އިސްލާމީ ޤައުމުތައް، އިސްލާމީ ކިހާމިންވަރަކަށް؟

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
މެއި 13, 2026

ޖޯޖް ވޮޝިންޓަން ޔުނިވާސިޓީގެ ޕްރޮފެސަރު ޙުސައިން ޢަސްކަރީ ވަނީ އިސްލާމީ ޤައުމުތައް، އިސްލާމީ ކިހާ މިންވަރަކަށްތޯ ބެލުމުގެ ގޮތުން ދިރާސާއެއް ހަދާފައެވެ. އިސްލާމްދީނާ އެއްގޮތަށް ދައުލަތާއި، މުޖުތަމަޢުގެ ޤާނޫނުތަކަށް ތަބާވާ ޤައުމުތައް ހޯދި ހޯދުމުގައި، ދުވަހީ ދިރިއުޅުމުގައި އިސްލާމީ އަޙުކާމުތަކަށް ތަބާވާ ޤައުމުތަކަކީ، އިސްލާމީ ޤައުމުތައް ނޫންކަން އޭނާއަށް ފާހަގަކުރެވުނެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި ”އިސްލާމީ އަޙުކާމުތަކާއި، އިސްލާމީ އުޞޫލުތަކަށް އެންމެ ބޮޑަށް ތަބާވާ ޤައުމަކީ ނިއުޒީލޭންޑެވެ. ދެވަނައިގައި އޮތީ ލަގުޒަމްބަރގެވެ. ތިންވަނައިގައި އޮތީ އަޔަރލޭންޑެވެ. ހަތަރުވަނައިގައި އޮތީ އައިސްލޭންޑެވެ. ފަސްވަނައިގައި އޮތީ ފިންލޭންޑެވެ. ހަވަނައިގައި އޮތީ ޑެންމާކެވެ. އަދި ހަތް ވަނައިގައި އޮތީ ކެނެޑާއެވެ.“

އިސްލާމީ ޤައުމަކަށް އެ ލިސްޓުގެ އެންމެ ކުރިން ޖާގައެއް ލިބުނީ 38 ވަނައާއެކު މެލޭޝިއާއަށެވެ. ކުވައިތު 48 ވަނަ، ބަހުރެއިން 64 ވަނަ އަދި ހައިރާން ކުރުވަނިވި ގޮތެއްގައި، ސަޢޫދީ ޢަރަބިއްޔާ އޮތީ 131 ވަނައިގައެވެ.

ދިވެހިރާއްޖެ އޮތީ އެ ލިސްޓުގެ 104 ވަނައިގައެވެ. ގްލޯބަލް އިކޮނޮމީ ޖާނަލްގައި ޝާޢިއުކޮށްފައިވާ، އެ ދިރާސާގައި ބަންގްލަދޭޝްގެ މަގާމު އޮތީ ސަޢޫދީ ޢަރަބިއްޔާއަށް ވުރެވެސް ދަށުގައި 152 ވަނައިގައެވެ. މިސްރު އޮތީ 153 ވަނައިގައެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި މުސްލިމުންނަކީ ނަމާދާއި، ރޯދައާއި، ސުންނަތާއި، ޤުރުއާނާއި، ޙަދީޘާއި، ޙިޖާބާއި، ތުނބުޅިއާއި، އަދި ހެދުން އެޅުމުގައި ވަރަށް ބޮޑަށް ސަމާލުކަންދޭ ބައެކެވެ. ނަމަވެސް ދައުލަތާއި، އިޖުތިމާޢީ އަދި ޕްރޮފެޝަނަލް ދިރިއުޅުމުގައި އިސްލާމްދީނުގެ އުސޫލުތަކަށް މުސްލިމުން ތަބައެއް ނުވެއެވެ.

ދުނިޔޭގެ އެހެން މީހުންނަށް ވުރެ ބޮޑަށް، ދީނީ ދަރުސްތަކާއި، ޚުޠުބާއާއި، ދީނީ ނަސޭހަތް މުސްލިމުން އަޑުއަހައެވެ. ނަމަވެސް، އެއްވެސް އިސްލާމީ ޤައުމެއް، ދުނިޔޭގެ އެންމެ ރަނގަޅު ޤައުމަށް ވެފައި ނުވެއެވެ. އެކަމަކު، މިދިޔަ އަށްޑިހަ އަހަރު ތެރޭގައި މުސްލިމުން ވަނީ މަދުވެގެން 3000 ފަހަރު ހުކުރު ޚުޠުބާ އަޑު އަހާފައެވެ.

ޗައިނާގެ ވިޔަފާރިވެރިއަކު ބުނި ގޮތުގައި، މުސްލިމް ވިޔަފާރިވެރިން އެމީހުންގެ ގާތަށް އައިސް، ދެ ނަމްބަރުގެ ނަކަލީ މުދާ ހައްދަން އޯޑަރުދީ، އެ މުދަލުގައި މަޝްހޫރު ކުންފުނިތަކުގެ ލޭބަލްތައް ޖައްސުވާ ހަދައެވެ. އެކަމަކު، އެމީހުންނާއެކު ކެއުމަށް ދަޢުވަތު ދިނުމުން ޙަލާލު ކާއެއްޗެހި ނޫން ކަމަށް ވެދާނެތީ، ކެއުމުގެ ދަޢުވަތު އެމީހުން ޤަބޫލެއް ނުކުރެއެވެ. އެހެންވެއްޖެއްޔާ، ދެ ނަންބަރުގެ، ނަކަލީ މުދާ ވިއްކުމަކީ ޙަލާލު ކަމެއް ހެއްޔެވެ؟

ޖަޕާނުގެ އައު މުސްލިމަކު ބުނި ގޮތުގައި، ހުޅަނގުގެ ޤައުމުތަކުގެ ޣައިރު މުސްލިމުން އިސްލާމީ އުޞޫލުތަކަށް ތަބާވާތީ ފެނެއެވެ. އަދި، އިރުމަތީގެ ޤައުމުތަކުން އިސްލާމް ދީން ފެނެއެވެ. އެކަމަކު، މުސްލިމުންނެއް ނުފެނެއެވެ.

އިސްލާމްދީނަކީ ހަމައެކަނި ނަމާދާއި، ރޯދައެއް ނޫނެވެ. އެއީ މުޅި ދިރިއުޅުން ވޭތުކުރާނޭ ގޮތުގެ މަންހަޖެވެ. އަދި މުޢާމަލާތް ކުރުމާއި، އެހެންމީހުންނާ އެކު ގުޅުން ބޭއްވުމެވެ.

ރޯދަ ހިފައި، ނަމާދުކޮށް ނިތްކުރީގައި ކުރަލާފައި ހުންނަ މީހަކު، الله ގެ ޙަޟުރަތުގައި މުނާފިޤަކަށް ވެދާނެއެވެ. الله ގެ ރަސޫލާ ﷺ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ”މުފުލިސަކީ ކާކުކަން އެނގޭ ހެއްޔެވެ؟“ ޞަޙާބީން ދެންނެވިއެވެ. ”އަހުރެމެންގެ ތެރެއިން މުފުލިސަކީ، އެމީހާގެ އަތުގައި ފައިސާއެއް، މުދަލެއް ނުވާ މީހާއެވެ.“ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. ”އަހުރެންގެ އުއްމަތުގެ މީހުންގެ ތެރެއިން ހަޤީޤީ މުފުލިސަކީ، ޤިޔާމަތް ދުވަހުން ނަމާދާއި، ރޯދައާއި، ޒަކާތާއެކު އަންނަ މީހާއެވެ. އަދި އޭނާ އަންނަނީ ކޮންމެވެސް މީހަކަށް ފުރައްސާރަ ކޮށްފައެވެ. ކޮންމެވެސް މީހަކަށް ޤަޛުފުކޮށްފައެވެ. ކޮންމެވެސް މީހެއްގެ މުދާ ކައިފައެވެ. އަދި ކޮންމެވެސް މީހެއްގެ ލޭއޮހޮރުވާފައެވެ. އަދި ކޮންމެވެސް މީހެއްގެ ގައިގައި ޖަހާފައެވެ. ދެން އެމީސްމީހުންނަށް އޭނާގެ ހެޔޮ ޢަމަލުތަކުން ދެވޭނެއެވެ. އޭނާގެ ދަރަނި އަދާކޮށް ނިމުމުގެ ކުރިން، އޭނާގެ ހެޔޮ ޢަމަލުތައް ހުސްވެއްޖެނަމަ، ދެން އޭނާއަށް އޮތީ ކޮން ގޮތެއް ހެއްޔެވެ؟ ދެން އެ މީސްމީހުންގެ ފާފަތަކުން ބައެއް، އޭނާއަށް ދެވޭނެއެވެ. އަދި، އޭނާ ނަރަކައަށް އެއްލައިލެވޭނެތެވެ.“ މިއީ އިމާމު މުސްލިމު ރިވާކުރައްވާފައިވާ ޞައްޙަ ޙަދީޘެކެވެ.

އީމާންކަމާއި، އިޙުސާންކަމަކީ އިސްލާމްދީނުގެ ދެ ރުކުނެވެ. އީމާންކަމަކީ އިސްލާމް ދީނުގެ ޢަޤީދާ އާންމުކޮށް ޤަބޫލުކުރާ ކުރުމެވެ. އިޙުސާންކަމަކީ އީމާންކަމުގެ މައުޟޫޢުގެ ތެރޭގައި ހިމެނޭ ބައެކެވެ. އިޙުސާންކަން ޙާޞިލުކުރެވޭނީ އިޖުތިމާޢީ ޞައްޙަ އުޞޫލުތަކަށް ތަބާވެ، އެ އުސޫލުތަކާ އެއްގޮތަށް ޢަމަލުކޮށްގެންނެވެ. އެ ދެ ކަންތަކަށް ޢަމަލުނުކުރެވިއްޖެނަމަ އިސްލާމްދީން ފުރިހަމައެއް ނުވާނެއެވެ. މިއީ އިސްލާމީ ޤައުމުތަކޭ މިކިޔޭ ހުރިހާ ޤައުމެއްގައިވެސް ކަންތައްތައް ހިނގަމުން އަންނަ ގޮތެވެ.

ދީން މަނާކުރާ ކަންތައްތަކަށް ތަބާވުމަކީ އިންސާނާގެ އަމިއްލަ ފަރުދީ ޒިންމާއެކެވެ. އެއީ، الله އާއި، އަޅާއާ ދެމެދު އޮންނަ ކަމެކެވެ. އެކަމަކު، އިޖުތިމާޢީ އުޞޫލުތަކަށް ތަބާވުމަކީ އެއް އިންސާނަކާއި، އަނެއް އިންސާނަކާ ދެމެދު އޮންނަ މުޢާމަލާތެކެވެ. އެހެން ގޮތަކަށް ބުނާނަމަ، މުސްލިމުންގެ ދިރިއުޅުމުގައި، އިސްލާމީ އުސޫލުތަކަށް ތަބާނުވެއްޖެނަމަ އިސްލާމީ މުޖުތަމަޢު ފަސާދަވެ، ހަލާކުވެދާނެއެވެ. އަހުރެމެންގެ މުސްތަޤުބަލުގެ ޙުރުމަތް ކެނޑިދާނެއެވެ.

ލޯރޑް ބާނާޑް ޝޯ އެއްފަހަރަކު ވިދާޅުވެފައިވެއެވެ. ”އިސްލާމްދީނަކީ އެންމެ ރަނގަޅު ދީނެވެ. ނުބައީ، އެދީނަށް ތަބާވާ މުސްލިމުންނެވެ.“

އަހުރެމެން އެއްގޮތަކަށްވެސް މަސައްކަތް ނުކުރާއިރު، އިސްލާމްދީނަށް ތަބާވުމުގެ އެކަށޭނަކަން، الله ތަޢާލާ އަހުރެމެންނަށް ދެއްވާނީ ކިހިނެއް ހެއްޔެވެ؟

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *