ކުޑަ އިޒުރޭލުން އޯޕެކް ދޫކޮށްލައިފި!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
އޭޕްރިލް 30, 2026

އެއީ، ދުނިޔެއަށް ލިބުނު ބޮޑު ޝޮކެކެވެ! ދުނިޔޭގެ ތެލުގެ ބާޒާރުގައި 59 އަހަރަށް ވުރެ ގިނަ ދުވަހު، މުހިންމު ދައުރެއް އަދާކުރުމަށްފަހު، އެންމެ ފަހުން ޢަރަބި ޢިމާރާތުން ވަނީ އޯޕެކުން ވަކިވާން ނިންމިކަން އިޢުލާން ކޮށްފައެވެ.

އެ ނިންމުމުގެ ސަބަބުން އަސަރުކުރާނީ ހަމައެކަނި އެންމެ ޤައުމަކަށް ނޫނެވެ. އެ ނިންމުމަކީ، މުޅި ދުނިޔޭގެ އިޤުތިޞާދާއި، ތެލުގެ އަގާއި، އަދި ކުރިމަގުގައި ހަކަތައިގެ ނިޒާމަށް ފުން އަސަރުތަކެއް ކޮށްފާނެ ނިންމުމެކެވެ. ޢަރަބި ޢިމާރާތުގެ އެ ނިންމުމުގެ ސަބަބުން ދުނިޔެއަށް ކުރާނެ އަސަރުތަކަކީ ކޮބައި ހެއްޔެވެ؟ ޢަރަބި ޢިމާރާތުގެ އެ ނިންމުމަށްފަހު އުފެދޭ އެންމެ ބޮޑު ސުވާލަކީ، ތެލުގެ އަގަށް ވާނީ ކިހިނެއް ހެއްޔެވެ؟

އެ ނިންމުމުގެ ސަބަބުން، ޢަރަބި ޢިމާރާތުން ބޭނުން ވަރަކަށް ތެޔޮ އުފެއްދުމުގެ މިނިވަންކަން، އެ ޤައުމަށް ލިބިގެންދާނެއެވެ. އަދި، ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައި އިތުރުވެ، ތެލުގެ އަގު ދަށަށް ދާނެއެވެ. އެއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި، ތެޔޮ ބޭނުންކުރާ މީހުންނަށް ލިބޭނެ ލުޔެއް ކަމަށް ފެނެއެވެ.

އެކަމަކު، ތަސްވީރުގެ އަނެއް ފަރާތް، މާބޮޑަށް އަނދިރިވެފައި، އަދި މުޢައްޤަދު ކަމަށް ފެނެއެވެ. ޢަރަބި ޢިމާރާތަކީ އޯޕެކްގެ މުހިންމު މެމްބަރަކަށް ވެފައި، އެ ޖަމާޢަތުން ޢަރަބި ޢިމާރާތް ވަކިވުމުން، އޯޕެކް ބަލިކަށި ވެގެން ހިނގައި ދާނެއެވެ. އަދި ތެލުގެ އަގުގެ ޕާޔަދާރީ ނުވަތަ ސްޓެބިލިޓީ ގެއްލި، ތަރުތީބެއް ނެތި އަގު ކުޑަވެ، އަދި ބޮޑު ވެދާނެއެވެ. އަދި، އެހެން ޤައުމުތައް ވެސް އޯޕެކުން ވަކިވާން ފަށައިފިނަމަ، ދުނިޔޭގެ ބާޒާރު ”މިނިވަން ވާދަވެރިކަމެއްގެ“ ތެރެއަށް ގެނބިގެން ހިނގައި ދާނެއެވެ.

އެމެރިކާއާއި، ޕެޓްރޯ ޑޮލަރަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއްގައި ބޭނުން ކުރަނީ އެމެރިކާ ޑޮލަރެވެ. އެއަށް މި ކިޔަނީ، ”ޕެޓްރޯޑޮލަރ ނިޒާމެވެ.“ ޢަރަބި ޢިމާރާތުން އޯޕެކް ދޫކޮށް، އަމިއްލަ އިޚުތިޔާރުގައި ތެޔޮ ވިއްކަން ފަށައިފި ނަމަ، ޑޮލަރު ނޫން ފައިސާއަކުން ތެލުގެ ވިޔަފާރީގެ ބައެއް މުޢާމަލާތްތައް ހިންގުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން ޗައިނީސް ޔުއާންއާއި، އަދި ދިރުހަމު ބޭނުންކޮށްގެން ތެލުގެ ވިޔަފާރި ހިންގަފާނެއެވެ. އޭރުން ދުނިޔޭގައި ޑޮލަރަށް އޮންނަ މުޠާލިބާ ނުވަތަ ޑިމާންޑް ކުޑަވެގެން ހިނގައި ދާނެއެވެ. އަދި، އިތުރު ޤައުމުތަކުން އެމަގުން ހިނގަން ފަށައިފިނަމަ، ޕެޓްރޯ ޑޮލަރުގެ ނިޒާމު ބަލިކަށިވެ، އެމެރިކާގެ ބައިނަލްއަޤުވާމީ އިޤްތިޞާދީ ބާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެދާނެއެވެ. އަދި ޢާލަމީ އިޤުތިޞާދުގައި ހަލުވިކަމާއެކު، ”މަލްޓި ކަރަންސީ ނިޒާމެއް“ އުފެދިގެން ހިނގައި ދާނެއެވެ. އެހެންކަމުން، ޢަރަބި ޢިމާރާތުގެ އެ ނިންމުމުން ބަދަލު އަންނާނީ ހަމައެކަނި ތެލަކަށް ނޫނެވެ. ދުނިޔޭގެ ބާރުގެ ތަވާޒުނަށްވެސް ބަދަލުތަކެއް އަތުވެދާނެއެވެ.

އޭގެ ސަބަބުން ދިވެހިރާއްޖެއަށް ކުރާނީ ކޮން ކަހަލަ އަސަރުތަކެއް ހެއްޔެވެ؟ އެ ޚަބަރަކީ ދިވެހިރާއްޖެ ފަދަ، ތެލުގެ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމަކަށް ވަރަށް މުހިންމު ޚަބަރެކެވެ. ތެޔޮ އަގުހެޔޮވެއްޖެ ނަމަ، ޕެޓްރޯލާއި، ޑީސަލްގެ އަގު، ދަށަށް ދާނެއެވެ. އަދި، ތަކެއްޗާއި، ޚިދުމަތުގެ އަގަށް ހެޔޮ ބަދަލުތަކެއް އަތުވެދާނެއެވެ. ކަރަންޓު އުފެއްދުމަށް ހިނގާ ޚަރަދުކުޑަވެ، ކަރަންޓު ބިލުގެ އަގުހެޔޮ ވެދާނެއެވެ. އެކަމަކު، ތަރުތީބެއް ނެތި އަގުތައް މަތިވެ ތިރިވާނަމަ، އިޤުތިޞާދީ ޕްލޭނިންގ އަށް ދަތިވާނެއެވެ. ދިވެހި ރުފިޔާއަށް ޕްރެޝަރު ބޮޑުވެދާނެއެވެ. އަދި، އިމްޕޯޓް، އެކްސްޕޯޓުގެ ކަށަވަރުކަން ގެއްލިގެން ހިނގައި ދާނެއެވެ.

ޙަޤީޤަތަކީ ކޮބައި ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ދިވެހިރާއްޖެއަށް ފައިދާ ކުރާނެއެވެ. ދުނިޔެއަށް މައްސަލަތަކެއް ކުރިމަތި ވެދާނެއެވެ. ޢަރަބި ޢިމާރާތުގެ އެ ނިންމުމުގެ ސަބަބުން ދުނިޔެއަށް ވަގުތީ ފައިދާތަކެއް ލިބިދާނެއެވެ. ނަމަވެސް، ދިގު މުއްދަތުގައި، ދުނިޔެ އެއްވެސް ޔަގީންކަމެއް ނެތް، އައު ޙާލަތަކަށް ވެއްޓިގެން ހިނގައި ދާނެއެވެ. ތެލާއި، ޑޮލަރާއި، އަދި ދުނިޔޭގެ ބާރަށް ރިޢާޔަތްކުރާ އިރު، އެ ތިން ބާވަތުގެ ތަވާޒުނަށްވެސް ބަދަލުތަކެއް އަތުވެދާނެއެވެ. އޭގެ އަސަރުތައް ކޮންމެ ޤައުމަކާއި، ކޮންމެ އާންމު ރައްޔިތަކަށް ވެސް ފޯރަފާނެއެވެ.

ޗައިނާއާއި، ރަޝިޔާ ފަދަ ޤައުމުތަކަށް ބައިނަލްއަޤުވާމީ ދަތިތަކުން އަރައިނުގަނެވޭނަމަ، ވިޔަފާރީގެ އައު ނިޒާމެއް ދުނިޔެއަށް އިންތިހާއަށް ބޭނުންވާނެއެވެ. އަދި، އެކަން އީރާނުންވެސް ވަނީ ސާފުކޮށް ބުނެދީފައެވެ. ދުނިޔޭގެ އަމަން އަމާންކަމުގެ ޙާލަތު އިތުރަށް ގޯސް ވެދާނެއެވެ. ޢަރަބި ޢިމާރާތުގެ އެ ނިންމުމުގެ ފަހަތުގައި އިޒުރޭލުގެ އަތެއް ވެދާނެ ހެއްޔެވެ؟ ޢަރަބި ޢިމާރާތުގެ އެ ނިންމުމާއެކު އެމެރިކާ ހުއްޓި ހުންނާނީ ކޮންތާކު ހެއްޔެވެ؟ އަދި، އެ ނިންމުމުގެ ސަބަބުން އެމެރިކާއަށް ވާނީ ފައިދާ ހެއްޔެވެ؟ ނުވަތަ ގެއްލުން ހެއްޔެވެ؟ ޢަރަބި ޢިމާރާތުގެ އެ ނިންމުން ރަނގަޅު ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟ އެ ނިންމުމުގެ ފަހަތުގައި އޮތީ ކޮންފަދަ ރޭވުމެއް ހެއްޔެވެ؟ މުޅި ދުނިޔެއިންވެސް ޤަބޫލުކުރާ ގޮތުގައި މުއްތަހިދާ ޢަރަބި ޢިމާރާތަކީ މިހާރު ކުޑަ އިޒުރޭލެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *