ތައިމޫރަކީ ތުރުކީ-މޮންގޯލް ދަރިފަސްކޮޅަށް ނިސްބަތްވާ ފާތިޙެކެވެ. ތައިމޫރު އުފަންވެ ވަޑައިގަތީ މިހާރުގެ އުޒުބަކިސްތާނަށެވެ. ތައިމޫރީ ސުލާލަތުގެ އެންމެ ފުރަތަމަ ވެރިއަކީ އަމީރު ތައިމޫރެވެ. އޭނާގެ ނަސަބު ތަތާރުންގެ އަނިޔާވެރި ވެރިޔާ ޗެންގީޒް ޚާނާއި ގުޅެއެވެ. ތައިމޫރަކީ މިޒަމާނުގެ އަފްޣާނިސްތާނާއި އީރާނާއި މެދުތެރޭ އޭޝިޔާގެ މައްޗަށް ވެރިކަން ކުރި ތައިމޫރީ ދައުލަތުގެ ބާނީއެވެ. އޭނާ އަކީ 1411 އިން 1449 އަށް މެދުތެރޭ އޭޝިޔާގައި ރަސްކަން ކުރެއްވި ތައިމޫރީ ދައުލަތުގެ ވެރިޔާ، ފަލަކީ ޢިލްމުވެރިޔާ، އަދި ހިސާބު ޢިލްމުވެރިޔާ އުލޫގް ބޭގްގެ ކާފައެވެ. އަދި އޭނާއަކީ އިންޑިއާގައި ވެރިކަން ކުރި މުޣުލިޔާ އަމްބަރާޠޫރުގެ ބާނީ، ބާބަރުގެ ހަތަރުވަނަ ކާފައެވެ.
ބުނެވޭ ގޮތުގައި އަމީރު ތައިމޫރު ސަހަރެއް ފަތަޙަ ކުރެއްވި ހިނދު، އަނެއް ދުވަހު ހެނދުނު މައިދާނަށް ނުކުތް މީހުންނަށް ފެނުނީ، އެމީހުން ބިރުން ތުރުތުރު އަޅަން ޖެހުނު މަންޒަރެކެވެ. ދުރުން ބަލާއިރު، އެ މުންނާރުތައް ހީވަނީ އާދައިގެ ހިލަތަކެއް ބޭނުންކޮށްގެން ހަދާފައިވާ މުންނާރުތަކެއް ހެންނެވެ. ނަމަވެސް ކައިރިއަށް ދިޔުމުން، އެއީ އެތައް ހާސް އިންސާނުންގެ ބޯ ކަނޑާލައިގެން، ކަށްބޮލުން ހަދާފައިވާ ތަނެއްކަން އެނގުނެވެ. ރަނގަޅަށް ލޭތައްވެސް ހިކިފައި ނުވުމުން، ވައިގެ ތެރޭގައި ދުވަނީ ކުނިވަހެވެ. ސަލާމަތްވި މީހުން ހިމޭންކަމާއެކު ބިރުން ސިހިސިހި ތިއްބެވެ. އެ މަންޒަރަކީ ހަމައެކަނި ޤަތުލުއާންމެއްގެ މަންޒަރެއް ނޫނެވެ. އެއީ، އަމީރު ތައިމޫރު، މުޅި ދުނިޔެއަށް ދިން ބިރުވެރި މެސެޖެކެވެ.
އެ ޙާދިސާ ހިނގާފައިވަނީ، ސާދަވަނަ ޤަރުނުގެ ތެރޭގައި އަމީރު ތައިމޫރުގެ ލޭއޮހޮރުވުން ބޮޑު ފުތޫޙާތުތަކުގެ ތެރެއިން އޭޝިޔާގެ ބޮޑު ބައެއް އިސްތިޢުމާރު ކޮށްގެން ހުރި ދުވަސްވަރުއެވެ. އަމީރު ތައިމޫރާ މެދު ބުނެވެނީ، އޭނާއަކީ އިންތިހާއަށް ރަޙުމުކުޑަ، އަދި ނުރައްކާތެރި ފާތިޙެއް ކަމުގައެވެ. އޭނާ ހަމައެކަނި ހަނގުރާމަ ކާމިޔާބު ކުރުން ޤަބޫލެއް ނުކުރެއެވެ. އޭނާގެ ބިރުވެރިކަން ކޮންމެ ސަހަރަކަށް ވެސް ފެތުރިގެން ދިއުމަށް އޭނާ ބޭނުންފުޅު ވިއެވެ. އެހެންކަމުން، އެއްވެސް ސަހަރަކުން، އޭނާއާ ދެކޮޅަށް ބަޣާވާތް ކޮށްފިނަމަ، ނުވަތަ ދެކޮޅުވެރިކަމެއް ދައްކައިފިނަމަ، އެބަޔަކަށް ވޭންދެނިވި އަދަބު ދެއްވައެވެ. އޭގެސަބަބުން، އެހެން ސަހަރުތަކުން އެއްވެސް ދެކޮޅުވެރި ކަމަކާ ނުލާ، އަމާންދީ، އޭނާއަށް ކިޔަމަންތެރި ވެއެވެ.
އެފަދަ އެއް ސަހަރަކީ، އީރާނުގެ މަޝްހޫރު ސަހަރެއް ކަމަށްވާ އިސްފަހާންއެވެ. އިސްފަހާނުގެ ރައްޔިތުން، ހަނގުރާމައަކާ ނުލާ، އެ ސަހަރު އަމީރު ތައިމޫރާއި ފުރަތަމަ ޙަވާލުކުރިއެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން ބަޣާވާތެއްކޮށް، އަމީރު ތައިމޫރުގެ ސިފައިންގެ ގިނަ ބަޔަކު މަރާލިއެވެ. އެ ޚަބަރު ތައިމޫރަށް ލިބިވަޑައިގަތުމުން ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ، ތާރީޚުގައި ތާއަބަދަށް ހަނދާން ހުންނާނޭ ފަދަ އަދަބެއް، އެ ސަހަރުގެ ރައްޔިތުންނަށް ދިނުމަށް، އަމީރު ތައިމޫރު އަމުރުފުޅު ކުރެއްވިއެވެ.
1387 ގައި، ތައިމޫރުގެ ލަޝްކަރު އިސްފަހާނަށް ވަދެ ޤަތުލުއާންމު ފެށިއެވެ. މަގުމަތީގައި އެއް އަޑަކަށް އޮތީ އިންސާނުންގެ ރުއިމާއި، ހަޅޭކުގެ އަޑުތަކެވެ. ގޯތި ގެދޮރުގައި ރޯކޮށް، 70،000 ހާސް މީހުން ޤަތުލު ކޮށްލިއެވެ. ތާރީޚު ޢިލްމުވެރިން ބުނާ ގޮތުގައި، ޤަތުލުއާންމަށްފަހު، އޭނާގެ ސިފައިންނަށް އިންސާނުންގެ ބޯތައް އެއްކުރުމަށް، ތައިމޫރު އަމުރު ކުރެއްވިއެވެ. އޭނާގެ ސިފައިން، ކަނޑާލާފައިވާ ބޯތައް، މައިދާނަށް ފުންޏަކަށް ޖަމާކުރަމުން ދިޔައެވެ. ބުނެވޭގޮތުގައި، އެދުވަހު އެ މައިދާނުގައި އެތައް ފުންޏެއްގެ ބޯ އެއްކޮށްފައި ހުއްޓެވެ.
ފަހުން، އެ ބޯތައް ތަރުތީބުކޮށް ބޮޑެތި މުންނާރުތަކެއް ބިނާކުރިއެވެ. އެގޮތުން، ދުރުން ބަލާ ބަޔަކުވެސް ބިރުން ފިއްކަނޑައިގެން ދާނޭ ފަދަ، 35 މުންނާރު، އިސްފަހާނުގައި، އަމީރު ތައިމޫރު ބިނާކުރެއްވިއެވެ. އެ މުންނާރުތަކުގެ ބޭނުމަކީ ހަމައެކަނި ކަށްބޯތަކެއް އެއްކުރުމެއް ނޫނެވެ. އެއީ ދުޝްމަނުންނަށް ދެވުނު އިންޒާރެކެވެ. އަމީރު ތައިމޫރާ ދެކޮޅުވެއްޖެ ކޮންމެ މީހަކަށް ވެސް ކުރިމަތިލާން ޖެހޭ ތަޤުދީރަކީ އެއީކަން އަންގައި ދިނުމެވެ. އޭނާ ފަތަޙަކުރި ގިނަ ރަށްތަކުގައި، އެފަދަ މުންނާރުތައް ހަދާފައިވެއެވެ. އެގޮތުން، ޢިރާޤުގެ ބަޣުދާދާއި، ތިކުރީތާއި، އިންޑިއާގެ ދިއްލީއާއި، ސޫރިއާގެ ދިމިޝްޤާއި، ޙަލަބާއި، އަދި އަފްޣާނިސްތާނުގެ ހީރަތުގައި ކަށްބޮލުގެ މުންނާރުތައް ހަދާފައިވެއެވެ.
އެ ބިރުވެރި ޙާދިސާއަށް ފަހު، ވަށައިގެންވާ ސަރަޙައްދުތަކުގައި، ތައިމޫރުގެ ބިރުވެރިކަން އިތުރަށް ބޮޑުވިއެވެ. އެތައް ސަހަރަކުން ހަނގުރާމައަކާ ނުލާ އޭނާއަށް ކިޔަމަންވިއެވެ. ސަބަބަކީ، އެމީހުން ދެކޮޅުވެރި ވެއްޖެނަމަ އެމީހުންގެ ސަހަރަށްވެސް އިސްފާހާނަށް ވީހެން ވެދާނެކަން އެނގޭތީއެވެ. އެ ސަބަބަށްޓަކާ އަމީރު ތައިމޫރަކީ ހަމައެކަނި ފާތިޙެއް ނޫނެވެ. އޭނާއަކީ ދުނިޔޭގެ ތާރީޚު ދުށް އެންމެ ނުރައްކާތެރި އެންމެ ބިރުވެރި ވެރިންގެ ތެރެއިން، އެކެކެވެ.
އޭގެ ޤަރުނުތަކެއް ފަހުން، މިއަދުވެސް އިސްފަހާނުގެ ކަށްބޮލުގެ މުންނާރުތަކަކީ ތާރީޚުގައި ހިނގާ ދިޔަ އެންމެ އަނދިރި އެއް ޙާދިސާގެ ގޮތުގައި ސިފަ ކުރެވެއެވެ. އެ ވާޤިޢާއިން އަހުރެމެންނަށް ހަނދާން ކޮށްދެނީ ބާރާއި، އަދި ބިރަށް މީހަކު ޝަހުވަތްތެރިވުމުން، އިންސާނާ ކިހާ ރަޙުމުކުޑަ މީހަކަށް ބަދަލުކޮށްލާ ކަމެވެ.






