ބުރުނުވިލާޖެހުން

ޢަބްދުﷲ ސަޢީދު
އޭޕްރިލް 29, 2026

ރޭގައި ކުއްލިއަކަށް ވިދާގުގުރަން ފެށިއެވެ. ވަރަށް ބާރަށް ގުގުރިޖަހައި ހޮނު ވެސް އެޅިއެވެ. ބައެއް ޢިމާރާތްތަކަށް ގެއްލުން ލިބުނެވެ. ޅަކުދީން ވަރަށް ބިރުން އުޅުނެވެ. ބައެއް މީހުންނަށް މިވަނީ ކީއްކަމެއް ނޭނގެއެވެ. އެކަމަކު އަޅުގަނޑުމެންގެ ތެރެއިން ދުވަސްވީ މީހުންނަށް މިއީ ބުރުނު ނަކަތްކަމާއި މި ނަކަތުގައި ބުރުނުވިލާޖެހޭކަން އެނގެއެވެ. މި ތަޖުރިބާ އެކިފަހަރު ކުރަން ޖެހެނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އެކިވަރަށްކަން ދުވަސްވީ ދަނެއެވެ.

ބުރުނުވިލާޖެހުމަކީ ބުރުނު ނަކަތުގެ ވިލާގެ ކޮޅިގަނޑު އައުމެވެ. ބުރުނު ނަކަތަކީ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކާބަފައިން ބަލަމުން އަންނަ 28 ކަނަތުގެ ތެރެއިން 2 ވަނަ ނަކަތެވެ. އަދި ބުރުނު ނަކަތަކީ ހުޅަނގު މޫސުމުގެ 2 ވަނަ ނަކަތް ވެސް މެއެވެ. މި ނަކަތް ހިނގަނީ އެޕްރީލުމަހުގެ 22 އިން މޭމަހުގެ 5 އަށެވެ. މި ނަކަތުގެ ފުރަތަމަ ކޮޅުގައި ކޮޅިގަނޑަށް އާންމުކޮށް ޖެހެއެވެ. މި ކޮޅިގަނޑު އައިސް ވައިގަދަވެއެވެ. ނަމަވެސް ނަކަތުގެ ފަހުކޮޅަށް ދާއިރު ހިސާބަކަށް މަޑުވާނެއެވެ. މިއީ ދިވެހިރާއްޖޭގައި މަސްވެރިކަން އެހާ ރަނގަޅު ދުވަސްވަރެއް ނޫނެވެ.

މޫސުމަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއެކު ދިވެހި ކާބަފައިން ޒަމާނުއްސުރެ ބަލަމުން އައި ނަކަތްތަކާއި އެ ނަކަތްތަކުގައި ކަން ހިނގާގޮތް ކުރިން ހިނގަމުން އަންނަހާ ސީދާކޮށް ދުވަހުން ދުވަހަށް ނުހިނގާކަން މޫސުން ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެވެއެވެ. މިގޮތުން ބައެއް ކަނަތްތައް ލާގަންނަ ދުވަހާއި މޫސުން ފެށޭ ދުވަސް ވެސް ކުރިން ބަލަމުން އައި ތާރީޚުތަކާ ދިމާނުވެ ދާކަމަށް ފެނެއެވެ. އެހެންކަމުން ދިވެހި ކާބަފައިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި ނަކަތްތަކުގެ ވާހަކަ މިހާރު ދެއްކެނީ ވަރަށް މަދުންނެވެ. އެކަމަކު ޙަޤީޤަތަކީ މިހާރު ވެސް ބައެއް ފަހަރު ބައެއް ނަކަތްތަކުގައި އިހުނެކޭ އެއްގޮތަށް ކަންތައްތައް ދިމާވަމުން ދާކަމެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *