މަސްޖިދުއްނަބަވީ

ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން

އަޙްމަދު ފަޔާޟު ޙަސަން
މާރޗް 19, 2026

ރަސޫލުﷲ ﷺ އަށް މާތްކޮށް ހިތުމުގެގޮތުން ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ އެކަލޭގެފާނު އެންގެވިގޮތަށް އުޅުމެވެ. ނުވަތަ އެކަލޭގެފާނުގެ ސުއްނަތާއި އެއްގޮތަށް ދިރިއުޅުމެވެ. އެގޮތުން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ﷲ ގެ ޙައްޤުތަކާއި އެކަލޭގެފާނުގެ ޙައްޤުތައް އަދާކުރުމެވެ. އެއަށްފަހު އަނެކުންގެ ޙައްޤުތަކަށް ރައްކާތެރިވެ އެޙައްޤުތައް އަދާކުރުމެވެ. މީހުންނަށް ހިތްހެޔޮވުމާއި މީހުންނަށް ހެޔޮކޮށް ހިތުމާއި ޢަދުލުއިންސާފުން ހުރިހާ ކަމެއްކުރުމެވެ. އެއްވެސް ގޮތަކަށް މީހުންނަށް އަނިޔާވެރިނުވުމާއި މީހުންނަށް މަޢާފްކޮށް ޢަފޫކުރުމެވެ. މީހުންނަށް ދީލަތިވުމާއި އެހީތެރިވުމާއި އިޙުތިރާމްކުރުމާއި އެމީހުންނަށް އަޅާލުމެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް މެދުމިން އިޚުތިޔާރުކޮށް ހިތްތިރިކޮށް ސާދާކޮށް އުޅުމެވެ. އަދި ޙައްޤާއި ކެތްތެރިކަމަށް ވާގިވެރިވެ އެކަމަށް ބާރުއަޅައި އެގޮތުގައި ތިމާ ދެމިހުރުމެވެ.

ރަސޫލުﷲ ﷺ އަށް މާތްކޮށް ހިތުމުގެ ގޮތުން އެކަލޭގެފާނާމެދު މީހުންނަށް ކުރެވިފައިހުންނަ ނުރަނގަޅު ތަސައްވުރު ރަނގަޅުކޮށްދޭންޖެހެއެވެ. އެކަލޭގެފާނުގެ މާތް ޚުލްޤުފުޅާ ފުށުއަރާ ހުރިހާ ވާހަކައަކަށް ނޫނެކޭ ބުނަންޖެހެއެވެ. އެގޮތުން މީހުންނަށް ރަނގަޅުގޮތް ބުނެދީ ކިޔައިދޭންޖެހެއެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅާގުޅޭ ކޮންމެ ކަމެއްގެވެސް ޙައްޤު އަދި ރަނގަޅުގޮތް މީހުންނަށް ފިލުވައިދޭންޖެހެއެވެ. އެކަންކުރަންޖެހެނީ ޒަމާނުގެގޮތަށެވެ. އެގޮތުން ސޯޝަލް މީޑިއާ ބޭނުންކުރަންޖެހެއެވެ. ކުދިކުދި ވީޑިއޯތައް އުފައްދައި އެތަކެތި އިންޓަނެޓްމެދުވެރިކޮށް މީހުންނަށް ދައްކަންޖެހެއެވެ. މިމަސައްކަތްކުރުމުގައި ޣައިރު މުސްލިމުން މުހިންމު އަމާޒަކަށް ހަދަންޖެހެއެވެ.

ރަސޫލުﷲ އަށް މާތްކޮށް ހިތުމުގެގޮތުން އުފާވެރިކަމުގެ ޚަބަރުފަތުރައި އުންމީދު އުފައްދަންޖެހެއެވެ. އަމާންކަމާއި ސުލްހައަށް ގޮވާލައި އެގޮތުގައި ތިމާ އުޅެންޖެހެއެވެ. ދެކޮޅުވެރިކަމާއި ހަސަދަވެރިކަމާއި ރުޅިވެރިކަމާއި ދުރުގައިވާބަޔަކަށް އަޅުގަނޑުމެން ވާންޖެހެއެވެ. އަނިޔާވެރިކަމާއި ހަމަނުޖެހުމަށް ޖާގަދިނުމަކީ އަޅުގަނޑުމެން ކޮށްގެންވާނެކަމެއްނޫނެވެ. އަޅުގަނޑުމެން އެކަލޭގެފާނަށް މާތްކޮށް ހިތައި އެކަލޭގެފާނުދެކެ ލޯބިވާންޖެހެނީ ބަހާއި އަމަލުންނެވެ. އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ދިރިއުޅުން ވާންޖެހެނީ އެކަލޭގެފާނުގެ ސުންނަތް ރަމްޒުކޮށްދޭ ދިރިއުޅުމަކަށެވެ.

-ނިމުނީ

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *