އިންސާނުން ހަނދަށް ދިޔަކަމަށް ޤަބޫލުނުކުރާ މީހުން ދުނިޔޭގައި އަދިވެސް ވަރަށް ގިނައެވެ. އަދި އިންސާނުންނަށް ދުވަހަކު ވެސް ހަނދަށް ނުދެވޭނެ ކަމަށް ޤަބޫލުކުރާ ބަޔަކު ވެސް އުޅެއެވެ. އެކަމަކު ޢިލްމީ ގޮތުން އިންސާނުން ހޯދާފައިވާ ކުރިއެރުމަށް ބަލާއިރު މިއީ ބަހުސެއް އޮތް މައްސަލައެއް ނޫނެވެ. ”އާޓިމިސް“ ޕްރޮޖެކްޓަކީ އިންސާނުން އަނެއް ވެސް ހަނދަށްދިއުމަށް ކުރާ ދަތުރުތަކުގެ މުޅިން އާ ފެށުމެކެވެ.
އެންމެ ފުރަތަމަ ހަނދަށް ކުރި ދަތުރު
ހަނދަށް އިންސާނުން އެންމެ ފުރަތަމަ ކުރި ދަތުރާ ހަމައަށް ދިޔައީ އެމެރިކާއާއި ސޯވިއެޓް ޔުނިއަން (ރަޝިއާ) އާ ދެމެދުގައި ފިނިހަނގުރާމައިގެ ސިޔާސީ ވާދަވެރިކަމުގެ ތެރެއިންނެވެ. އެއް ބަޔަކަށްވުރެ އަނެއް ބައެއްގެ މޮޅުކަން ހާމަކޮށްދިނުމުގެ ތެރެއިންނެވެ. މި ރޭހުގައި ކާމިޔާބާ ހަމައަށް ވާސިލުވީ 1960 އާއި 1970 ގެ އަހަރުތަކުގައި އެމެރިކާގެ ނާސާއިން ކުރިއަށްގެންދިޔަ ”އެޕޯލޯ“ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ދަށުން 1969 ވަނަ އަހަރުގެ ޖުލައި މަހު ކުރިއަށް ގެންދިޔަ ”އެޕޯލޯ 11“ މިޝަނަކީ އިންސާނީ ތާރީޚުގައި ފުރަތަމަ ފަހަރަށް ހަނދުގެ ސަތަހައަށް އިންސާނަކު ފޭބި ތާރީޚީ ދަތުރެވެ. ނީލް އާމްސްޓްރޯންގް ހަނދުގައި އެޅި ފުރަތަމަ ފިޔަވަޅަކީ މުޅި އިންސާނިއްޔަތަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
މި ވާހަކަ ގަބޫލު ނުކުރާ މީހުން ވަރަށް އާންމު ސުވާލެއް ކުރެއެވެ. އެ ސުވާލަކީ އޭރު ހަނދަށް ދެވުނު ނަމަ ފަހުން ހަނދަށް ނުދަނީ ކީއްވެގެން ހެއްޔެވެ؟ މި ފަރާތްތަކަށް ނޭނގެނީ އެޕޯލޯ ޕްރޮގްރާމްގެ ދަށުން 1972 ވަނަ އަހަރާ ހަމައަށް 6 މިޝަނެއްގައި ޖުމުލަ 12 ފަޒާވެރިން ހަނދުގެ ސަތަހައިގައި ހިނގާފައިވާކަމެވެ. މި ދަތުރުތަކުގެ ސަބަބުން ހަނދުގެ އުފެދުމާއި، އޭގެ ޖިއޮލޮޖީއާ ބެހޭ ގިނަގުނަ މަޢުލޫމާތުތަކެއް ސައިންސްވެރިންނަށް ލިބިގެންދިޔައެވެ. ނަމަވެސް، 1972 ވަނަ އަހަރުގެ ”އެޕޯލޯ 17“ މިޝަނަށްފަހު، އިންސާނުން ހަނދަށް ކުރާ ދަތުރުތައް ވަނީ މެދުކަނޑާލައިފައެވެ.
