އިސްލާމީ ޝަރީޢަތުގެ މަޞްދަރެއްގެ ގޮތުގައި ހަމައެކަނި ކީރިތި ޤުރުއާނަށް ބަރޯސާވެ، ނަބަވީ ސުންނަތަށް އިންކާރު ކުރުމަށް ގޮވާލާ ފިކުރުތަކަށް ސަމާލުވުމަށް މިޞްރުގެ އަޒުހަރުން އިންޒާރު ދީފިއެވެ. މިކަމާ ގުޅޭގޮތުން އަޒުހަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު ކަމަށާއި، އެއީ ހަމައެކަނި ތާރީޚީ ތަރިކައެއް ނޫން ކަމަށެވެ.
އަޒުހަރުން ފާހަގަކުރި ގޮތުގައި، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވީޑިއޯތަކާއި ލިޔުންތަކުގައި، އިސްލާމީ ތަރިކައާ މުޅިން ވަކިވުމަށާއި، ބޮޑެތި އިމާމުންނަށް ފާޑުކިޔައި، ދީނުގެ އަސާސްތަކާ މެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި އިސްލާމްދީނުގެ ފަސް ރުކުނާއި، ރާ ބުއިން ހަރާމްވުމާއި، އަދި ހިޖާބުގެ ފަރުޟުކަމާ މެދު ސުވާލު އުފެއްދުން ހިމެނެއެވެ.
ޔޫއޭއީއާ ގުޅުންހުރި ފަރާތްތަކުން ދަނީ މިފަދަކަންކަމަށް ހިތްވަރުދި މުސްލިމުންގެ އެއްބައިވަންތަކަން ނަގާލައި އިޚުވާނުސްމުސްލިމޫނަށް ވެސް ފުރައްސާރަކޮށް އަގުވައްޓަމުން ނެވެ.
”ސުންނަތަށް އިންކާރު ކުރުމަކީ އިސްލާމީ އުޞޫލުލްފިޤުހުގެ ނިޒާމު މުގުރާލުމަށް ހިންގާ ނުބައި ރޭވުމެއް،“ އަޒުހަރުގެ ބަޔާނުގައިވެއެވެ. އަދި ކީރިތި ޤުރުއާނާއި ސުންނަތަކީ އެކަތި އަނެކައްޗަށް ފުރިހަމަކޮށްދޭ ދެ މަޞްދަރު ކަމަށާއި، ސުންނަތަކީ ޤުރުއާނުގައިވާ ކަންކަން ތަފްޞީލުކޮށްދީ، ޤުރުއާނުގައި ސީދާ ބަޔާންވެގެން ނުވާ ބައެއް ޙުކުމްތައް ކަނޑައަޅައިދޭ މަޞްދަރު ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މިފަދަ ފިކުރުތަކަކީ ދީނީ ނައްޞުތަކުން ބައެއް ނަގައިގެން، އުޞޫލުތަކާ ޚިލާފަށް މާނަކޮށް، މުސްލިމުންގެ މެދުގައި ފިތުނަ އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށް އަޒުހަރުން ސިފަކުރެއެވެ. އެހެންކަމުން، މީޑިއާން ދީނީ ކަންކަން ރިޕޯޓުކުރުމުގައި ޒިންމާދާރުވުމަށާއި، މުޖުތަމަޢުގެ ފިކުރީ އަދި ދީނީ ހަމަޖެހުން ގެއްލޭ ފަދަ ޝާޛު (އާދަޔާ ޚިލާފު) ރައުޔުތަކަށް ފުރުޞަތު ނުދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އަޒުހަރުގެ އިމާމުލްއަކްބަރު، ޑރ. އަޙްމަދު އައްޠައްޔިބު ވަނީ، އަޒުހަރުގެ ކަމާބެހޭ އިދާރާތަކަށް ޚާއްޞަ އިރުޝާދެއް ދެއްވާފައެވެ. އެއީ މިފަދަ ޝައްކުތަކަށް ޢިލްމީ ގޮތުން ފުރިހަމަ ރައްދުތަކެއް ތައްޔާރުކޮށް، ޒުވާން ދިރާސާވެރިން މެދުވެރިކޮށް އާންމުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ފަސޭހައިން ދޭހަވާނެ ބަހުރުވައިން އެ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ.






