ނުޒޫގެ ގަލަމުން: ޖަޒުބާތަކީ ކޮބައި؟

މަރިޔަމް ނުޒުހާ
މެއި 25, 2026

ބަސް ފޮތް ބުނާގޮތުން ޖަޒުބާތަކީ ”ކުރިމަތިވާ ކަމަކާ ނުވަތަ ކުރެވޭ ތަޖުރިބާއަކާ ގުޅިގެން މީހެއްގެ ހިތުގައި ހިލިގަންނަ ލޯތްބާއި ނަފުރަތު ފަދަ ވަރުގަދަ އިހުސާސާއި ޝުޢޫރު،“ އެވެ.

އިންސާނީ ދިރިއުޅުމަކީ ޖަޒުބާތާއި ޝުޢޫރާއި، ހަގީގަތުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. ގިނަފަހަރަށް ޖަޒުބާތަކީ ހަގީގަތެއް ނޫނެވެ. އެއީ އިހްސާސެކެވެ. އެއީ ވަހުމެކެވެ. އެހެންކަމުން ކާމިޔާބު ދިރިއުޅުމަކަށް ބޭނުންވަނީ ޖަޒުބާތަށްވުރެ ބޮޑަށް ޙަގީގަތެވެ. ޖަޒުބާތުގައި ޖެހިގެން ތިމާއަށް ނުކުރެވޭނޭ އެތައްކަމަކާ ދިމާއަށް ހިތްދޫކޮށްލެވެއެވެ. އެއާއެކު އެއީ ނުކުރެވޭނޭ ކަމެއްކަން ވެސް ހިތްބުނަމުންދާނެއެވެ. އެހިނދު ޖަޒުބާތުގެ އަޅަކަށް ނުވެ ހަގީގަތުގެ މައްޗަށް ކަންކަން ނިންމުން މުހިންމެވެ.

ޖަޒުބާތުގައި ޖެހިގެން ކަންކަން ނިންމުމުގެ ބަދަލުގައި ހަގީގަތުގެ މައްޗަށް ބިނާކޮށް އޭގެ ނަތީޖާ ނިކުންނާނޭ ގޮތަކާމެދު ވިސްނުން ބުއްދިވެރިއެވެ. ނަތީޖާ ރަނގަޅަށް ނުކުމެއްޖެ ކަމަށްވާނަމަ ހަދާނޭ ގޮތާއި ނުބައިކޮށް ނުކުމެއްޖެ ކަމަށްވާނަމަ ހަދާނޭގޮތަށް ތިމާ ތައްޔާރުވެ ހުރުމަކީ ސާބިތުކަން އިތުރުވާނޭ ކަމެކެވެ. އޭގެ ބަދަލުގައި ޖަޒުބާތުގެ މައްޗަށް ކަންކަން ނިންމުމުން ގިނަފަހަރަށް ކުރިމަތިލާންޖެހެނީ މާޔޫސްކަމާއެވެ. އޭގެ ސަބަބުން އަމިއްލަ ނަފުސުދެކެ ފޫހިވުމާއި، ހިތްހަމަނުޖެހުމާއި ރުޅިގަދަވުމާއި ތިމާއަކީ އެއްވެސް މީހެއްނޫން ކަމުގެ ނޭދެވޭ އިހުސާސުގައި ތިމާ ބަނދެވޭގޮތްވެސް ވެއެވެ. އަދި މުޖުތަމަޢުގައި ދެބަސްވުންތަކާއި ބޭކާރު ބަހުސްތައް އުފެދެންދިމާ އެންމެބޮޑު އެއްކަމަކީ ޖަޒުބާތުގައި ޖެހުމެވެ. އެހެންކަމުން ޖަޒުބާތަށްވުރެ ބޮޑަށް ހަގީގަތަށް އަމަލުކުރުމަކީ އެންމެ އެދެވޭ އެންމެ ފައިދާހުރިގޮތް ކަމަށްވެދާނެއެވެ.

ޖަޒުބާތު ހިފެހެއްޓުމުގެ މުހިންމުކަން

ކޮންމެ މީހެއްގެ ވެސް ޖަޒުބާތާއި ޝުޢޫރު ހުންނާނެއެވެ. އެހެންކަމުން އެންމެމުހިންމު ކަމަކީ އެ ކޮންޓްރޯލް ކުރުމެވެ. ވަކި ހަމައެއްގައި ހިފެހެއްޓުމެވެ. މިއީ ދަރީން ތަރުބިއްޔަތުގެ ކުރުމުގައިވެސް އެންމެ ބޮޑަށް އަހުލުވެރިކުރުވަންޖެހޭ އެއް ސިފައެވެ. އެހެނީ ޠަބީޢީގޮތުން ޖަޒުބާތުގައި ޖެހިފައިވާ ކުދީންނަކީ ނާޒުކު ހާލަތެއްގައި ތިބި ކުދީން ކަމަށް ބަލައިގަންނަންޖެހެއެވެ. އެފަދަކުދީންނަކީ ބުލީ ނުވަތަ ގަނާގެ ޝިކާރައަކަށް ވުމުގެ ފުރުސަތު ބޮޑު ކުދީން ކަމަށް ބެލެވިދާނެއެވެ. ބިރުވެރިކަމާއި، ހާސްކަމާއި، ހިތާމަވެރި އިހުސާސްތައް އެއްހަމައެއްގައި ނުވަތަ ބެލެންސް ނުކުރެވި ދިގު މުއްދަތަކަށް ދެމިގެންދާނަމަ އެކަން ނަފްސާނީ ބަލިމަޑުކަމަކަށް ބަދަލުވުމުގެ ފުރުސަތު އިންތިހާއަށް ބޮޑުވެދާނެއެވެ. އެހެންވަނީ ސިކުނޑީގެ ނިޒާމަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ކަމަށް ކަމާބެހޭ މާހިރުން ބުނެފައިވެއެވެ. އެހެންކަމުން، އަބަދުވެސް ޖަޒުބާތު ބެލެންސްކުރަން މަސައްކަތްކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.

ޖަޒުބާތު ކޮންޓްރޯލް ނުކުރެވުމުން ދިމާވާ ގެއްލުންތައް

  • ކަންބޮޑުވުމާއި ހާސްކަމުން އަރައިގަންނަން އުނދަގޫވުން.
  • ވިސްނުންތައް ފިކުރުތަކަށް ބަދަލުވެ، ނަފްސާނީ ގޮތުން ބަލިކަށިވުން.
  • ކަންކަމާ މެދު އަބަދު ޝައްކު އުފެދި ހާސްވުން.
  • ނުސިޔާނު ވިސްނުންތަކުގެ ސަބަބުން މާޔޫސްވުން.
  • ނިދުމަށް އުނދަގޫވުން.
  • އެހެން މީހުން ހިތްހަމަ ނުޖެހިދާނޭތީ، އަމިއްލަ ބޭނުންތަކަށްވުރެ އެހެން މީހުންގެ ކަންކަމަށް އިސްކަންދެވުން
  • ކެތްތެރިކަން ކުޑަވުން.
  • ބޭނުންވާ ކަންކަން ވަގުތުން ހާސިލުނުވެއްޖެނަމަ އިންތިހާއަށް ނުތަނަވަސްވުން.
  • އަވަސްއަވަހަށް ރުޅިއައުން.

ޖަޒުބާތު އެއްހަމައެއްގައި ހިފެހެއްޓުމަށް ކުރެވިދާނެ ބައެއްކަންކަން

  • ޤުރުއާން ކިޔެވުން: ކިޔަވާ އާޔަތްތަކުގެ މާނައާ މެދު ފުންކޮށް ވިސްނައިގެން ކިޔެވުން.
  • ކަސްރަތު ކުރުން: ކޮންމެ ދުވަހަކު މަދުވެގެން 30 މިނެޓު ހިނގާލަން ދިއުން.
  • ނޭވާލުމުގެ ކަސްރަތު: ހާސްވާ ވަގުތުތަކުގައި ފުންކޮށް ނޭވާލުން (4 ސިކުންތު ނޭވާ އެތެރެއަށްލާށެވެ. އެއަށްފަހު 4 ސިކުންތަށް ހިފަހައްޓާލާށެވެ. އަދި 4 ސިކުންތުން ބޭރަށް ދޫކޮށްލާށެވެ.)
  • ފޮތްކިޔުން: ހިތްހަމަޖެހުން ލިބޭ ފަދަ ފޮތްތައް ކިޔުން.
  • އާއިލާއާއެކު ވަގުތު ހޭދަކުރުން: ސިކުނޑި ބޭނުންކުރަންޖެހޭ ފަދަ ބޯޑު ގޭމްތައް އާއިލާއާ އެކު ކުޅުން.
  • ފެތުން: މިއީ ނަފްސަށް ހަމަޖެހުން ލިއްބައި ދިނުމަށް މުހިންމު ކަސްރަތެއް.
  • އޯގާތެރިވުން: ދެރަވެފައި ހުންނަ ވަގުތު، އެހެން މީހުން ބަދުބަހެއް ނުވަތަ ހިތްދަތިވާ ބަހެއް ނުބުނުން.
  • ވުޟޫކުރުން: މިއީ ރުޅިމަޑުކޮށް ހަމަޖެހިލުމަށްއޮތް ވަރަށް މުހިންމު ކަމެއް.
  • ފެންވަރާލުން: ހަށިގަނޑާއި ސިކުނޑި ތާޒާކޮށްލުމަށް ފެންވަރާލުން.
  • ވިސްނުން ބަދަލުކުރުން: ޖަޒުބާތަކީ ވަގުތީ އެއްޗެއްކަން ދަނެ، ބޭކާރު ވިސްނުންތަކުން ސިކުނޑި ދުރުކުރުން.

ޖަޒުބާތުގައި ޖެހިފައިހުންނަ މީހާ ވިސްނަންވާ އެންމެ މުހިންމު އެއް ކަމަކީ، ތިމާގެ ނަފްސަށް އޭގެ ސަބަބުން އަންނަމުންދާ ބަދަލުތައް ދެނެގަތުމެވެ. އަދި އެކަމަށް ހޭލާހުރެ ވިސްނުންތެރިކަމާއެކު އެކަންކަން ރަނގަޅުކުރަން ހިތްވަރާއެކު އަމިއްލައަށް މަސައްކަތް ކުރުމަކީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރުބޮޑުކޮށްދޭ ކަމެއް ކަމަށް ކަމާބެހޭ އިލްމުވެރީން ބުނެފައިވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *