮތުގައި އޭނާގެ ދިރިއުޅުމުގައި ކުރިމަތިވި ދަތިތަކުން އަރައިގަނެވި، ދިރިއުޅުމުގައި ބަރަކާތް ލެއްވީ ކީރިތި ޤުރުއާނުގެ ސަބަބުންނެވެ. އޭނާގެ ހުރިހާ ދަރިންނަކީވެސް ޔުނިވަރސިޓީ ތަޢުލީމު ހާސިލުކޮށްފައިވާ، ޤުރުއާން ހިތުދަސް ބޭފުޅުންނެވެ. އޭނާގެ މި ބުރަ މަސައްކަތުގައި އަނބިކަނބަލުންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބުނެވެ. އެގޮތުން އޭނާ ލިޔުއްވާ އާޔަތްތައް އަނބިކަނބަލުން ކޮންމެ ދުވަހަކު ޗެކްކުރައްވާ ކަމަށާއި، މިހާތަނަށް އެއްވެސް ކުށެއް ފެނިފައިނުވާކަން އޭނާ ފާހަގަކުރިއެވެ.

”މި މަސައްކަތް ކުރުމުގެ އަސްލު މަޤްޞަދަކީ މާތްﷲގެ ރުހުން ހޯދުމާއި، އަޅުގަނޑުގެ ދަރިންނާއި ކާފަދަރިންނަށްޓަކައި ހެޔޮ ތަރިކައެއް ދޫކޮށްދިއުން،“ ނައުފަލް މީގެ ކުރިން ބުނެފައިވެއެވެ.

އޭނާ ވަޅުލާފައިވަނީ އާއިލީ ގަބުރުސްތާނުގައެވެ.

މި ލިޔުމާ ގުޅޭ