މެދުއިރުމަތީގައި އެމެރިކާ-އިޒްރޭލް ގުޅިގެން އީރާނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ބޭނުންވިޔަސް އެކަމުގެ ފަންނީ ތަޖުރިބާ ޓްރަމްޕުގެ ސަރުކާރުގައި ނެތްކަމަށް މިޑްލް އީސްޓް އިންސްޓިޓިއުޓްގެ ސީނިއަރ ބޭފުޅެއް ކަމަށްވާ ރޮސް ހެރިސަން ވިދާޅުވެއްޖެއެވެ.
އަލްޖާޒީރާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައިވަނީ ޓްރަމްޕް ވަނީ މުޅިއެތި އޮޅުވާލައިފައި ކަމަށެވެ. އޭނާ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތި މިވަނީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް ”އަޅުގަނޑަކަށް ނުފެނޭ ޓްރަމްޕް ސަރުކާރުގެ މުޅި ޓީމުގައި ވެސް މިހަނގުރާމަ ހުއްޓުވުވުމުގެ ހުރަނާއި ގާބިލްކަން ހުރިތަނެއް،“ އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޓްރަމްޕް މިހާރު މިސްރާބު ޖަހައިފައިވަނީ ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ އުސޫލާ ދިމާއަށް ކަމަށެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު މިވަނީ ދުނިޔޭގައި ހަމައާއި އުސޫލުތަކެއް ގާއިމްކޮށްފައެވެ. އެހެނަސް ޓްރަމްޕް މިދަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އުސޫލުތައް ނެތް ޒަމާނާ ދިމާއަށް ކަމަށް ރޮސް ވިދާޅުވިއެވެ.
”އަޅުގަނޑު ދެކޭ ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވުނު ކަންތައްތަކާ މެދު ވިސްނާލުން މުހިއްމު. އަދި ޝެކްސްޕިއާ އާއި ކިންގް ލިއާއާ މެދު ވެސް ވިސްނާލުން ވެސް މުހިއްމު،“ އަލްޖަޒީރާ އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވި އެވެ.






