ޚުރާފާތާއި، ޚުރަފާ!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
މެއި 13, 2026

ޚުރާފާތަކީ އިސްލާމީ ތަޢުލީމާތުގައި، އެއްވެސް އަސާސެއް ނެތް ޚުރާފާތީ ޢަޤީދާތަކާއި، ފަސާނާތަކާއި، އަދި ބުއްދއަށް ޤަބޫލުނުކުރެވޭ ވާހަކަތަކަކަށް އިޝާރާތްކޮށް ބުނެ އުޅޭ ބަހެކެވެ. ގިނަ ފަހަރަށް އެފަދަ ވާހަކަތައް ޝިރުކުގެ ޢަމަލުތަކުގެ ތެރެއަށްވެސް ފެތެއެވެ. ޢަރަބި ބަހުގައި، ޚުރާފާތު، އެ ލަފުޒު ނެގިފައިވާ މުލު ލަފުޒަކީ فرخ އެވެ. މާނައަކީ ޢުމުރުންދުވަސް ވުމުގެ ސަބަބުން ބުއްދި ހަލާކުވެފައިވުމެވެ.

ޚުރާފާތު މި ލަފުޒު، މިއަދުވެސް އަހުރެމެން ބޭނުންކުރަނީ ބުއްދިއަށް ޤަބޫލުކުރަން ދަތި ދޮގުވާހަކަތަކާއި، ކޮންމެވެސް ސިފައެއްގެ ޝައިޠާނީ، އަދި ވަހުމީ ވާހަކަތަކާއި ގުޅުވައިގެންނެވެ. ޢަރަބި ތާރީޚަށް ބަލާއިރު، އެ ލަފުޒު ނެގިފައިވަނީ އަސްލު އިންސާނެއްގެ ނަމުންނެވެ. ޚުރަފާ އަކީ ޢަރަބިންގެ ބަނޫ އުދުރާ ޤަބީލާގެ މީހެއްގެ ނަމެވެ. އިހުޒަމާނުގެ ތާރީޚު ޢިލްމުވެރިން ބުނާގޮތުގައި، އެއް ފަހަރަކު ޚުރަފާ ސަހަރާތެރޭގައި ދަތުރުކުރަމުން ދަނިކޮށް، އޭނާ ގެއްލުނެވެ. ޚުރަފާގެ ހަށިގަނޑެއްވެސް އަދި އޭނާގެ އެއްވެސް ނިޝާނެއްވެސް ނުފެނުނެވެ. ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަދި އެންމެފަހުން، އޭނާ މަރުވީ ކަމަށް، އޭނާގެ ޤަބީލާއިން ނިންމިއެވެ.

އެކަމަކު، އެއް ރެއަކު ޚުރަފާ އެނބުރި އައެވެ. އޭރު އޭނާއަކީ ކުރީގެ ޚުރަފާއެއް ނޫނެވެ. އޭނާގެ ލޮލުގައި ވަނީ ބިރުވެރިކަމެވެ. އޭނާގެ މޫނު ހުރީ ހުދުވެފައެވެ. އޭނާގެ އަޑު ތުރުތުރު އަޅައެވެ. ހީވަނީ އިންސާނުންގެ ލޮލުން ދުށުމަށް ހައްދަވާފައި ނުވާ ކޮންމެވެސް އެއްޗެއް، އޭނާއަށް ފެނިގެން އުޅޭ ހެންނެވެ. ޤަބީލާގެ މީހުން އޭނާގެ ގާތަށް ޖަމާވެ، އޭނާ އެއޮތް ހުރިހާ ދުވަހު އުޅުނީ ކޮންތާކުތޯ ސުވާލުކުރިއެވެ. ޚުރަފާ ޖަވާބު ދިނެވެ. ”ޖިންނީން އަހުރެން ގެންދިޔައީއެވެ.“ އެއަށްފަހު، އޭނާ ޖިންނީންގެ އެ ދުނިޔެއާ ބެހޭ ގޮތުން ޚުލާސާކޮށް ކިޔައިދޭން ފެށިއެވެ. ”އަހުރެން އުދުހޭ މަޚުލޫޤުން ދުށީމެވެ. އަދި އިންސާނުންގެ ލޯތަކަށް ވަންހަނާވެފައިވާ ސަހަރުތަކެއް ދުށީމެވެ. އަދި ޖިންނީންގެ ތަފާތު ޤަބީލާތަކުގެ މެދުގައި ހިނގި ހަނގުރާމަތައް ދުށީމެވެ. އަޖާއިބުވެ އަންތަރީސްވާ ވަރުގެ ބާރުތައް ދުށީމެވެ. އަދި އާންމު އާދައިގެ އިންސާނުންނާ މުޅިން ތަފާތު މަޚުލޫޤުންތަކެއް ދުށީމެވެ.“

ރިވާޔަތްތަކުގައި ބަޔާންކޮށްފައިވާ ގޮތުން ޖިންނީންގެ ދުނިޔެއާ ބެހޭގޮތުން އަޖާއިބުވެ، އަންތަރީސްވާ ވަރުގެ އެތައް ވާހަކައެއް ޚުރަފާ ކިޔައިދިނެވެ. އަދި، އޭނާގެ ޤަބީލާގެ މީހުން، އޭނާގެ ވާހަކަތައް ޤަބޫލުނުކޮށް އޭނާއަށް މަލާމާތްކުރިއެވެ. އަދި މަޑުމަޑުން ޢަރަބި ދުނިޔޭގައި، މީހަކު އަދާޔާ ޚިލާފު ނުވަތަ ޤަބޫލުކުރަން ދަތިވާ ވަރުގެ ވާހަކައެއް ދައްކައިފި ނަމަ، ތިޔައީ ޚުރަފާ ދައްކާ ކަހަލަ ވާހަކައޭ ކިޔެން ފެށިއެވެ. އަދި، މިއަދުވެސް އެފަދަ ވާހަކައެއް އަޑު އިވިއްޖެނަމަ ތިޔައީ ޚުރާފާތޭ ބުނެ އުޅެއެވެ.

ޖިންނި ޝައިޠާނުން، އިންސާނުން ވަގަށް ނަގާ ކަމުގެ އިތުރު ވާހަކަތައްވެސް ހުރެއެވެ. މީހަކު ކުއްލިއަކަށް ގެއްލިފައި، އަދި ފަހުން އެނބުރި އައުމަށްފަހު، އެމީހާ ކުރިއެކޭ އެއްގޮތެއް ނުވާނެއެވެ. ސުވާލަކީ ޚުރަފާއަކީ މޮޔައެއް ހެއްޔެވެ؟ ނުވަތަ އޭނާއަކީ ޖިންނީންގެ ދުނިޔެއިން، ދިރިހުރެ އެނބުރި އައި ފުރަތަމަ އިންސާނާ ހެއްޔެވެ؟

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *