ހުޅުމާލެ ފަޅު ބޭރުގައި އަޅާފައި އޮތް ސަފާރީ އެއްގައި އަލިފާން ރޯވެއްޖެއެވެ. ފުލުހުން ވިދާޅުވީ މިހާދިސާގެ މައުމޫމާތު ލުބިފައިވަނީ މިއަދު ހަވީރު 16:55 އެހައިކަންހާއިރު ކަމަށެވެ.
މިހާދިސާގައި ދުމުގެ އަސަރުކޮށްގެން ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމީހުންގެ މިހާރުގެ ހާލަތާމެދު އަދި އިތުރު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ރޯވީ އެމްޕެރޯ އެކްސްޕޯރާ ނަމަކަށްކިޔާ ސަފާރީއެއްގައެވެ. ބައެއް މަސްދަރު ތަކުން ހާމަކޮށްފައިވަނީ ގޮތުގައި މިއީ މެންބަރު އިބްރާހީމް ފަލާހުގެ ސަފާރީއެކެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އުޅަނދުގައި ވަރަށް ބޮޑަށް ރޯވެ މުޅި ސަރަހައްދަށް ބޯ ދުން ފެތުރިފައިވެއެވެ. އަދިވެސް އަލީފާން ކޮންޓްރޯލް ނުވާކަމަށް ވެސް ޚަބަރު ވަނީ ލިބިފައެވެ. ރޯވެފައިވާ އަލިފާން ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ. ”ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް ”އެމްޕެރަރ އެކްސްޕްލޯރަރ“ ސަފާރީގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ ހަރަކާތްތެރިވަމުން،“ އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.






