އެމެރިކާއިން ހިފަން އުޅޭ އީރާނުގެ ޚަރުޖް ޖަޒީރާ

ޢަބްދުﷲ ސަޢީދު
މާރޗް 16, 2026
އެމެރިކާއިން ހިފަން މަސައްކަތްކުރާ އީރާނުގެ ޚަރުޖް ޖަޒީރާ (kharg island) އަކީ އެ ޤައުނުގެ އިޤްތިޞާދީ އަދި އިސްތިރާޖީ އެންމެ މުހިންމު އެއް ރަށެވެ. ފާރިސީ ކަނޑުއޮޅީގައި އޮންނަ މި ޖަޒީރާއަކީ އީރާނުގެ ތެލުގެ ސިނާއަތުގެ މައިބަދަ އެވެ. އެމެރިކާއިން މި ރަށް ހިފަން މަސައްކަތްކުރަނީ މި ރަށް ހިފިއްޖެނަމަ އީރާނުގެ ތެލުގެ ކޮންޓްރޯލް ލިބޭނެކަމަށް ބަލައިގެންނެވެ. މި ރަށަކީ އީރާނުން ނަގާ ތެލުގެ 90 އިން ސައްތަ ބޭރުކުރާ ބަނދަރެވެ. އަދި އެ ޤައުމުގެ އެންމެ ބޮޑު ތެލުގެ ރިޒާވްއެވެ. މި ރަށުގައި ބޮޑެތި ތެޔޮ ޓޭންކަރުތަކަށް ފަސޭހައިން ކައިރިކުރެވޭނެ ޤުރަތީ ފުން ބަނދަރަކާއި ޒަމާނީ ޖެޓީތައް ހުރެއެވެ.
އީރާނުގެ ދެކުނުން ފާރިސީ ކަނޑުއޮޅީގައި އޮންނަ މުރަކައިގެ މި ރަށް އިދާރީގޮތުން ނިސްބަތްވަނީ އީރާނުގެ ބޫޝެހްރު ޕްރޮވިންސަށެވެ. ގާތްގަނޑަކަށް 20 އަކަކިލޯމީޓަރުގެ ބޮޑުމިން ހުންނަ މި ރަށަކީ އީރާނުގެ އައްސޭރިފަށުން ގާތްގަނޑަކަށް 25 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ. ތާރީޚީ ގޮތުން ބަލާއިރުވެސް، މި ރަށަކީ ކަނޑުދަތުރުފަތުރުގެ މުހިންމު މަރުކަޒެކެވެ. އިރާނާއި އިރާގު ހަނގުރާމައިގައި ވެސް އިރާގުން މި ރަށަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ. އޭގެފަހުން މި ރަށް އީރާނުން ވަނީ މާގަދަގަދަކޮށް އަލުން ބިނާކޮށްފައެވެ.
އެމެރިކާއާއި އިޒުރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އެމެރިކާއިން މިހާރު ވަނީ ޚަރުޖަށް އެއް ފަހަރު ހަމަލާދީފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަދިވެސް އެ ރަށަށް ހަމަލާ ދޭނެކަމަށް ވިދާޅުވެފައެވެ. ޚަރުޖަށް ހަމަލާ ދިނުމާ އެކު އީރާނުން ނެރުނު ބަޔާންތަކުން އެ ޤައުމަށް މި ޖަޒީރާ އިސްތިރާޖީގޮތުން މުހިންމުވާ ވަރު ވަޒަން ކުރެވެއެވެ. އީރާނުން ބުނާ ގޮތުގައި އިތުރަށް އެމެރިކާއިން ހަމަލާއެއް މި ރަށަށް ދީފިނަމަ އެމެރިކާ ސިފައިން ހިމާޔަތް ހޯދައިގެން ފިލާތިބި އަވަށްޓެރި އަރަބި ޤައުމުތަކުގެ ތެޔޮ ކާރުޚާނާތަކަށް ހަމަލާދޭނެއެވެ. މިއީ ހަނގުރާމަ އިތުރަށް ފުޅާވެ މުޅި ސަރަހައްދުގައި ހަނގުރާމައިގެ ހުޅުފަޅައިގެން ދާނެ ކަމެކެވެ. އަދި އެ ހަމަލާގެ ބަދަލު ހިފުމަށް ޓަކައި އީރާނުން ޔޫއޭއީއަށް ހަމަލާ ދޭނެކަމަށާއި ހަމަލާދޭނެ ތަންތަން ވެސް ވަނީ ބުނެފައެވެ.
ޚަރުޖް ޖަޒީރާ ދިފާޢު ކުރުމަށް އީރާނުން އަޅާފައިވަނީ ވަރަށް އާދަޔާ ޚިލާފު ވަރުގަދަ ފިޔަވަޅުތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނާއި އިރާގު ހަނގުރާމައިގެ ދުވަސްވަރު ޚަރުޖް ޖަޒީރާއަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިވާތީ، އީރާނުން މި ރަށުގެ ދިފާޢީ ކަންކަން ވަނީ އިންތިހާއަށް ވަރުގަދަކޮށްފައެވެ. އެގޮތުން މި ރަށުގައި އީރާނުގެ އެންމެ ޒަމާނީ ވައިގެ ދިފާޢީ މިސައިލް ސިސްޓަމްތައް (S-300 އަދި ބާވަރު-373 ފަދަ) ގާއިމުކޮށްފައިވެއެވެ. އަދި
އީރާނުގެ އިސްލާމީ އިންގިލާބީ ސިފައިންގެ ލަޝްކަރު (IRGC) އާއި ސިފައިންގެ ވަރުގަދަ ބާރުތަކެއް އަބަދުވެސް މި ރަށާއި މި ސަރަހައްދުގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވެއެވެ. މީގެއިތުރުން މި ރަށުގައި ދަނީ ދުރު ރާސްތާގެ ރާޑަރުތަކުން މުޅި ސަރަހައްދު އަބަދުވެސް މޮނިޓަރ ކުރަމުން ގެންދެއެވެ. ބުނެވޭގޮތުގައި މި ރަށް ބޭރުގެ އިސްތިޢުމާރީ ބާރެއްގެ އަތްދަށަށް ގެންގޮސްފި ހާލަތެއްގައި ދުރުގައި ތިބެގެން މުޅިރަށް އެއްކޮށް ގޮއްވާލޭނެ ނިޒާމެއް ވެސް ވަނީ ޤާއިމުކޮށްފައެވެ.
ޚަރުޖް ޖަޒީރާއަކީ އީރާނުގެ އިޤްތިޞާދީ ދިރުމެވެ. އެ ރަށުގެ ސަލާމަތާއި ރައްކާތެރިކަމަކީ އީރާނުގެ ގައުމީ ސަލާމަތާ ސީދާ ގުޅިފައިވާ ކަމަކަށްވާއިރު، ބައިނަލްއަޤްވާމީ ސިޔާސީ މަސްރަޙުގައި ވެސް މި ޖަޒީރާއަށް ދެވިފައިވަނީ ވަރަށް މަތީ ދަރަޖައެއްގެ އަހަންމިއްޔަތެކެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *