ޗޯޅާއިންގެ ރަސްކަމަކީ ދެކުނު އިންޑިއާގައި އުފެދުނު ކަނޑުގެ ބާރުގަދަ ތަމަޅަ އަންބަރާތޫރެކެވެ. މިއީ ދުނިޔޭގެ ތާރީޚުގައި އެންމެ ދިގު މުއްދަތަކަށް ދެމިއޮތް އެއް ރަސްކަމެވެ. ޗޯޅާއިންގެ އެންމެ ކުރީގެ ހެކިތައް ފެންނަން ހުރީ މައުރިޔާ އަންބަރާތޫރުގެ ރަސްގެފާނު އަޝޯކާގެ ޒަމާން ނުވަތަ މީލާދީ ސަނަތުގެ ތިން ގަރުނު ކުރިންނެވެ.
ތަމަޅަ ސަރަޙައްދު (ތަމަޅަގަމް) ގެ ބާރުގަދަ ތިން ރަސްކަމުގެ ތެރޭގައި ހިމެނޭ ޗޯޅާ ދަރިކޮޅުން، ޗޭރާ އަދި ޕާންޑިއާ ދަރިކޮޅުތަކާއެކު 13 ވަނަ ގަރުނާ ހަމައަށް ތަފާތު ސަރަޙައްދުތަކުގައި ވެރިކަން ކުރިއެވެ. ޗޯޅާއިންގެ ބާރާއި ނުފޫޒު އެންމެ ގަދަކޮށް އޮތީ މީލާދުން 9 ވަނަ ގަރުނާއި 13 ވަނަ ގަރުނާ ދެމެދުގައެވެ. ޗޯޅާއިންގެ ބާރުގަދަވުމުގެ ބިންގަލަކީ ރާޖަރާޖާ 1 (985-1014) ގެ ރަސްކަމެވެ. އޭނާ ވަނީ ދެކުނު އިންޑިޔާގެ ބޮޑު ބައެއް ފަތަހަކޮށް، ދިވެހިރާއްޖޭގެ ބައަކާއި ސްރީލަންކާގެ އުތުރުގެ ބައިތައް ހިފާފައެވެ. މަޝްހޫރު ތަންޖާވޫރުގެ ބްރިހަދީސްވަރާ ފައްޅިއަކީ އޭނާގެ ދުވަސްވަރު ބިނާކުރި އާކިޓެކްޗަރަލް މާސްޓަރޕީސްއެކެވެ.
ރަސްކަމުގެ މަރުކަޒު
ޗޯޅާ ރަސްކަމުގެ މަރުކަޒަކީ ކާވޭރީ ކޯރާ ގުޅިފައިވާ ބިންތަކެވެ. ޗޯޅާއިންގެ ބާރު އެންމެ ގަދަވި ދުވަސްވަރު ވަރަށް ބޮޑު ސަރަޙައްދެއްގައި އެބައިމީހުން ވެރިކަން ކުރިއެވެ. މީލާދީން 907 އިން 1215 އަށް ތިން ގަރުނު ވަންދެން، ތުންގަބަދުރާ ކޯރުގެ ދެކުނުން މުޅި އިންޑިއާގެ ޕެނިންސިއުލާ، އެއް ދައުލަތެއްގެ ގޮތުގައި އެމީހުން ދެމެހެއްޓިއެވެ.
ޗޯޅާއިންގެ ރަސްގެފާނު ރާޖަރާޖާ1 އާއި އޭނާގެ ފަހުން ރަސްކަން ކުރެއްވި ރަސްރަސްކަލުންގެ ދައުރުގައި، މި ދަރިކޮޅު ވެގެންދިޔައީ ދެކުނު އޭޝިއާ އާއި އިރުދެކުނު އޭޝިއާގެ އަސްކަރީ، އިގްތިސާދީ އަދި ސަގާފީ މަރުކަޒަކަށެވެ. ޗޯޅާއިން އޭޝިއާގެ ސަރަޙައްދުތަކުގައި ހޯދި ނުފޫޒާއި ގަދަރަކީ ގަންގާ ކޯރާ ހަމައަށް ކުރި ދަތުރުތަކާއި، ސުމަޓްރާގެ ސްރީވިޖަޔާ އަންބަރާތޫރަށް ދިން ކަނޑުގެ ހަމަލާތަކާއި، ޗައިނާއަށް ފޮނުވި ސަފީރުންގެ ސަބަބުން ލިބުނު ކާމިޔާބީތަކެކެވެ. ޗޯޅާއިންގެ ކަނޑުގެ ލަޝްކަރަކީ އޭރުގެ އިންޑިއާގެ ކަނޑުގައި އޮތް އެންމެ ބާރުގަދަ ލަޝްކަރެވެ.
ދިވެހީން ޗޯޅާއިންނާ ކުރި ހަނގުރާމަތައް
މީލާދީން 1010 އާއި 1153 އާ ދެމެދު، ޗޯޅާއިންގެ ސަރަޙައްދު ދެކުނުން ދިވެހިރާއްޖެއިން ފެށިގެން އުތުރުން އަންދްރަޕްރަދޭޝްގެ ގޯދާވަރީ ކޯރުގެ އައްސޭރިއާ ހަމައަށް ފެތުރިފައި އޮތެވެ. ރާޖަރާޖާ ޗޯޅާ ދެކުނު އިންޑިއާ ފަތަހަކޮށް، ސްރީލަންކާގެ ރާޖަރަޓާ ރަސްކަމުގެ ބައެއް ހިފުމުގެ އިތުރުން، ދިވެހިރާއްޖޭގެ އެންމެ އުތުރުގެ ދެ އަތޮޅު ވެސް އަތުލައިގަތެވެ. ރާޖަރާޖާ 1ގެ ދަރިކަލުން ރާޖެންދުރާ ޗޯޅާ ސަރަޙައްދުތައް އިތުރަށް ހިފައި ބާރު އިތުރަށް ފުޅާކޮށް، އުތުރު އިންޑިއާގެ ގަންގާ ކޯރާ ހަމައަށް ލަޝްކަރު ފޮނުވައި، ޕަޓާލިޕުތުރާގެ ޕާލާ ރަސްކަލުން ބަލިކުރިއެވެ. 1019 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ސްރީލަންކާގެ ރާޖަރަޓާ ރަސްކަން އެއްކޮށް ފަތަހަކޮށް، ޗޯޅާ އަންބަރާތޫރުގެ ދަށަށް ގެނެސްފައެވެ. 1017 އާއި 1025 ގައި ރާޖެންދުރާ ޗޯޅާ ސްރީވިޖަޔާ އަންބަރާތޫރުގެ ބޮޑެތި ރަށްތަކަށް ހަމަލާދިން ނަމަވެސް، އެއީ ހަމައެކަނި މުއްސަނދިކަން ފޭރުމަށް ދިން ހަމަލާތަކަކަށް ވާތީ، އެ ސަރަޙައްދުގައި ދާއިމީ ވެރިކަމެއް ގާއިމެއް ނުކުރެވުނެވެ. އެހެންނަމަވެސް، 1070 ވަނަ އަހަރާ ހަމައަށް ސްރީވިޖަޔާގެ މައްޗަށް ޗޯޅާއިންގެ ނުފޫޒު އޮތެވެ.
ޗޯޅާއިންގެ ރަސްގެފާނު ރާޖަރާޖާ 1 (985 -1014) ގެ ރަސްކަމުގެ 29 ވަނަ އަހަރު އޭނާގެ ވަރުގަދަ ކަނޑުގެ ލަޝްކަރެއް ދިވެހިރާއްޖެ ހިފުމަށް ފޮނުވިއެވެ. އެއީ އޭނާގެ ރަސްކަމުގެ ފަހު އަހަރު ކަމަށްވާ 1014 ވަނަ އަހަރެވެ. ޗޯޅާއިންނަށް ދިވެހިރާއްޖެ ހިފުނީ ކަނޑުމަތީގައި ކުރި ވަރުގަދަ ހަނގުރާމަ ތަކަކަށްފަހުގައެވެ. ނަމަވެސް މުޅި ރާއްޖެ އެބައިމީހުންގެ ބާރުގެ ދަށަކަށް ނުގެންދެވުނެވެ. ޗޯޅާއިންގެ ބާރުގެ ދަށުގައި އޮތީ އޭރު ދިވެހިރާއްޖޭގެ އެންމެ އުތުރަށް އޮތް މަލިކާއި ތިލަދުންމައްޗެވެ. ނަމަވެސް ޗޯޅާއިންގެ ލިޔުންތަކުގައި އޮންނަނީ ”މުންނީރު ޕަަލަންތީވު ޕަންނީރައިރަމް“ (ބާރަހާސް ގަދީމީ ރަށް) ހިފިކަމަށެވެ. ދިވެހިރާއްޖެ ހިފުމަށް ލަޝްކަރު ފޮނުއްވަން ފެއްޓެވީ ރާޖަރާޖާގެ ރަސްކަމުގައި ކަމަށް ވިޔަސް ދިވެހިރާއްޖޭގެ ދެ އަތޮޅު ޗޯޅާއިންނަށް ހިފުނީ ރާޖަރާޖާ 1 ދަރިކަލުން ރާޖެންދުރަ ޗޯޅާގެ ރަސްކަމުގައި ކަމަށް ބެލެވެއެވެ.
ޗޯޅާއިން ދިވެހިރާއްޖެ ހިފުމަށް މަސައްކަތްކުރި މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ އިގުތިސާދަށް ނުފޫޒު ފޯރުވުމާއި ސަރަހައްދު ކޮންޓްރޯލްކޮށް އިސްތިރާޖީ މަންފާ ނެގުމެވެ. ޗޯޅާއިންނަކީ ކަނޑުދަތުރުފަތުރުގެ ދާއިރާގައި ވަރަށް ކުރިއަރާފައިވާ ބަޔަކަށްވެފައި އެ ދުވަސްވަރު އިންޑިއާ ކަނޑުގެ ވިޔަފާރީގެ މައިގަނޑު ކޮންޓްރޯލް އޮތީ އެމީހުންގެ އަތުގައެވެ.
ޗޯޅާއިންގެ އަތްދަށަށް ގޮސްފައިވާ ދިވެހިރާއްޖޭގެ ދެ އަތޮޅު ދިވެހީން ހޯދާފައި ވަނީ އަނެއްކާ ވެސް ޗޯޅާއިންނާ ދެކޮޅަށް ކުރި ވަރުގަދަ ހަނގުރާމަތަކަކަށް ފަހުގައެވެ. މީލާދީން 12 ވަނަ ޤަރުނުގައި ދިވެހި ތަޚުތުގައި އިންނެވި ސިރީ މަހާބަރަނަ މަހާރަދުންގެ ރަސްކަމުގައި (1121-1142)، އެ ރަދުން ޗޯޅާއިންނާ ހަނގުރާމަކުރައްވައި އެމީހުން ބަލިކުރައްވައި އެމީހުން ހިފައިގެން ތިބި ދެ އަތޮޅު އަތުލެއްވި އެވެ. އެރަދުންނަށް ”ސާދަ އަތޮޅާއި ދުއިސައްތަ ޖަޒީރާގެ ރަސްގެފާނު“ ގެ ލަގަބުފުޅު އެ ހާދިސާއަށްފަހު އެރުވިއެވެ. އެވޭލާ ދިވެހިރާއްޖޭގެ ”ސާދަ އަތޮޅުގެ“ ތެރޭގައި މަލިކު އަތޮޅު ވެސް ހިމެނެ އެވެ.
ޗޯޅާއިންގެ އަތްދަށަށް ގެންގޮސްފައި އޮތް ދިވެހިރާއްޖޭ މަލިކު އަތޮޅާއި ތިލަދުންމަތި ދިވެހި ދައުލަތުގެ ބާރުގެ ދަށަށް ގެނައި ކަމަށް ބެލެވެނީ މީލާދުން 1136 ވަނަ އަހަރުގައެވެ. މީލާދީން 13 ވަނަ ގަރުނުގެ ކުރީކޮޅު ޕާންޑިއަން ދަރިކޮޅުގެ ބާރު ގަދަވުމާއެކު ޗޯޅާ ދަރިކޮޅުގެ ރަސްކަން ބަލިކަށިވެ، ނެތިގެން ދިޔައެވެ.
ތާރީޚީ މަސްދަރުތައް
ކުރީގެ ޗޯޅާއިންގެ މަޢުލޫމާތު ލިބެނީ ސަންގަމް ދައުރުގެ ތަމަޅަ އަދަބިއްޔާތުންނާއި، ދޫދޫމަތިން ދެކެވޭ ވާހަކަތަކުންނާއި، ދީނީ ފޮތްތަކުންނެވެ. ފަހުގެ ޗޯޅާއިންގެ މަޢުލޫމާތު ފެންނަން ހުރީ ފައްޅިތަކުގެ ފާރުތަކުގައި ލިޔެފައި ހުރި ލިޔުންތަކުންނާއި ލިޔެފައުވާ ލޯ ފޮތިތަކުންނެވެ. ”ކަލިންގައްޓުޕަރަނީ“ ފަދަ ޅެންތަކަކީ ޗޯޅާ ރަސްކަލުންގެ ކާމިޔާބީތައް ސިފަކޮށްދޭ މުހިންމު އަދަބީ މަސައްކަތްތަކެވެ.
ދިވެހިރާއްޖެއާ ޗޯޅާއިންނާ ހަނގުރާމަކުރި ވާހަކަ ޗޯޅާއިންގެ އެތައް ލިޔުމެއްގައިވެ އެވެ. މީގެތެރެއިން އެންމެ ފާހަގަކުރެވޭ ލިޔުމަކީ ރާޖަރާޖަ 1ގެ ރަސްކަމުގެ ދުވަސްވަރު ތަންޖަވުރު ފައްޅީގައި ކަނޑާނަގައިގެން ލިޔެފައިވާ ލިޔުމެކެވެ. ”ރާޖަރާޖަގެ ރަސްކަމުން 29 ވަނަ އަހަރު ކަނޑުގައިވާ ގަދީމީ ބާރަހާސް ރަށްތަކާ ހަނގުރާމަކުޅައުމަށް އަރުމާޒެއް ފޮނުއްވިކަމުގައި“ އެ ލިޔުމުގައި ވެއެވެ. މި ލިޔުމުގައިވާ ”ގަދީމީ“ ނުވަތަ “ މުސްކުޅި“ ބާރަހާސް ރަށްތަކަކީ ދިވެހިރާއްޖެއެވެ.
ޗޯޅާ އިދާރީ ނިޒާމު
ޗޯޅާއިން ވަނީ އިންޑިއާގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ އިދާރީ ނިޒާމެއް ގާއިމުކޮށްފައެވެ. އެމީހުން ވަނީ މަރުކަޒީ ސަރުކާރަކާއި ތަރުތީބުވެފައިވާ ބިއުރޯކްރަސީއެއް އުފައްދާފައެވެ. މީގެ އިތުރުން، ތަމަޅަ އަދަބިއްޔާތާއި ބިނާކުރުވަނިވި މަސައްކަތްތަކަށް އެމީހުން ދިން އަހަންމިއްޔާތުގެ ސަބަބުން، ތަމަޅަ ބިނާރުގެ (އާކިޓެކްޗަރގެ) އެންމެ ފުރިހަމަ މިސާލުތައް ފެންނަން ހުރެއެވެ. ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ތެރޭގައި ހިމެނޭ މިފަދަ ބިނާތަކަކީ މީގެ ހެކިތަކެވެ.
މީލާދީން 850 އިން 1200 އަށް އޮތް ޗޯޅާގެ އިދާރީ ނިޒާމަކީ ރަސްގެފާނު ގަނޑުވަރުގައި ހުންނަވައިގެން ހިންގި ވަރަށް އިންތިޒާމީ ނިޒާމެކެވެ. މިއިދާރާ ތިން ބަޔަކަށް ބަހާލެވިފައިވެއެވެ. އެއީމަރުކަޒީ ސަރުކާރާއު، ސަރަޙައްދީ ނުވަތަ ޕްރޮވިންޝަލް ސަރުކާރާއި ލޯކަލް ގަވަރްމަންޓެވެ. އަވަށު ފެންވަރުގައި އަމިއްލައަށް ވެރިކަން ހިންގުމުގެ ނިޒާމު (ލޯކަލް ސެލްފް ގަވަރުމަންޓް) މި ދައުރުގައި ވަރަށް ބޮޑަށް ކުރިއެރިއެވެ. މީގެ އިތުރުން އަސްކަރީ އަދި އާމްދަނީ ހޯދުމުގެ ނިޒާމަށް ގެނައި އިސްލާހުތަކަކީ ރައްޔިތުންނަށް އޭގެ ފައިދާ ވަރަށް ބޮޑަށް ކުރި ކަންކަމެވެ.
ޗޯޅާ ދަރިކޮޅުން ރަސްކަން ކުރެއްވި ބޭފުޅުންނަކީ:-
- ވިޖަޔާލަޔާ ޗޯޅާ (848–870): ޗޯޅާ ދަރިކޮޅުގެ ރަސްކަމުގެ ބާނީ
- އާދިތުޔާ1 (870–907
- ޕަރަންތަކާ1 (907–955)
- ރާޖަރާޖާ1 (985–1014): އެންމެ ބާރުގަދަ އެއް ރަސްގެފާނު، ދިވެހިރާއްޖެ ހިފުމަށް ލަޝްކަރު ފޮނުއްވި
5.ރާޖެންދުރާ1 (1014–1044): އަންބަރާތޫރު އެންމެ ފުޅާކުރެއްވި ރަސްގެފާނު. ދިވެހިރާއްޖޭގެ ދެ އަތޮޅެއް ހިއްޕެވި
- ކުލޯތުންގާ1 (1070–1122): ޗާލުކިޔާ-ޗޯޅާ ދަރިކޮޅު ފެއްޓެވި.
- ރާޖެންދުރާ 3 (1256–1279): ޗޯޅާއިންގެ އެންމެ ފަހުގެ ރަސްގެފާނު.
ޗޯޅާއިންގެ ރަސްކަމުގެ ބާރު ގަދަ ދުވަސްވަރަކީ މި ސަރަޙައްދުގައި ބުދު ދީނުގެ ބޮޑެތި ފައްޅިތައް ބިނާކޮށް އެ ދީން ފެތުރުމަށް ވެސް މަސައްކަތްތަކެއް ކޮށްފައިވާ ދުވަސްވަރެކެވެ. ނަމަވެސް މައިގަނޑު ސިޔާސަތަކަށް ހަދާފައިވަނީ އިގުތިސާދީ މަންފާ ހޯދިމެވެ.






