ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި، 1943 ވަނަ އަހަރު އިންޑިއާގެ ބަންގާޅާއި، އޮރިއްސާ ދިޔައީ ބަނޑަށްޖެހި މަރުވަމުންނެވެ. އެއީ، އިންސާނީ ތާރީޚުގައި ހިނގި އެންމެ ނުރައްކާތެރި، ބޮޑުތަދުގެ އެއް ކާރިސާއެވެ. އެ ކާރިސާގައި 3.8 މިލިއަން މީހުން ކާނެ، ބޯނެ އެއްޗެއް ނުލިބިގެން ބަނޑަށް މަރުވިއެވެ. އެކަމަކު، އެއީ ޤުދުރަތީ ކާރިސާއެއް ނޫނެވެ. އެއީ އިނގިރޭސިންގެ އަނިޔާވެރި ސިޔާސަތުގެ ސަބަބުން ކުރިމަތިވި ކާރިސާއެކެވެ.
ޔޫރަޕް ސަލާމަތްކުރި ބަޠަލެއްގެ ގޮތުގައި ފާހަގަކުރެވޭ އިނގިރޭސި ބޮޑުވަޒީރު ވިންސްޓަން ޗާޗިލް، ދިޔައީ ގަސްތުގައި ކާބޯތަކެތި، އެހެން ދިމަދިމާލަށް ފޮނުވަމުންނެވެ. އެގޮތުން އިނގިރޭސި ސިފައިންނާއި، ގްރީސްގެ އާންމުންނަށް ބޭނުންވާ ކާބޯތަކެތި ދިޔައީ ގުދަންކޮށް ރައްކާކުރަމުންނެވެ. އޭނާގެ އަމިއްލަ އޮފިޝަލުން އެހީ ފޮނުވުމަށް އެދި އާދޭސް ކުރުމުން އަނިޔާވެރި ޗާޗިލް ޖަވާބުގައި ބުންޏެވެ. ”އަދިވެސް ގާނދީ މަރުނުވަނީ ކީއްވެގެންކަން ބުނެދީބަލާށެވެ. މުސަޅުތަކެއް ހެން އާބާދީ އިތުރުވާތީ، އޭނާ ކުށްވެރިކުރީ އިންޑިއާ މީހުންނެވެ.“ އޮސްޓްރޭލިއާއިން ގޮދަން ބަރުކޮށްގެން ދަތުރުކުރާ އާގުބޯޓުފަހަރު ދަތުރުކުރަމުން ދިޔައީ ބަނޑުހައިހޫނުކަމުގައި ތެޅިތެޅި އޮތް ބަންގާޅާއި، އޮރިއްސާ ކައިރިން ލާފައެވެ. އަދި ޗާޗިލްގެ އަމުރަށް ގުދަންކޮށްފައި ބަހައްޓާފައި ހުރި ކާބޯތަކެތި ފީވެ ހަލާކުވަމުން ދިޔައިރުވެސް، އިންޑިއާ މީހަކަށް އެއިން ހަނޑޫ ފުކެއްގެ މިންވަރުވެސް ދިއްކޮށްނުލިއެވެ. ބަންގާޅާއި، އޮރިއްސާގައި މީހުން ބަނޑަށް މަރުވަމުން ދިޔައިރު، ޗާޗިލް ދިޔައީ ލަންޑަނުގައި ބޮޑެތި ޖާފަތްތައް ބާއްވަމުންނެވެ.
އެ ހުރިހާ ކަމެއް އެމެރިކާއަށް އެނގެއެވެ. އެތައް މިލިއަން ބަޔަކު ބަންގާޅާއި، އޮރިއްސާގައި ބަނޑަށް މަރުވަމުންދިޔަ ކަމުގެ ތަފުޞީލީ ރިޕޯޓްތައް އެމެރިކާގެ އޭރުގެ ރައީސް ރޫޒްވެލްޓަށް ބަރާބަރަށް ލިބެމުން ދިޔައެވެ. ނަމަވެސް އެމެރިކާއިން އެއްވެސް ފިޔަވަޅެއް ނާޅައެވެ. ސަބަބަކީ އިނގިރޭސިވިލާތަކީ ހިޓްލަރާ ދެކޮޅަށް، އެމެރިކާއާ އެކު ހަނގުރާމަ ކުރަމުންދިޔަ އިއްތިހާދުގެ ބައިވެރިއަކަށް ވީތީއެވެ. އެހެންކަމުން ހަނގުރާމައިގެ ޙާލަތުގައި ޗާޗިލްއަށް ފާޑުކިޔާކަށް އެމެރިކާއިން ބޭނުމެއް ނުވިއެވެ.
އެ ޚުޠޫރަތްތެރި ވަގުތު އެއްވެސް މީހަކު ހިތަށްވެސް ނާރާފަދަ ކަމެއް ހިނގައިގަތެވެ. އިންޑިއާގެ ޝެހެޒާދާއެއް ކަމަށްވާ ބިކަނައިރުގެ މަހާރާޖާ ސަދުލް ސިންގ، އޭނާގެ މަޤާމަށް ނުބައްލަވައި ނުކުމެ ވަޑައިގަތެވެ. އޭނާ، އޭނާގެ އަމިއްލަފުޅު މުދާ ވިއްކަވައި ލެއްވިއެވެ. ޖަވާހިރާއި، ރަނާއި، އަދި ގަނޑުވަރުގެ ޚަޒާނާތައް ވިއްކަވާ ލައްވައި، އަމިއްލަފުޅު ފައިސާއިން ކާބޯތަކެތީގެ ބާވަތްތައް ބައްލަވައިގަތެވެ. އަދި، ކާބޯތަކެތީގެ ޤާފިލާތައް ބަންގާޅަށް ފޮނުއްވިއެވެ. އެކަމުގެ ސަބަބުން އިޤުތިސާދީގޮތުން ހަނގުރާމައަށް ބުރޫ އަރާފާނެ ކަމަށް ބުނެ، އޭނާ ހުއްޓުވަން ކަމާއިބެހޭ އިނގިރޭސި އޮފިސަރުން މަސައްކަތްކުރިއެވެ. އަދި، އޭނާގެ މައްޗަށް ޚިޔާނާތުގެ ދައުވާ އުފުލާނެ ކަމުގެ އިންޒާރުވެސް އިނގިރޭސި އޮފިޝަލުން ދިނެވެ. އޭނާ ވިދާޅުވީ ފުރަތަމަ އެމީހުންނަށް ކާން ދޭށެވެ. އޭގެފަހުން، ތިމަންނަ ހައްޔަރު ކުރާށެވެ. އެ ޙާދިސާއާ ގުޅިގެން، އިންޑިއާގެ އެހެން ރިޔާސަތުތަކާއި، ޖަމުޢިއްޔާ ޖަމާޢަތްތަކުން އޭނާއާ ގުޅިވަޑައިގަތެވެ. އެގޮތުން ހައިދަރުއާބާދުގެ ނިޒާމާއި، މުސްލިމު ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ސިކުންގެ ފައްޅިތަކުން، ބައިވެރިވިއެވެ. އެމީހުން އެކިގޮތްގޮތުން ވަސީލަތްތައް ހޯދައި، ކަމާބެހޭ އިނގިރޭސި އޮފިޝަލުންނަށް ފުރިހަމައަށް ކޮންޓްރޯލް ނުކުރެވޭ ގޮތަށް، ކާބޯތަކެތި ބެހުމަށްޓަކާ ބިމުގެ އަޑީގައި ރޭލު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރިއެވެ.
ނާޒީ ޖަރުނުގެ އަތްދަށުން ފިލައިގެން އިންޑިއާއަށް ދިޔަ ޕޮލިޝް މުހާޖިރުންވެސް، އެމީހުންގެ އަތުގައި ބާކީ ހުރި މަދު ކާއެތިކޮޅުން ބައެއް، ބަންގާޅުގެ އަވަށްތަކަށް ފޮނުވިއެވެ. އިނގިރޭސިވިލާތުން 200 އަހަރު ވަންދެން އިސްތިޢުމާރުކޮށްގެން ތިބި މީހުން ސަލާމަތްކުރީ އިސްތިޢުމާރު ކުރެވުނު މީހުންނާއި، ހަނގުރާމައިގެ މުހާޖިރުންނެވެ. ޗާޗިލް އާއި ރޫޒްވެލްޓް އެއްވެސް ކަމެއް ނުކުރެއެވެ. 1944 ވަނަ އަހަރު، ބަނޑުހައިހޫނުކަން ނިމުނުއިރު މިހާރުގެ ބަންގްލަދޭޝްއާއި، ހުޅަނގު ބަންގާޅުން އެކަނި 3.8 މިލިއަން މީހުން ވަނީ މަރުވެފައެވެ. ޗާޗިލް ދުވަހަކުވެސް މަޢާފަށް އެދިފައެއް ނުވެއެވެ.
ދެވަނަ ބޮޑުހަނގުރާމަ ނިމި، އޭގެ ދަހަރެެއް ފަހުން، އިނގިރޭސި އަރުޝީފްތައް ހުޅުވައިގެން ބެލިއިރު، ޗާޗިލްގެ ބަޔާންތަކުން އޭނާއަކީ ނަސްލީ ތަފާތުކުރުން ބޮޑު އަދި ހަމްދަރުދީވުމެއް ނެތް މީހެއްކަން އެނގުމުން، މިޒަމާނުގެ އިނގިރޭސި ތާރީޚު ޢިލްމުވެރިންނަށް ވެސް ސިހުން ލިބިގެން ދިޔައެވެ. އެމެރިކާ މީހުން ހަނގުރާމައިގެ ދުވަސްވަރުގެ ސިއްރު ލިޔެކިޔުންތަކުގެ ގޮތުގައި، މަޑުމަޑުން އެދުވަސްވަރުގެ ލިޔެކިއުންތައް ވަޅުލީއެވެ. މިއަދު ކަލްކަތާގައި ބަނޑުހައިހޫނުކަމުގެ ޝިކާރައަކަށްވީ މީހުންގެ ހަނދާނީ ބިނާއެއް ހުރި ނަމަވެސް، އެކަމުގައި ޗާޗިލްގެ ދައުރުގެ ވާހަކަ އެއްވެސް މީހަކު ނުދައްކައެވެ. އެހެނީ، އެއީ އިނގިރޭސިންގެ އަނިޔާވެރި އަދި ލާއިންސާނީ ސިޔާސަތުގެ ސަބަބުން ކުރިމަތިވި ކާރިސާއެއް ކަމަށް، އިނގިރޭސި ސަރުކާރުން އަދިމިހާތަނަށް ރަސްމީކޮށް އިޢުތިރާފު ވެފައި ނުވެއެވެ. އަދި އެ ޖަރީމާއާ މެދު އަޅާނުލައި، އެއްވެސް ފިޔަވަޅެއް ނޭޅި އެމެރިކާގެ ވާހަކަވެސް މީހަކު ނުދައްކައެވެ. ބަންގާޅު މީހުން ސަލާމަތްވީ އިސްތިޢުމާރު ކުރެވުނު މީހުންނާއި، ޕޮލިޝް މުހާޖިރުން އެއްބަޔަކު، އަނެއް ބަޔަކަށް އަޅާލާ އޯގާތެރިވުމުގެ ސަބަބުންނެވެ.






