ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަދައްކަނީ/ފޮޓޯ ރައީސް އޮފީސް

އައްބާސްގެ ދަރިފުޅު ޑެޕިއުޓީ މިނިސްޓަރުކަމުން ވަކި ކުރިކަމުގެ އަޑުތަކާއެކު ރާގު ބަދަލުވެއްޖެ

އަހުމަދު މުހައްމަދު
ސެޕްޓެމްބަރ 29, 2024

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސަކީ ރައްޔިތުންގެ މަޖިލީހުގައި ސަން ސިޔާމުގެ އެމްޑީއޭ ތަމްސީލު ކުރަމުން އަންނަ މެންބަރެކެވެ. އޭނާއަކީ އެމްޑީއޭގެ އެއް ނާއިބު ރައީސް ވެސް މެއެވެ. އައްބާސް އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތާއީދުކޮށް، މަޖިލީހުގައި އަޑުގަދަކޮށް ބަހުސް ކުރަމުންނެވެ.

މަޖިލިސް ޖަލްސާގައި އިދިކޮޅު އެމްޑީޕީ މެންބަރުން މުއިއްޒުގެ ސަރުކާރަށް ފާޑުކިޔާ ކޮންމެ ފަހަރަކު ކުރީގެ ސަރުކާރޭ ވިދާޅުވެ އެންމެ އަވަހަށް އެމްޑީޕީއަށް ރައްދުދެއްވަނީ އައްބާހެވެ. އަދި މީގެކުރިން އޮތް އެމްޑީޕީގެ ސަރުކާރަށް ވެސް އެންމެ ވަރުގަދައަށް ފާޑު ވިދާޅުވެ މުއިއްޒުގެ ސަރުކާރު ދިފާއު ކުރައްވަނީ ވެސް އޭނާއެވެ. އެކަމުގައި ރައީސް މުއިއްޒުގެ ޕީއެންސީ މެންބަރުންނަށްވުރެވެސް އައްބާސް އުޅުއްވަނީ ކުރީގައެވެ. ނަމަވެސް މިހާރު މިވަނީ ކުއްލިއަކަށް އައްބާސްގެ ރާގު ބަދަލުވެފައެވެ.

އެކްސްފައި އިއްޔެ ކުރެއްވި ޓްވީޓެއްގައި އައްބާސް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަށް އަހަރުވާން ދާއިރު، އަބަދާއި އަބަދު ކުރީގެ ސަރުކާރޭ ކިޔަންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

”ރައީސް މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ވަމުންދާއިރު، ކުރީގެ ސަރުކާރު، ކުރީގެ ސަރުކާރު ވައްކަންކުރީ، ވައްކަން ކުރީ، އަބަދު މިހެން ކިޔާނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ، ރައްޔިތުން މިއަދު މިވާހަކަތައް ގަބޫލު ނުކުރާ މިންވަރަށް ކަންކަން ހިނގަމުންދަނީ، އެބުނާ ވައްކަންކުރި މީހަކު ހޯދުނީކީނޫން ތަހުގީގެއް ކުރީކީއެއްނޫން،“ އައްބާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ދާއިރާގައި ހިމެނޭ ނ. ވެލިދޫއާއި ޅޮއްސާއި ފޮއްދޫ ރައްޔިތުންނަށް އަބަދު ދޮގު ނުހެދޭނޭ ކަމަށެވެ. ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަރަށްގިނަ ޑޭޓްތައް ދީ ލައްކަ ދޮގު ހަދުވައިފި ކަމަށްވެސް ވިދާޅުވިއެވެ. ރައްޔިތުން އޭނާ އިންތިހާބު ކުރީ ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލަންނޫން ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މުއިއްޒުގެ ސަރުކާރު އައިއިރު ނ. ޅޮހީ ނަރުދަމާ ނިޒާމުގެ 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރަށް އަހަރު ދުވަސްވާއިރު އެހެން ކޮންޓްރެކްޓަރަކާ ހަވާލު ކޮށްގެން މަސައްކަތް ފެށިފައި ނުވާތީ ތަކުރާރުކޮށް ސުވާލުކުރި ކަމަށެވެ. އެކަމާގުޅިގެން އެމްޑަބްލިއުއެސްސީ އާ ހަވާލު ކޮށްގެން އެ މަސައްކަތް އަލުން ފަށާނެ ކަމަށް ބުނި ތާރީހުތައް ފަހަނައަޅާގޮސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހަމަ އެގޮތަށް ފޮއްދޫ ބަނދަރު ޕްރޮޖެކްޓް ފަށާނެ ކަމަށް ބުނި ހުރިހާ ތާރީހުތައް ނިމިގެން އަހަރު ދުވަސް ހަމަވާއިރު، އީއައިއޭ ރިޕޯޓްހަދައި ނިމުނު ކަމަކަށްވެސްނުވިއެވެ.

”މިސަރުކާރު އައިއިރު ފޮއްދޫގެ ފެނާއި ނަރުދަމާގެ 95 ޕަސެންޓް ނިމިފަ އޮތީ އަހަރު ދުވަސް ވީއިރު ބާކީ ފަސް ޕަސެންޓް މަސައްކަތް ނިންމާފަ ރައްޔިތުންނަށް ނަރުދަމާގެ ހިދުމަތް ނުދެވި މިވަނީ ބުނިހާ ޑޭޓެއް ފަހަނަޅާ ދިޔައީ،“

އޭގެ އިތުރުން ވެލިދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ތިން ފަހަރުމަތިން ބުނި ތާރީހުތައް ފަހަނައަޅާގޮސްފައިވާ ކަމަށާއި، އެކަމަށް ކުވެއިތު ފަންޑުން ފައިސާ ދީފައިވާއިރު، ސަރުކާރަށް އަހަރުފުރޭއިރު، ކުރެހުމަށް ބަދަލުގެނެސް ނިމުނު ކަމަކަށްނުވި ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އައްބާސްގެ ރާގު ބަދަލުވެގެން ގޮސްފައި މިވަނީ، އޭނާގެ ދަރިފުޅު ހިމެނޭ ގޮތަށް މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި، އައްބާސް ނިސްބަތްވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ އިސް އޮފިޝަލުންތަކެއް މަގާމުން ވަކިކޮށްފައި ވަނިކޮށެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެމްޑީއޭގެ އަށް މެންބަރަކު މިދިޔަހަފުތާގެ ތެރޭގައި ވަނީ މަގާމުތަކުން ވަކިކޮށްފައެވެ.

އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އައްބާސްގެ ދަރިފުޅު އަހުމަދު މާއިޝް ހިމެނެ އެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައި ނައިބު ވަޒީރުންގެ ނަންތައް ހުންނަ ބައިން ވެސް އޭނާގެ ނަމާއި ފޮޓޯ މިހާރު ވަނީ އުނިކޮށްފައެވެ.

އެމްޑީއޭ އަކީ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ސިޔާސީ ޕާޓީ އެވެ. އެ ޕާޓީން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު ދަނީ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީއޭއިން ތާއީދުކުރީ ޕީއެންސީއަށެވެ. އެއާއެކު ރައީސް މުއިއްޒު އެކުލަވާލި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުން ފެށިގެން އެމްޑީއޭގެ މެންބަރުންނަށް ސިޔާސީ މަގާމުތައް ދިނެވެ.

މި ލިޔުމާ ގުޅޭ