އަލްބަރޓް ޕައިކުގެ، ބޮޑު ތިން ހަނގުރާމައިގެ ރޭވުން

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
އޭޕްރިލް 11, 2026

1958 ވަނަ އަހަރު ފޮތެއް ލިޔެ ޗާޕްކުރެވުނެވެ. ފޮތުގެ ނަމަކީ ”ޕޯންސް އޮފް ދި ގޭމް“ އެވެ. އެ ފޮތުގެ މުސައްނިފަކީ ކެނެޑާގެ ނޭވީ އޮފިސަރެއް ކަމަށްވާ ވިލިއަމް ގައި ކާރު އެވެ. އެފޮތުގައި ވިލިއަމް، ސިޓީއެއްގެ ވާހަކަ ބަޔާން ކޮށްފައިވެއެވެ. އޭނާ، އިނގިރޭސިވިލާތުގެ ލަންޑަނުގެ ދާރުލްއާސާރުގެ ކުތުބުޚާނާއިން، އެ ސިޓީ ދުށްކަމަށް ލިޔެފައިވެއެވެ. ވިލިއަމްގެ ފޮތް ޗާޕްކޮށްގެން ނުކުތުމާއެކު، އޭގެފަހުން އެ ސިޓީ އެއްވެސް މީހަކަށް ފެނިފައި ނުވެއެވެ. އެ ހިސާބުން އެ ސިޓީ ގެއްލިއްޖެއެވެ. ވިލިއަމް ބުނާގޮތުން، އެ ސިޓީއާ ބެހޭ މަޢުލޫމާތު އޭނާއަށް ލިބުނީ ޗިލީގެ ނަސާރާ ފައްޅީގެ ކާރޑިނަލްއެއް ކަމަށްވާ ހޯޒޭ މާރިއާ ކާރޯ ރޮޑްރިގޭޒްގެ ފަރާތުންނެވެ. އެ ސިޓީއަކީ 33 ޑިގްރީ ފްރީމޭސަނަކު ލިޔެފައިވާ ސިޓީއެކެވެ. 33 ޑިގްރީ ފްރީމޭސަނުންނަކީ އެންމެ މަތީ ދަރަޖައިގެ ފްރީމޭސަނުންނެވެ. އެ ފްރީމޭސަނަކީ އަލްބަރޓް ޕައިކް ނަމަކަށް ކިޔާ މީހެކެވެ. އަލްބަރޓް ޕައިކަކީ ޤާނޫނީ ވަކީލެކެވެ. ލިޔުންތެރިއެކެވެ. ޖާރނަލިސްޓެކެވެ. އެއަށްވުރެ ބޮޑަށް އޭނައަކީ އެންމެ މަތީ ދަރަޖައިގެ ފްރީމޭސަނެކެވެ. އަދި، އޭގެއިތުރުން އޭނާއަކީ އެމެރިކާގެ މަދަނީ ހަނގުރާމައިގެ ކޮންފެޑެރޭޓް ޖެނެރަލެކެވެ.

ނަސްލީ އިމްތިޔާޒާއި، ރަމްޒިއްޔަތާއި، ތަފާތު ދީންތައް އަޅައި ކިޔުމުގައިޔާއި، އަދި އަޝްރާފުންގެ ނަޚުބާގައި އޭނާއަކީ ވަރަށް މަޝްހޫރު މީހެކެވެ. 1871 ގައި، އޭނާ އެ ސިޓީ ލިޔުނީ އިޓަލީގެ އިންޤިލާބީއެއް ކަމަށްވާ ޖޫސެއްޕެ މައްޒީނީ ނަމަކަށް ކިޔާ މީހަކަށެވެ. މައްޒީނީއަކީ އަންޑަރ ގްރައުންޑް ޕޮލިޓިކަލް ނެޓްވޯރކުތަކާއި، ސީކްރެޓް ސޮސައިޓީތަކާއި، ވަކިން ޚާއްޞަކޮށް ”ޔަންގު އިޓަލީ“ ޖަމާޢަތާއި އޮންނަ ގުޅުމުގެ ސަބަބުން ވަރަށް މަޝްހޫރު މީހެކެވެ.

އެ ސިޓީގައި އަލްބަރޓް ޕައިކް ބޮޑު ތިން ހަނގުރާމައެއްގެ ވާހަކަ ލިޔެފައިވެއެވެ. އޭނާ ލިޔެފައިވާ ގޮތުގައި ފުރަތަމަ ހަނގުރާމަ، ނުވަތަ ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ކުރަން ޖެހެއެވެ. އެ ހަނގުރާމައިގެ މަޤުޞަދަކީ ރަޝިޔާގެ އަމްބަރާޠޫރު ޒާރގެ ވެރިކަން ވައްޓާލައި، ކޮމިއުނިޒަމް ޤާއިމުކުރުމެވެ. ދުވަސްވީ ޙުކޫމަތްތައް ނުވަތަ ވެރިކަންތައް ބަލިކަށި ކޮށްލުމެވެ. އަދި ހުރިހާތަނެއްގައި ދީނާއި، މަޒުހަބުގެ ނިޒާމުތަކަށް ލޮޅުން އަރުވައިލުމެވެ. 1914 އާއި، 1918 އާއި ދެމެދު ދުނިޔޭގެ ކަންކޮޅުތަކުގައި ކަންތައްތައް ހިނގާފައިވަނީ ސީދާ އޭނާ ބުނިގޮތަށެވެ. ފުރަތަމަ ބޮޑު ހަނގުރާމައާއެކު ރަޝިޔާގެ އަމްބަރާޠޫރު ޒާރގެ ވެރިކަން ނިމިގެންދެއެވެ.

އެއަށްފަހު، އެ ސިޓގައި ދެވަނަ ހަނގުރާމައެއްގެ ވާހަކަ ލިޔެފައިވެއެވެ. މާނައަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ވާހަކައެވެ. ދެވަނަ ބޮޑު ހަނގުރާމައާ ބެހޭގޮތުން، އޭނާ ލިޔެފައިވާ ގޮތުގައި، އެ ހަނގުރާމައާއެކު ނާޒިޒަމް ނުވަތަ ނާޒިއްޔަތުގެ ދުވަސް ދުއްވާލަން ޖެހޭނެއެވެ. އެއާ އެކުއެކީގައި ސަޙުޔޫނިއްޔަތު ކުރިއަރުވައި، ބާރުގަދަކުރަން ޖެހޭނެއެވެ. އަދި ފަލަސްޠީނުގެ ދުވަސް ދުއްވާލައި، ސަޙުޔޫނީ ދައުލަތެއް ޤާއިމުކުރުމުގެ މަގުކޮށަން ޖެހޭނެއެވެ. 02 ސެޕްޓެމްބަރު 1945 ގައި ދެވަނަ ބޮޑު ހަނގުރާމަ ނިމި، އޭގެ ދެއަހަރާއި 8 މަސްދުވަސް ފަހުން، 14 މެއި 1948 ގައި، ”އިޒުރޭލު“ ގެ ނަމުގައި، ސަޙުޔޫނީ ދައުލަތެއް ފަލަސްޠީނުގެ ބިމުގައި ގާއިމުކުރެވުނެވެ.

އެ ސިޓީގެ އެންމު މުހިންމު ވާހަކައިގެ ގޮތުގައި، ތިންވަނަ ބޮޑު ހަނގުރާމައިގެ ވާހަކަ އަލްބަރޓް ޕައިކް ގެނެސްފައި ވެއެވެ. ތިންވަނަ ބޮޑު ހަނގުރާމައާ ބެހޭގޮތުން، އޭނާ ލިޔެފައިވާ ގޮތުގައި، ސިޔާސީ ޞަހުޔޫނިއްތުން އިސްލާމީ ދުނިޔެއާ ހަނގުރާމަ ކުރަން ޖެހޭނެއެވެ. ހަނގުރާމައާއި، ފަސާދައާއި، ބަލިކަށިކަމުގެ ތެރެއަށް ދުނިޔެ ވައްޓާލަން ޖެހޭނެއެވެ. ޤައުމުތައް، ޖިސްމާނީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، އަދި ރޫޙާނީގޮތުން ބަލިކަށިކޮށް، ހަލާކުކޮށްލަން ޖެހޭނެއެވެ. އަދި އެންމެފަހުން ޢާލަމީ ނިޒާމެއް ޤާއިމުކުރަން ޖެހޭނެއެވެ. އެ ނިޒާމަކީ ލުސިފަރުގެ ނިޒާމެވެ. ޔަޢުނީ އިބިލީހުގެ ނިޒާމެވެ.

އެ ސިޓީގައި މި ހުރިހާ ވާހަކަތަކެއް ލިޔެފައިވަނީ، ފުރަތަމަ ބޮޑު ހަނގުރާމައިގެ 43 އަހަރު ކުރިންނެވެ. ފްރީމޭސަނުންގެ ޕްލޭން ނުވަތަ ރޭވުން ވަނީ، މާކުރިއްސުރެ ރާވާ ނިންމާފައެވެ. އަދި، އެ ރޭވުމާއި އެއްގޮތަށް ފަހަރަކު ކަމެއް އެދަނީ ތަންފީޒު ކުރަމުންނެވެ. ފުރަތަމަ ބޮޑު ހަނގުރާމައާއި، ދެވަނަ ބޮޑު ހަނގުރާމައިގައި ކަންތައްތައް ހިނގާފައިވަނީ، އެ ސިޓީގައި ލިޔެފައިވާ ގޮތާއި ދާދި އެއްގޮތަށެވެ. ދެން އޮތީ އެ ސިޓީގައި ބުނާ ތިންވަނަ ބޮޑު ހަނގުރާމައެވެ. އެ ސިޓީގައި ބުނާގޮތަށް، ތިންވަނަ ބޮޑު ހަނގުރާމައިގެ ކަންތައްތައް ނިމިގެންދާނެ ބާވައެވެ؟ والله أعلم!

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *