އެމެރިކާއާއި އިސްރާއީލުން އިސްވެ އޮވެ އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމާ ނުހުއްޓައި ކުރިއަށް ގެންދަން ބޭނުން ކަމަށް ވާނަމަ ގަލްފް ކޯޕަރޭޝަން ކައުލްސިލް (ޖީސީސީ) ގެ ގައުމުތަކުން އެމެރިކާއަށް ފަސް ޓްރީލިއަން ޑޮލްރު ދޭންޖެހޭނެ ކަމަށްބުނެ އެ ހޯދަން ޓްރަމްޕް ދިމާކޮށްފިއެވެ.
ޖީސީސީގައި ހިމެނޭ ގައުމުތަކަކީ ބަހްރެއިން، ކުވެއިތު، އޮމާން، ގަތަރު، ސައުދީއަރަބިއްޔާ، ޔޫއޭއީ އެވެ. ޓްރަމްޕް ވިދާޅުވަމުން ގެންދަވަނީ މިހަނގުރާމައަށް އެތައް ބިލިއަން ޑޮލަރެއް އަދިވެސް ބޭނުންވާ ކަމަށެވެ. މީގެ ކުރިން ޖީސީސީގެ ގައުމުތަކުން ބުނެފައިވަނީ ހަނގުރާމައިގެ ތެރެއަށް ވަންނާން ބޭނުން ނުވާކަމަށެވެ. ސީދާ ހަނގުރާމައަށް ވަންނަން އެގައުމުތަކުން ގެންދަނީ ފާޅުގައި ދެކޮޅު ހަދަމުން ކަމަށް ”ދަ ކްރޭޑްލް“ ނޫހުންވަނީ ބުނެފައެވެ.
އެ ނޫހުން ބުނެފައިވަނީ ޖީސީސީގެ ގައުމުތަކުން މިފައިސާ ހޯދުމަށް ވައިޓުހައުސްއިން ގެންދަނީ އެގައުމުތަކަށް ޕްރެޝަރު ކުރަމުން ކަމަށެވެ. މި ޕްރެޝަރުގެ ތެރޭގައި މާލީ އަދި އަސްކަރީ ޕްރެޝަރު ހިމެނޭ ކަމަށް އެނޫހުން ބުނެއެވެ.
ފެބުރުވަރީ 28 ވަނަ ދުވަހު އިސްރާއީލުން އިސްވެ އީރާނަށް ހަމަލާދިނުމުން ބަދަލުގެ ގޮތުގައި އީރާނުން ގެންދަނީ އެގައުމަށް މިސައިލުން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. އެގޮތުގައި އިސްރާއީލާއި ގަލްފުގެ ގައުމުތަކުގައި ހުންނަ ތެލާއި ގުދުރަތީ ގޭހުގެ އިންފްރާސްޓްރަކްޗަރ ފަދަ ތަންތަނަށް ވެސް ދަނީ ހަމަލާ ދެމުންނެވެ. މިއާއެކު އީރާނުންވަނީ ހޮރްމޫޒް ކަނޑުއޮޅި ވެސް ބަންދުކޮށްފައެވެ. އޭގެ ސަބަބުން ގަލްފުގެ ގައުމުތަކުން ތެޔޮ އެކްސްޕޯޓް ނުކުރެވުމުގެ ސަބަބުން ތެޔޮ އުފައްދާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެ ތެލުގެ އަގުބޮޑުވެފައެވެ.
މިކަމުގެ ގެއްލުން ޔޫއޭއީ، ގަތަރު، ސައުދީ އަރަބިއްޔާ އަދި ބަހްރެއިނަށް ދަނީ އިންތިހާވަމުންނެވެ.






