- 7ބަލްބީރު ސިންގު އިސްލާމްވުމަށް ފަހު، އޭނާގެ ނަން މުހައްމަދު އާމިރަށް ބަދަލުކުރިއެވެ. އޭނާ އަކީ 06 ޑިސެމްބަރު 1992 ގައި އިންޑިއާގެ އަޔޯދިޔާގެ ބާބްރީ މިސްކިތް ތަޅާލުމުގައި ބައިވެރިވި، ޝިވް ސޭނާ އަދި ކާރު ސެވަކް މެމްބަރެކެވެ. އޭނާއަކީ ކިޔަވައިގެން ހުރި ޒުވާނެކެވެ. އޭނާ ވަނީ، ތާރީޚާއި، ޕޮލިޓިކަލް ސައިންސާއި، އަދި އިނގިރޭސިން މާސްޓަރސް ޑިގްރީ ޙާޞިލްކޮށްފައެވެ.
ބާބްރީ މިސްކިތް ތަޅާލުމަށްޓަކާ މިސްކިތުގެ ޤިބުލައަށް އަރައި، ދަގަނޑު ކޯރާޑީއަކުން މިސްކިތް ހަލާކު ކުރަން ފެށި، އެންމެ ފުރަތަމަ ޖަމާޢަތުގެ ތެރޭގައި، އޭނާ ހިމެނޭ ކަމަށް ބަލްބީރު ސިންގް ބުންޏެވެ. ”އެދުވަހު އަހަރެން އުޅުނީ ޖަނަވާރެއް ހެންނެވެ. ދުރުން ހެލިކޮޕްޓަރެއް އަހުރެމެންނާ ކައިރިވަމުން އަންނަތަން ފެނުމުން ކުޑަ ހިނދުކޮޅަކަށް އަހުރެން ބިރުގަތެވެ. އެކަމަކު، ތިރީގައި އެއްވެ ތިބި މީހުންގެ ހަޅޭކުގެ އަޑުތައް އަހުރެންގެ ކަންފަތާ ހަމައަށް ފޯރުމުން، އަނެއްކާވެސް ހިތްވަރު ލިބިގެން އަހުރެންގެ އަތުގައިވާ ކޯރާޑީއިން، މިސްކިތުގެ މުންނާރު ތަޅައި ސުންނާފަތި ކޮށްލީމެވެ.“
ބަލްބީރާއި އޭނާގެ އެކުވެރިޔާ ޔޯގެންދުރާ ޕާލް އެނބުރި ޕާނިޕަތަށް އައުމުން ބަޠަލުންގެ ދަރަޖައިގައި އެދެމީހުންނަށް މަރުޙަބާ ކިޔުނެވެ. އަޔޯދިޔާގެ ބާބްރީ މިސްކިތް ތަޅާލާފައި، އެތަނުން ގެނައި ދެ ބުރިގާ ބޭއްވީ، އެ ސަހަރުގެ ޝިވްސޭނާ އޮފީހުގައެވެ. އެހެންނަމަވެސް އޭނާ ގެއަށް ދިއުމުން، އޭނާގެ ބައްޕަ، އޭނާއަށް އެންމެފަހުގެ އިންޒާރު ދިނެވެ. އެއީ، އޭނާގެ ބައްޕައާއި، އޭނާއާ ދެމީހުން ކުރެ ކޮންމެވެސް އެކަކު ގެއިން ނުކުންނަން ޖެހުމެވެ. އޭނާ ނިންމީ ގެއިން ނުކުންނާނީ އޭނާ ކަމަށެވެ. މުޅި ޤައުމުގައި ހަމަނުޖެހުންތައް ހިނގަމުން ދިޔައިރު، އޭނާ ޙިމާޔަތް ހޯދީ މުސްލިމުންނަށް އޭނާ އަތުލައި ނުގަނެވޭނެ ތަންތަން ބަލައިގެންނެވެ. އެގޮތުން ދަނޑުބިންތަކާއި، ހަލާކުވެފައިވާ ދުވަސްވީ ޢިމާރާތްތަކާއި، ނަރުދަމާތަކުގައި ތެރޭގައި ފިނިމޫސުމުގެ ދުވަސްތައް އެކަނިވެރިކަމާ އެކު ހޭދަކުރި ކުރުން އޭނާ ހަނދާނެއް ނުނެތެއެވެ.
ދެތިން މަސް ދުވަހު ފިލައިގެން އުޅެފައި، ގެއަށް އެނބުރި އައީ އޭނާގެ ބައްޕަ ނިޔާވިކަން އެނގުމުންނެވެ. އެކަމަކު، އޭނާގެ ޢާއިލާގެ އެހެން މެމްބަރުން، އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ ބައްޕަ އޮތީ، ބައްޕަގެ ޖަނާޒާގައިވެސް އޭނާ ބައިވެރި ނުކުރުމަށް ވަކިން ވަޞިއްޔަތް ކޮށްފައެވެ. އެމީހުން ބުނީ، އޭނާގެ ބައްޕަ މަރުވީވެސް އޭނާގެ ސަބަބުން ކަމަށެވެ. އެކަމަކު، އެއަށްވުރެ ބޮޑު ޝޮކެއް ބަލްބީރަށް އިންތިޒާރު ކުރަމުން ދިޔައެވެ. އަޔޯދިޔާގައި އޭނާއާ އެކު ބާބްރީ މިސްކިތް ތަޅާލުމުގައި އުޅުނު އެކުވެރިޔާ ޔޯގެންދުރާ ޕާލް އިސްލާމްދީން ޤަބޫލުކޮށް މުސްލިމަކަށްވިއެވެ. ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު ހިނގި ފިތުނަވެރިކަމާއި، ހަމަނުޖެހުންތަކުގެ ސަބަބުން ޔޮގެންދުރަ ޕާލް ހުރީ ފިކުރުބޮޑުވެ، ހާސްވެފައެވެ. ބަލްބީރު، އޭނާއާ ބައްދަލު ކުރުމުން އޭނާ އިސްލާމްދީން ގަބޫލުކުރި ވާހަކައާއި، އެކަމުގެ ސަބަބުން އޭނާގެ މޮޔަ ފިކުރުތަކާއި، ބިރުވެރިކަން ފިލުވައިދިނުމުގައި އެހީތެރިވެދީފައިވާ ކަމަށް ޔޮގެންދުރަ ޕާލް ބުންޏެވެ. ޔޮގެންދުރަ ޕާލްއާ ވާހަކަ ދައްކަމުން ދިޔައިރު، އޭނާގެ ހިތަށް އެރި ވާހަކަ ބަލްބީރު ސިންގު ކިޔައިދިނެވެ. ”އަހުރެން ކުރި ފާފައާއި، އަހުރެން އެހީތެރިވި ކަންތައްތަކުގެ ސަބަބުން އަހުރެންވެސް މޮޔަވެދާނެ ބާވައެވެ. ޙަޤީޤަތުގައި އަހުރެން ހުރީ ކުރިންވެސް މޮޔަވެފައެވެ.“
އެހިސާބުން، ބަލްބީރު ދަތުރުފެށީ، އޭނާގެ އެކުވެރިޔާ ޖޮގެންދުރަ ޕާލްއަށް އިސްލާމްދީނުގެ ހިދާޔަތް ލިބުމުގައި މެދުވެރިއަކަށްވި މައުލާނާ ކަލީމު ޞިއްދީޤީއާ ބައްދަލުކުރުމަށް ސޯންޕަތަށް ދިއުމަށެވެ. މައުލާނާ ސިއްދީޤީ އަކީ މުޒައްފަރުނަގަރު ކައިރީގައި އޮންނަ ފުލާތުގައި ހުންނަ ޖަމިއްޔާ އިމާމް ވަލިއު الله ޓުރަސްޓް ފޯ ޗެރިޓީ އެންޑް ދަޢުވާގެ އިސްވެރިޔާއެވެ. މުޅި އުތުރު އިންޑިއާގެ ވަރަށް ގިނަ ހިސާބުތަކުގައި މަދުރަސާތަކާއި، ސްކޫލްތައް، އެ ޖަމުޢިއްޔާއިން ހިންގައެވެ. މައުލާނާ ޞިއްދީޤީ އެދުވަސްކޮޅު ސޯންޕަތަށް އައިސް އުޅުނީ އެރަށުގައި ބޭއްވި ޙަރަކާތެއްގައި ބައިވެރިވުމަށެވެ. އެހެންކަމުން ބަލްބީރު، މައުލާނާ ޞިއްދީޤީއާ ބައްދަލުކޮށް، އޭނާ ކުރި ކަންތައްތައް ކިޔައިދިނެވެ. އަދި، ފުލާތުގައި ހުންނަ މަދަރުސާގައި ދުވަސްކޮޅަކު ހުރެވިދާނެތޯ އޭނާ މައުލާނާ ގާތުން އެދުނެވެ. އޭރު، އަދި އޭނާ އިސްލާމްވާން ބޭނުންވާކަން ޔަޤީނެއްވެސް ނޫނެވެ. އެކަމަކު، މައުލާނާ ޞިއްދީޤީ އޭނާގެ ހުރުމުގެ ކަންތައްތައް، ހަމަޖައްސައި ދިނެވެ. އަދި ބުންޏެވެ. ”އެއް މިސްކިތް ހަލާކުކުރުމުގައި ކަލޭގެ ބައިވެރިވުން އޮތް ކަމުގައިވީ ނަމަވެސް، އެހެން އެތައް ބައިވަރު މިސްކިތްތައް ބިނާކުރުމުގައި އަބަދުވެސް އެހީތެރިވެ ދެވޭނެއެވެ.“ އެ ބަސްތަކުގެ ސާދާކަމުން ބަލްބީރު އިށީނދެ ރޯން ފެށިއެވެ. އަދި، އެ މަދަރުސާގައި ކުޑަ ދުސްކޮޅެއް ހޭދަކުރުމަށްފަހު، ބަލްބީރު އިސްލާމްވެ، އޭނާގެ ނަން މުޙައްމަދު އާމިރަށް ބަދަލުކުރިއެވެ.
އޭނާ ތައުބާވުމާއި، އިސްލާމްވުމުގެ ދަތުރު ފެށުނީ، ބާބްރީ މިސްކިތް ތަޅާލުމަށްފަހު، ޕާނިޕަތުގައި ހުންނަ އޭނާގެ ގެއަށް އެނބުރި އައުމުން، ޢާއިލާގެ ފަރާތުން އޭނާ ވަރަށް ބޮޑަށް ކުށްވެރި ކުރުމުންނެވެ. އަދި، އޭގެސަބަބުން އޭނާގެ ޢަމަލުތަކާއި މެދު ދެރަވެ، ހިތާމަކޮށް، އަމިއްލަ ނަފުސު ކުށްވެރި ކުރުމުގައި ދުވަސްތަކެއް ހޭދަކުރިއެވެ. އޭނާ އިސްލާމްވީ، އެ ހާދިސާ ހިނގިތާ އެންމެ ހަ މަސް ފަހުން 1993 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭނާގެ ޢަމަލުތަކުގެ ކައްފާރާއެއްގެ ގޮތުން 100 މިސްކިތް އެޅުމަށް ނުވަތަ މަރާމާތު ކުރުމަށް އޭނާ ވަޢުދުވިއެވެ. އެކި އެކި ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި އޭނާ މަރުވުމުގެ ކުރިން، މުޅި އިންޑިއާގައި 90 އާއި 93 އާއި ދެމެދުގެ ޢަދަދަކަށް މިސްކިތްތައް ބިނާކުރުމުގައި ނުވަތަ އަލުން އާރާސްތުކުރުމުގައި އެހީތެރިވެދީފައިވެއެވެ. ގިނަ ފަހަރަށް އޭނާ އެމަސައްކަތް ކޮށްފައި ވަނީ އޭނާއާއެކު އިސްލާމް ދީން ޤަބޫލުކުރި، އެކުވެރިޔާ ޔޮގެންދުރަ ޕާލްއާ ގުޅިގެންނެވެ.
އޭނާގެ ޙަޔާތުގެ ފަހު ދުވަސްކޮޅު އުޅުނީ އިންޑިއާގެ ހައިދަރުއާބާދުގައި އިސްލާމީ ސްކޫލެއް ހިންގުމުގެ މަސައްކަތުގައެވެ. 2021 ވަނަ އަހަރުގެ ޖުލައި މަހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރުމާއި ހަމައަށް އޭނާއަކީ އިސްލާމް ދީން ފެތުރުމަށް މަސައްކަތް ކުރި ދާޢީއެކެވެ. އަދި ވާޢިޡެކެވެ.