އާޓިމިސް ޕްރޮގްރާމް
އަލުން އާ ފެށުމަކުން ފަށައިގެން އިންސާނުން ހަނދަށް ފޮނުވުމަށްޓަކައި އެމެރިކާގެ ނާސާއިން ކުރިއަށްގެންދާ ”އާޓިމިސް“ ޕްރޮގްރާމަކީ ފަހުގެ ތާރީޚެއްގައި ހިންގޭ އެންމެ މުހިންމު ފަޒާގެ މިޝަނެވެ. މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ”އާޓިމިސް 2“ އަކީ ގާތްގަނޑަކަށް 50 އަހަރަށްފަހު އިންސާނުން ހަނދާ ގާތަށް ދަތުރުކުރާނެ ފުރަތަމަ މިޝަނެވެ. މިއީ އިންސާނިއްޔަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މިފަހަރު އިންސާނުން މިއުޅެނީ ހަނދަށް ދެވޭތޯ ބަލާކަށް ނޫނެވެ. ހަނދުގައި މަރުކަޒު ހަދައިގެން ދާއިމީކޮށް ޤާއިމުވެ ތިބެ ފަޒާއާ ބެހޭ ދިރާސާތައް ކުރުމާއެކު މާސްއަށް ދިއުމުގެ ދަތުރުގައި މުހިންމު މަންޒިކަލަށް ހަނދު ހެދުމެވެ.

އާޓިމިސް 2 މިޝަންގައި ހަނދާ ވަރަށް ކައިރިއަށް ގޮސް ރައްކާތެރިކަން ކަށަވަރުކުރާނެއެވެ. އޭގެ ފަހުގައި ހަނދަށް އިންސާނުން ގޮވައިގެން ދާނީ މިޝަން އާޓިމިސް 3 ގައެވެ. އާޓިމިސް 2 ގެ އެންމެ ބޮޑު ބޭނުމަކީ، އިންސާނުން ގޮވައިގެން ހަނދަށް ދަތުރުކުރުމަށް ބޭނުންކުރާ އުޅަނދު ކަމުގައިވާ ”އޮރަޔަން“ އުޅަނދާއި، ”ސްޕޭސް ލޯންޗް ސިސްޓަމް“ (އެސް.އެލް.އެސް) ރޮކެޓްގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ. މި މިޝަންގައި ހަތަރު ފަޒާވެރިން ބައިވެރިވާނެއެވެ. މި ފަޒާވެރިން ހަނދުގެ ވަށައިގެން ބުރެއް ޖެހުމަށްފަހު އެނބުރި ދުނިޔެއަށް އަންނާނެއެވެ. މިއީ ހަނދުގެ ސަތަހައަށް ފޭބުމުގެ ކުރިން ކުރެވޭ އެންމެ މުހިންމު އިމްތިޙާނެވެ.
އާޓިމިސް 2 ގެ ފަޒާވެރިންގެ ތަފާތު
މިޝަން އާޓިމިސް 2 ގައި ބައިވެރިވާ ފަޒާވެރިންގެ ތަފާތުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. މީގެ ކުރިން ހަނދަށް ކުރެވުނު ދަތުރުތަކާ ޚިލާފަށް، މިފަހަރުގެ މިޝަންގައި އަންހެން ފަޒާވެރިއަކާއި، ކަޅު ނަސްލުގެ ފަޒާވެރިއަކު ބައިވެރިވެއެވެ. މިއީ ފަޒާގެ ހޯދުންތަކުގައި ހުރިހާ އިންސާނުންގެ ބައިވެރިވުން އޮތްކަން ހާމަކޮށްދޭ ކަމެކެވެ.

އާޓިމިސް 2 ގެ ފަޒާވެރީންނަކީ ނާސާގެ އެސްޓްރޮނޯޓުން ކަމަށްވާ ރީޑް ވައިސްމަން، ވިކްޓަރ ގްލޯވަރ، ކްރިސްޓީނާ ކޯޗް އަދި ކެނެޑާގެ ސްޕޭސް އެޖެންސީ (ސީއެސްއޭ) ގެ އެސްޓްރޮނޯޓް ޖެރެމީ ހެންސަން އެވެ. މި ފަޒާވެރިން ދުނިޔެއިން 230،000 މޭލަށް ވުރެ ދުރަށް އަދި ހަނދުގެ ދުރު ފަރާތުން 4،600 މޭލު (7،403 ކިލޯމީޓަރު) ދުރަށް ދަތުރުކުރާނެއެވެ. މި ދަތުރަކީ 10 ދުވަހުގެ ދަތުރުގައެވެ. އާޓިމިސް 2 ގެ ދަތުރު ފަށާފައި ވަނީ 1 އެޕްރީލް 2026 ގައެވެ. މި ދަތުރު ނިންމާ ދުނިޔެއަށް އަންނާނީ 10 އެޕްރީލް 2026 ގައެވެ.
އާޓިމިސް 2 ގައި ބޭނުންކުރާ 2 އުޅަނދު
މިޝަން އާޓިމިސް 2 ގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ދެ އުޅަނދެކެވެ. އެއީ ސްޕޭސް ލޯންޗް ސިސްޓަމް (އެސްއެލްއެސް) ރޮކެޓާއި އޮރަޔަން ސްޕޭސް ކްރާފުޓެވެ. ސްޕޭސް ލޯންޗް ސިސްޓަމަކީ މިހާތަނަށް އުފެއްދި އެންމެ ބާރުގަދަ ރޮކެޓެވެ. މީގެ ބޭނުމަކީ އޮރަޔަން އުޅަނދާއި އޭގެ ފަޅުވެރިން ދުނިޔޭގެ މާހައުލުން ބޭރަށް، ހަނދާ ދިމާލަށް ފޮނުވާލުމެވެ. އޮރަޔަން ސްޕޭސްކްރާފްޓަކީ ފަޅުވެރިން ތިބޭ އުޅަނދެވެ. މީ ހަތަރު ފަޅުވެރިންނަށް ދަތުރުކުރެވޭ ވަރުގެ އުޅަނދެކެވެ. މި އުޅަނދު ފަރުމާކޮށްފައިވަނީ ދުރު ރާސްތާގެ ފަޒާގެ ދަތުރުތަކަށާއި، ދުނިޔޭގެ މާހައުލަށް އަލުން ވަންނައިރު ކުރިމަތިވާ ގަދަ ހޫނުން ފަޅުވެރިން ސަލާމަތްކުރެވޭ ގޮތަށެވެ.
އާޓިމިސް 3
މުޝަން އާޓިމިސް 2 ކާމިޔާބުވުމަކީ މިޝަން އާޓިމިސް 3 އަށް މަގުފަހިވެގެންދާނެ ކަމެކެވެ. އާޓިމިސް 3 ގެ މަގުސަދަކީ ހަނދުގެ ދެކުނު ތަނޑިއަށް އިންސާނުން ބޭލުމެވެ. އަދި މިއީ ހަނދުގައި ދާއިމީ މަރުކަޒެއް ގާއިމުކުރުމަށާއި، ކުރިމަގުގައި މާސް އަށް ދަތުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފާލަމަކަށް ވާނެއެވެ.
އާޓިމިސް 2 އަކީ މާޒީގެ ކާމިޔާބީތަކުގެ މައްޗަށް ބިނާކޮށް، ފަށާ ފަޒާ ދަތުރުތަކުގެ އާ ޒަމާނެއްގެ ފެށުމެކެވެ. ކުރީގެ ދަތުރުތަކުން ލިބުނު ތަޖުރިބާގެ އަލީގައި، މިފަހަރުގެ މިޝަންތައް ފަރުމާކުރެވިފައިވަނީ މާ ރައްކާތެރި އަދި މާ ފުޅާ ދާއިރާއެއްގައި ދިރާސާތައް ކުރެވޭނެ ގޮތަށެވެ. މިއީ ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން އިންސާނުން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ.






