މިއަދުން ފެށިގެން ކ. ހުރާގައި ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތް ދޭނީ ސްޓެލްކޯއިން ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ. މި ޚިދުމަތްތައް ދިނުމުގެ ޒިންމާއާ އެކުންފުނީން ހަވާލުވީ މިއަދު ކަމަށް ވަނީ ވިދާލުވެފައެވެ.
މި ޚިދުމަތްތައް ހުރާގެ ރައްޔިތުންނަށް ދިނުމަށް އެކުންފުޏްޏާ ޙަވާލުކުރި ރަސްމިއްޔާތު ބާއްވާފައިވަނީ ސްޓެލްކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.
މި ޚިދުމަތްތައް ހުރާގައި ކުރިން ދެމުން ގެންދިޔައީ ފެނަކަކޯޕަރޭޝަނުންނެވެ. ސްޓެލްކޯއިން ޙަވާލުވުމުން ފެނަކަ ކޯޕަރޭޝަންގެ 32 މުވައްޒަފުން ވެސް މިހާރު ވަނީ ސްޓެލްކޯގެ މުވައްޒަފުންގެ ގޮތުގައި ހަމަޖައްސައިފައެވެ.
”މި ބަދަލާއިއެކު، ކ. ހުރާގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯގެ ޚިދުމަތުގެ މިންގަނޑުތަކާއި އެއްހަމަކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ވަޞީލަތްތައް ތަރައްޤީކުރުމަށް ސްޓެލްކޯއިން ދާނީ މަސައްކަތް ކުރަމުން،“ އެކުންފުނީން ވިދާޅުވެފައިވެއެވެ.
ހުރާގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތާއި ހަވާލުވުމާ ގުޅިގެން، ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ކަރަންޓުގެ ޚިދުމަތް ދެމުންދަނީ ސްޓެލްކޯއިންނެވެ. އަދި ގްރޭޓަރ މާލެއާއި ކ. އަތޮޅުގެ އިތުރުން އއ، އދ. އަދި ވ. އަތޮޅުގެ ރަށްތައް ހިމެނޭގޮތަށް ޖުމްލަ 36 ރަށެއްގައި ކަރަންޓުގެ ޚިދުމަތާއި، 25 ރަށެއްގައި ފެނުގެ ޚިދުމަތް އަދި 24 ރަށުގައި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯއިން ދަނީ ދެމުން ކަމަށް ވެސް އެކުންފުނީން ވަނީ ވިދާޅުވެފައެވެ.






