ހުރާ ދަރިކޮޅު

ޢަބްދުﷲ ސަޢީދު
މެއި 7, 2026

ހުރާ ދަރިކޮޅކީ ދިވެހިރާއްޖޭގައި ހަތްވަނައަށް ރަސްކަން ކުރެއްވި ރަސް ދަރިކޮޅެވެ. އަދި މި ދަރިކޮޅަކީ ދިވެހިރާއްޖޭގައި އެންމެ ފަހުން ރަސްކަންކުރެއްވި ދަރިކޮޅު ވެސް މެއެވެ. މި ދަރިކޮޅަށް ”ހުރާގޭ ދަރިކޮޅު“ އަދި ”ހުރަވީ ދަރިކޮޅު“ ވެސް ކިޔައެވެ. މި ދަރިކޮޅު ނިސްބަތް ވަނީ މާލެ އަތޮޅު ހުރައަށެވެ.

ހުރާ ދަރިކޮޅުގެ ބާނީއަކީ މަލާބާރީން ނުވަތަ ހޮޅީން ދިވެހިރާއްޖެ އަޅުވެތިކޮށްގެން ތިއްބައި އެ މީހުންގެ އަތްދަށުން މިނިވަންކޮށް ދެއްވި ޤައުމީ ބަޠަލު، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) އެވެ. ދޮންބަންޑާރައިން ދިވެހިރާއްޖޭގެ ރަސްކަމާ ހަވާލުވެ ވަޑައިގަތީ އެކަމަށް ރައްޔިތުން އެދުމާއެކު ވެސް ރަސްކަން ގަބޫލުފުޅު ނުކުރައްވައި ކުރިން ރަސްކަން ކުރައްވަމުން ގެންދެވި ދިޔަމިގިލި ދަރިކޮޅުގެ ރަސްކަން ދެމެހެއްޓެވުމަށް އެ ދަރިކޮޅުގެ ދެ އަންހެން ބޭފުޅެއްގެ ނަންފުޅުގައި ވެސް ރަސްކަން ހިންގަވައި ދެއްވުމަށްފަހުއެވެ. އަދި ދުޝްމަނުން ރަހީނުކޮށްގެން ގެންދިޔަ އޭރުގެ ރަދުން، އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީން (ކޮރުބަންޑާރައިން) ނާއި ވަލީއަހުދު މުޙައްމަދު މަނިކުފާނު (ފަހުން އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން)ގެ ޚަބަރެއްވޭތޯ ބައްލަވައި އެއްވެސް ޚަބަރެއް ނުވުމުންނެވެ.

ދުޝްމަނުންގެ އަތްދަށުން ސަލާމަތްވެގެން ދޮންބަންޑާރައިންގެ ރަސްކަމުގައި ޣިޔާޘުއްދީން ރަދުން ދިވެހިރާއްޖެ ވަޑައިގެންނެވުމުން ވަލީއަހުދެއްގެ ދަރަޖައިގައި ޢިއްޒަތް ދެއްވާާފައި ބެހެއްޓެވިއެވެ. ދޮންބަންޑާރައިން އަވަހާރަވީ އެ މަނިކުފާނަށްފަހު ދިވެހިރަސްކަން ޣިޔާޘުއްދީން ރަދުންނަށް ދިނުމަށް ވަސިއްޔަތް ކުރައްވާފައެވެ. އަދި ދިވެހި ރަސްކަމަކީ ދޮންބަންޑާރައިންގެ އާއިލާގެ ޙައްޤެއް ނޫންކަމުގައި ވިދާޅުވެ ރަސްކަމާ ކައިރި ނުވުމަށް ޢާއިލާގެ ބޭފުޅުންނަށް ނަސޭހަތް ދެއްވާފައެވެ. ނަމަވެސް މިއީ ދޮންބަންޑާރައިންގެ އާއިލާގެ ބޭފުޅުން ހިތްޕުޅު ހަމަޖެހިވަޑައިގެންނެވި ކަމެއް ނޫނެވެ. އެހެންކަމުން ތާރީޚުގައި ކަން ހިނގީ ދޮންބަންޑާރައިން އެދިވަޑައިގެންނެވި ގޮތަކަށް ނޫނެވެ. ދޮންބަންޑައިންނަށްފަހު ޣިޔާޘުއްދީނު ރަދުން ރަސްކަމަށް އިސްކުރެވުނު ނަމަވެސް ރަސްކަމުގެ ތަޚުތުގެ ވާރިޘުންނަކީ ހުރާގޭ ބޭފުޅުންކަމުގައި އެ ބޭފުޅުން ދެކެވަޑައިގެންނެވިއެވެ. މިކަމުގެ ސަބަބުން މި ދެ އާއިލާގެ މެދުގައި ހަމަނުޖެހުންތައް ހިނގަމުން ދިޔައެވެ. އެންމެފަހުން ޣިޔާޘުއްދީން ރަދުން ޙައްޖަށް ވަޑައިގެންނެވިތަނާ ދޮންބަންޑާރައިންނަށް ބޮޑުބޭބެ ވިދާޅުވާ ހުރާ މުޙައްމަދު މަނިކުފާނު، ރަސްކަން ހޯއްދަވައި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ) ގެ ނަންފުޅުގައި ރަސްކަމަށް އިސްވެވަޑައިގަތެވެ. އަދި ޣިޔާޘުއްދީން ރަދުން މާލެ ވަޑައިގަތުމުން އަނިޔާވެރި ރޭވުމެއްގެ ތެރެއިން ކަނޑުފައްތައި ޝަހީދުކުރިއެވެ. އެއަށްފަހުން ޣިޔާޘުއްދީނުގެ ރަސްކަމުގައި ފޮނުވާލައްވާފައި ތިއްބެވި ދޮންބަންޑާރައިންގެ އާއިލާގެ ބޭފުޅުން މާލެ ގެންނަވައި ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން އައްސުލްޠާން މުޙައްމަދު މުޢިއްޒުއްދީން އިސްކަންދަރުގެ ނަންފުޅުގައި ރަސްކަމަށް އިސްކުރެއްވިއެވެ.

ދޮންބަންޑާރައިން ބޭނުންފުޅު ނުވިޔަސް އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުން ރަސްކަން ހޯއްދަވައި އެ އާއިލާގެ ތެރޭގައި ރަސްކަން ވަނީ ދިގު މުއްދަތަކަށް ވާރުތަކޮށްފައެވެ. ދޮންބަންޑާރައިންނަކީ ދިޔަމިގިލީ އާއިލާގެ ބޭފުޅަކަށް ނުވެފައި އަދި ޣިޔާޘުއްދީން ރަދުންނަށް ފަހު ދިވެހިރާއްޖޭގައި ރަސްކަން ދޮންބަންޑާއިންގެ ބޭފުޅުން ހިމެނޭގޮތަށް ދިގު މުއްދަތެއްގައި ހުރާގޭ އާއިލާގެ ބޭފުޅުން ކުރައްވާފައިވާތީ އަދި އެންމެ ފުރަތަމަ ހުރާގޭ އާއިލާއިން ރަސްކަން ކުރެއްވި ބޭފުޅަކީ ދޮންބަންޑާރައިން ކަމަށް ވުމުން ހުރާ ދަރިކޮޅުގެ ބާނީއެއް ކަމުގައި ބަލަނީ ދޮންބަންޑާރައިންނެވެ.

ހުރާ ދަރިކޮޅުން 13 ބޭފުޅަކު ރަސްކަން ކުރެއްވިއެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގައި އެންމެފަހުން ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް ވެސް ހިމެނިވަޑައިގަތެވެ. މީގެ އިތުރުން ދިވެހި ތަޚުތަށް އިންތިޚާބުކުރެވުނު ނަމަވެސް ރަސްކަމުގެ ތަޚުތުގައި އިށީންދެވަޑައި ނުގެންނެވި އައްސުލްޠާން މުންތަޚަބް ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނާއި ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ޖުމްހޫރިއްޔަތުގެ ރައީސް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި ދިވެހިރާއްޖޭގައި އެންމެ ފަހުން ރަސްކަން ކުރެއްވި އައްސުލްޠާން މުޙައްމަދު ފަރީދު (އެއްވަނަ) އަކީ ވެސް ހުރާ އާއިލާއަށް ނިސްބަތްވާ ބޭފުޅުންނެވެ. ނަމަވެސް މި ބޭފުޅުންގެ އާއިލާ މަޝްހޫރުވެފައި ވަނީ ހުރަވީ ދަރިކޮޅުން އައި އަތިރީގޭ އާއިލާގެ ނަމުންނެވެ.

ހުރާ ދަރިކޮޅުން ދިވެހިރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންނަކީ:-

1. އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)

2. އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ދެވަނަ)

3. އައްސުލްޠާން މުޙައްމަދު މުޢިއްޒުއްެދީން އިސްކަންދަރު

4. އައްސުލްޠާނުލް ޙާއްޖަ ޙަސަން ނޫރައްްދީން އިސްކަންދަރު (އެއްވަނަ)

5. އައްސުލްޠާން މުޙައްމަދު މުޢީނުއްދީން އިސްކަންދަރު (އެއްވަނަ)

6. އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އިސްކަންދަރު (އެއްވަނަ)

7. އައްސުލްޠާން އިބްރާބިނޫރައްދީން

8. އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (ދެވަނަ)

9. އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ފަސްވަނަ)

10. އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ)

11. އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (ހަވަނަ)

12.އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)

13. އައްސުލްޠާން މުންތަޚަބް ޢަބްދުލްމަޖީދު (ރަސްކަމާ ހަވާލުވެ ވަޑައެއް ނުގަންނަވާ)

14. ވަލީއުލްއަމުރު، ރައީސް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު (ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް)

15. އައްސުލްޠާން މުޙައްމަދު ފަރީދު (އެއްވަނަ)

ހުރާ ދަރިކޮޅުގެ ދުވަސްވަރު ހިނގާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިއުމާއި، ޤާނޫނު އަސާސީއެއް އެންމެ ފުރަތަމަ އެކުލަވާލުމާއި ވިރާސީ ރަސްކަމަކުން އިންތިޚާބީ ރަސްކަމަކަށް ދިވެހި ރަސްކަން ބަދަލުވުން ހިމެނެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *