އީރާން ސަރަހައްދުގައި އެމެރިކާގެ ކަނޑުގެ ސިފައިން ކަނޑުފޭރޭ އަމަލުތަކެއް ހިންގަމުންދާ ކަމަށާއި އެކަމަށް ވަރުގަދަ އަސްކަރީ ހަމަލާއެއް ދޭނޭ ކަމުގެ ވަރުގަދަ އިންޒާރެއް އީރާނުން ދީފިއެވެ.
މިއިންޒާރު ދިނީ ޚަތަމުލް އަންބިޔާ މައިމަރުކަޒުންނެވެ. އެތަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާ އިން ގަލްފު ސަރަހައްދުގައި ކަނޑު ހުރަސް ކުރާފަރާތްތަކަށް ދުއްތުރާކޮށް ކަނޑުފޭރުން ފަދަ ހަރުކަށި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާނަމަ އީރާނުގެ ބާރުގަދަ އަސްކަރިއްޔާގެ ފަރާތުން ވަރުގަދަ ރައްދެއް ދޭނޭ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އީރާނުގެ ސިޔާދަތު ދިފާއު ކުރުމަށް އެގައުމުގެ އަސްކަރިއްޔާ މިހާރުއޮތީ ކުރިއަށްވުރެ މާ ބާރުގަދަކޮށް ކަމަށެވެ. އަދި އަސްރިއްޔާއޮތީ އެކަމަށް ތައްޔާރަށް ކަމަށް އެމެރިކާއިން ދަންނަންޖެހޭނޭ ކަމަށް ވެސް ބުނެފައިވެއެވެ.
އީރާނުގެ ކުޅަދާނަ އަދި ހުނަރުވެރި ސިފައިން ގެންދަނީ އެމެރިކާއިން ސަރަހައްދުގައި ހިންގަމުން ގެންދާ އަމަލުތައް ފިސާރި ރަނަގަޅަށް ބަލަމުން ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ. އަދި ސްޓްރެއިޓް އޮފް ހޮރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމުގައި އީރާނުގެ ސިފައިން ދެމި ތިބޭނޭ ކަމަށް ވެސް ބުނެފައިވެއެވެ.
މިކަންކަމާ ގުޅިގެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާއެއް ދީފިނަމަ ރައްދުގައި ދޭނީ އެދެގައުމަށް ބޮޑެތި ގެއްލުމަކާ ކުރިމަތިލާން ޖެހޭނޭވަރުގެ ހަމަލާއެއް ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.






