އެމެރިކާ އާއި އިޒްރޭލުން ބުނާއެއްޗަކާ މަންޒަރަކާ ދިމައެއްނުވެއެވެ. އެމީހުން ބުނަނީ އެ ދެގައުމުގެ އަސްކަރިއްޔާގެ ވަރުގަދަ ހަމަލާތަކަށްފަހު އީރާނުގެ އަސްކަރީ ގާބިލްކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އެތައް މިސައިލް ސިޓީއެއް ހަލާކުކޮށްލައިފި ކަމަށެވެ. އެތައް މަނަވަރެއް ފައްތައިފި ކަމަށެވެ. ޑިފެންސް ސިސްޓަމްތައް ކުދިކުދި ކޮށްފިކަމަށެވެ.
މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތުގެ ވެސް ވާހަކަހުރި ގޮތެވެ. އެމީހުން ބުނަނީ ކެނޑިނޭޅީ ދިން ބޮމުގެ ހަމަލާތަކުގައި އީރާނުގެ ކޮމާންޑް އޮނިގަނޑުވެސް އިންތިހާއަށް ބަލިކަށިވެފައިވާކަމަށެވެ. އޭގެ ސަބަބުން ރައްދު ހަމަލާ ދިނުމުގެ ގާބިލްކަން ވެސް ބަލިކަށިވެފައިވާ ކަމަށެވެ.
މިއީ މިހަނގުރާމަ ނިންމާލުމަށް އެމީހުން ބޭނުންވެފައިވާތީ އެ މީހުންގެ މޮޅުކަން ދުނިޔެއަށް ދައްކަން ބުނެފައިވާ މޮޅެތި ވާހަކަތަކެކެވެ. އެއްވެސް ހާލެއްގައި އެމީހުން ދެރަވާން ބޭނުންނުވާތީ ދައްކާވާހަކަތަކެވެ. އެމީހުން ވެސް ބުނަނީ ހަނގުރާމަ ނިމެންޖެހޭ ކަމަށެވެ. އެހެންނަމަވެސް ބަލި ގަބޫލު ކުރަން ބޭނުންނުވެއެވެ.
ދުނިޔޭގެ ސުޕަރޕަވަރު ކިތަންމެމޮޅު ވާހަކަތަކެއް ދެއްކިޔަސް ފެންނަ މަންޒަރު ތަފާތެވެ. އެމީހުން ދައްކާ ވާހަކައާ ދިމައެއް ނުވެއެވެ. މޮޅުވާހަކަ ދައްކަން ތިއްބާ އީރާނުން އެދަނީ އިތުރަށް ހަމަލާތައް ވަރުގަދަކޮށް އިޒްރޭލް ފުނޑާލަމުންނެވެ. މިއީ އެމެރިކާ-އިޒްރޭލު ދައްކާ ވާހަކަ ދިމާނުވާކަމުގެ ހެއްކެކެވެ. އެމީހުން އެބުނާ ވާހަކަ ތެދުކަން ހާމަކުރަން އެއްވެސް ޕޮއިންޓެއް ދެއްކިފައެއް ނެތެވެ. އެހެނަސް އީރާނުން އެދަނީ އެވާހަކަ ތަކަކީ ދޮގުކަން އަމަލުން ދައްކަމުނެވެ. އިރާނުގެ ހަމަލާތައް ގިނަކޮށް ވަރުގަދަ ކޮށްފިއެވެ.
ހަނގުރާމައިގައި އެންމެބޮ ހައިރާންކުރުވަނިވި ކަމަކަށް ދިމާވީ އިންޑިއާ ކަނޑުގެ ޑިއޭގޯ ގާސިއާގައި ހުންނަ އެމެރިކާ-އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒަށް އީރާނުން ދެ މިސައިލް ފޮނުވާލުމުންނެވެ. އެހެނަސް މިސައިލްތައް އެ ރަށަށް ފޯރާފައި ނުވެވެ. މިސައިލް ނުފޯރިޔަސް އޭގެ ސަބަބުން އީރާނުގެ ގާބިލްކަމާ މެދު އެމެރިކާއާއި ޔޫރަޕާއީ އިޒްރޭލުން ވެސް ވަނީ ކަންބޮޑުވެފައެވެ. މިވާހަކަތައް ފަތުއަޑުކިޔާފައި މުޅިދުނިޔެއަށް ފެތުރިގެން ގޮސްފައި ވަނިކޮށް އީރާނުން ވަނީ އެފަދަ ހަމަލާއެއް ނުދޭ ކަމަށް ބުނެފައެވެ. އަދި އިންޑިއާކަނޑުގެ ސަރަހައްދަށް ހަމަލައެއް ދޭން ނުވެސް ވިސްނާކަމަށްވަނީ ބުނެފައެވެ. ސުވާލަކީ އެއީ ކޮންބަޔަކު ފޮނުވި އެއްޗެއް ހެއްޔެވެ؟ ނޭޓޯ ހަނގުރާމައަށް ވައްދަން އެމެރިކާ ނޫނީ އިޒްރޭލުން ކުރި ކަމެއް ހެއްޔެވެ؟
ކޮންމެ ގޮތެއްވިޔަސް އީރާނުން މިދަނީ ހަނގުރާމައިގައި އެމެރިކާ-އިޒްރޭލަށް އަހުވަ ދައްކަމުންނެވެ. ޖެހިވަރަށްވުރެ ބާރަށް ޖަހަމުން ތަދުކުރަމުންނެވެ. މިއީ އެމެރިކާ-އިޒްރޭލަށް ކެތްވާ ކަމެއްނޫނެވެ. އިޒްރޭލު އެދަނީ ތަދުވާ ވަރުން އަވަށްޓެރިންގެ އެހީއަށް އެދިގޮވަމުންނެވެ.
ހަނގުރާމަފެށިއިރު އީރާނުގެ ހަކަތައާއި އަސްކަރީ ގާބިލްކަން ހުރީ ކިހާވަރަކަށް ކަމެއް އަންދާޒާވެސް ނުކުރެވުނީތާއެވެ. ކޮންމެއަކަސް އެތައް އަހަރެއްވަންދެން އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައި އޮތަސް އީރާނުން މިވަނީ އަސްކަރީ ގޮތުން މުޅިދުނިޔެ ހައިރާންކޮށްލާވަރުގެ ކުރިއެރުން ހޯދައިފައެވެ.
މިއީ އީރާނުގެ (ކުރީގެ) އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ އާއި އަލީ ލަރިޖާނީ ފަދަ އިސް ބޭފުޅުންނާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްކޯ (އައިއާރްޖީސީ) ގެ ކޮމާންޑަރުންނާއި އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ފަދަ އިސް ބޭފުޅުންނާއި މިފަދަ އެތައް ބައެއްގެ ސިކުނޑި ބޭނުންކޮށްގެން ހޯދައިފައިވާ ކުރިއެރުންތަކެކެވެ. މި ހަނގުރާމައިގައި މީގެތެރެއިން އެންމެން ނުވަތަ ގިނަބޭފުޅުން މިވަނީ އަވަހާރަވެފައެވެ.
އެހެން ކަމަށްވާނަމަ މި ހަނގުރާމައިގައި މިހާރު އީރާނު ލީޑުކުރަނީ ކާކުހެއްޔެވެ؟ ހަނގުރާމައިގެ އުކުޅުތަކާއި ދުޝްމަނުން ބަލިކުރާނޭ ރޭވުންތައް ރާވާ މައިސިކުނޑިއަކީ ކޮބައި ހެއްޔެވެ؟ ކުރީގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއި އަވާހަރަށްކޮށްލަންދިން ހަމަލާއިން މުޖުތަބާ ޚާމަނާއީ މިވަނީ ސަލާމަތްވެފައެވެ. މިހާރު އީރާނުގެ އެންމެމަތީ ލީޑަރަކީ އެއީއެވެ. އެހެންނަމަވެސް ވެރިކަމާ ހަވާކުވުމަށްފަހު އާންމުންގެ ތެރެއަކުން އަދި ނުފެނެއެވެ. ޓީވީ މެދުވެރިކޮށް ދެ ޚިތާބެއްވަނީ ދެއްވައިފައެވެ. އެ މެސެޖު ވެސް އިއްވީ ޓީވީ ޕްރެޒެންޓަރެވެ. ހާލަތުގެ ގޮތުން އާންމުންގެ ތެރެއަށް އަދި ނިކުންނަވަން ބޭނުންފުޅު ނުވަނީކަމަށް ވެދާނެއެވެ.
ކޮންމެގޮތެއްވިޔަސް އީރާނު ބަލިވާތަނެއް ނުފެނެއެވެ. އެމެރިކާ އިޒްރޭލަށް ފިޔަވައެވެ. އީރާނުން މިވަނީ އިޒްރޭލުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅުން އޮންނަ ނެގެވް ސަހަރާގައި އޮންނަ ޑިމޯނާ ޓައުނަށް ވެސް ދެފަހަރެއްގެ މަތީން ބާރުގަދަ މިސައިލްތަކުން ހަމަލާދީ އިޒްރޭލް ނޭވާހޮޅިއަށް އަޅުވައިފައެވެ. މި ހަމަލާއަކީ އީރާނުގެ ނިއުކްލިއަރ ޕަވަރ ޕްލާންޓް ހުންނަ ބުޝެރް ކައިރީގައި އޮންނަ އީރާނުގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރ އަށް އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެންދިން ވަރުގަދަ ރައްދެކެވެ. އީރާނުން ބުނެދޭން ބޭނުންވީ ނުވަތަ މިދިން އިންޒާރަކީ ހަނގުރާމައިގައި މިހާރު އެއްވެސް ތަނެއް އިސްތިސްނާ ނުކުރެވޭނޭ ކަމެވެ. އިޒްރޭލުގެ މުހިންމުތަންތަނަށް ވެސް ހަމަލާދެވިދާނޭ ކަމެވެ.
މި ހަމަލާތަކުން ބުނެދެނީ އީރާނު ހަނގުރާމައިގައި ގެންގުޅޭ ރޭވުންތެރިކަމުގެ ވަރުގަދަކަމެވެ. އީރާނުގެ އިސްވެރިން އަވަހާރަކޮށްލައިގެން އެމެރިކާ ބޭނުންވާ އެއްވެސް ކަމެއް ހާސިލް ނުކުރެވޭނޭކަން އިރާނު މިދަނީ ފިސާރި ކެރުންތެރިކަމާއެކު ސާބިތު ކޮށް ދައްކަމުންނެވެ.
އަލީ ޚަމަނާއީ އަވަހާރަކޮށްލުމުން އެމެރިކާއަށް ހުރިހާކަމެއް ހާސިލް ކުރެވޭނޭކަމަށް ހީކުރިއެވެ. އެހެންނަމަވެސް ދެންވެސް ފެނުނީ ހަމަ ޚާމަނާއީއެކެވެ. އޭނާ ގެންދަވަނީ އުމުރުފުޅުން 89 އަހަރުގެ ޚަމަނާއީ އަކާއި 56 އަހަރުގެ ޚާމަނާއީއެއްގެ ތަފާތު ދައްކަވަމުންނެވެ. ހުރިހާ ގޮތަކުން ވެސް މެއެވެ.
ވެރިކަމަށްވަޑައިގެންނެވީ ބައްޕަގެ ލޭފޮދުގެ ބަދަލު ހިއްޕަވާނޭ ކަމުގެ ވަޢުދާގެނެވެ. އީރާނުގެ ބިމުގައި ޝަހީދު ކޮށްލެވުނު އެގައުމުގެ އެތައް ކުޑަކުދިންގެ ލޭގެ ބަދަލު ހިއްޕަވާނޭ ކަމަށް ވިދާޅުވަމުންނެވެ. ލޮލަކަށް ލޮލެއް ބޮލަކަށް ބޮލެއްގެ އުސޫލުންނެވެ. މިފަދަ ކޮމާންޑަރެއްގެ ސިކުނޑީގެ ވަރުގަދަ ކަމާއެވެ.
އެމެރިކާއެވެ. އީރާނުގެ އެންމެ އިސްލީޑަރަކީ މުޖުތަބާ ޚާމަނާއީ އެވެ. އެއީ ކުރީގައި ހުންނެވި އަލީ ޚާމަނާއީ އެއްނޫންނެވެ. މުޖުތަބާ ޚާމަނާއީ ވަނީ ޑިޕްލޮމެޓިކް އުސޫލުތައް މަދުކޮށްފައެވެ. ވާހަކަ ދެއްކުން އެއީ ނެތްކަމެއް ކަމަށް ހަދައިފައެވެ. ދެން އޮތީ ކޮޅެއްގައި ޖެހެންދެން އީރާނާއެކު ހަނގުރާމައިގެ މައިދާނުގައި ފައިތިލަ ސާބިތު ކޮށްލުމެވެ. އެމެރިކާ-އިޒްރޭލަށް ކެތްކުރެވޭނެ ހެއްޔެވެ؟






