އުސްމާނީ ޚަލީފާއިން ޙައްޖު ނުކުރެއްވީ ކީއްވެގެން ހެއްޔެވެ؟

ޑރ. މުޙައްމަދު ޤުބާދު
މެއި 31, 2026

މިދާކަށް ދުވަހު ވަރަށް ގާތް މިތުރަކު ދެއްވި ޚާއްޞަ ސައިފޮދަކަށް ރެސްޓޯރެންޓަކަށް ދިޔައީމެވެ. އެ ބައްދަލުވުމުގައި އަޅުގަނޑާ އެކުވެރިޔާގެ އިތުރުން ބައެއް އަޚުން ވެސް ބައިވެރިވެވަޑައިއެވެ. އާދައިގެ މަތިން އެބޭފުޅުން އަޅުގަނޑާ ސުވާލުކުރައްވަމުން ގެންދެވިއެވެ. އޭގެ ތެރޭގައި އަޅުގަނޑަށް ތަފުސީލީ ޖަވާބެއް އެވަގުތު އަރުވަން ދަތިވި، އިތުރަށް ދިރާސާކޮށްލަން ޖެހޭ ފަދަ ތާރީޚީ ސުވާލެއް ވެސް ކުރެއްވިއެވެ. ސުވާލަކީ، ވަރަށް ޙައްސާސް ސުވާލެކެވެ. ”އިލެކްޓްރޯނިކު ގުއިވަޅު މެހިތައް“ ތުރުކީގެ އިސްލާމީ ޚިލާފަތުގެ އަގުވައްޓައިލުމަށް ޓަކައި، ނޭއްގާނި ވާހަކަތައް ވެސް ދައްކާ މައުލޫއެކެވެ. އާދެ! އުސްމާނީ ޚަލީފާއިން ޙައްޖު ނުކުރެއްވީ ކީއްވެގެން ހެއްޔެވެ؟
ޖަވާބަކަށް އަވަސްވެ ގަތުމުގެކުރިން، އެކަމުގެ ސަބަބުތައް ހާމަކޮށްލުން މުހިންމެވެ.
*ލޮޖިސްޓިކަލް ހުރަސްތައް:
_ޙައްޖުގެ މަގަކީ، ސުލްޠާނުގެ ފުރާނަފުޅަށް ނުރައްކަލުން ފުރިފައިވާ ދިގު މަގެކެވެ.
_ދުރު ސަޙަރާވީ ސަރަހައްދުތަކުގައި، ގިނަ ޢަދަދަކަށް މަގުފޭރޭމީހުން އުޅެއެވެ.
_ކޮލެރާ އާއި އެ ނޫންވެސް ވަބާތައް ފެތުރިފައިވާ ސަރަހައްދުތަކުންލާފައި ދަތުރުކުރުމުގެ ނުރައްކާތެރިކަމާ ކުރިމަތިލާން ޖެހެއެވެ.
_އެ ސަރަހައްދުގެ ޤަބީލާތަކުން ސުލްޠާނުގެ ޤާފިލާ ހައްޖަށް ދާ މަގުމަތީގައި ފިލާތިބެ ހަމަލަދިނުމުގެ ފުރުޞަތު އޮވެއެވެ.
*ޖިއޮޕޮލިޓިކަލް ނުރައްކާތައް:
_އުސްމާނީންނަކީ، ރަޝިޔާއާއި އޮސްޓްރިއާ ފަދަ ޔޫރަޕްގެ ބާރުތަކާ ދެކޮޅަށް ވަރުގަދަ ހަނގުރާމަތަކެއް ކުރި ބަޔެކެވެ. އެބައިމީހުން ފުރުސަތު ބަލައިފާ ދާރުލް ޚިލާފާ ނުވަތަ ވެރި ރަށާ ތޮޅުމުގެ ނުރައްކާ އޮވެއެވެ.
_ފާއިތުވަމުންދާ ވަގުތާއެކު، އިރުމަތީ ސަރަޙައްދުގައިވާ، ޞަފަވީ ދައުލަތުގެ ފަރާތުން ވެސް ހަމަލައެއް ދީފާނެކަމުގެ ބިރު އޮވެއެވެ.
_އޭރު އެޒަމާނުގެ ޙާލަތައް ބަލާއިރު، އެންމެ އިސް ލީޑަޝިޕް ރަށުގައި ނެތުމަކީ، ބޭރުގެ ހަމަލާއަކަށް މަގުފަހިވެފައިވާ ވަގުތެއް ކަމަށް ބެލެވިދާނެ އެވެ.

*އެތެރޭގެ ކަންކަމާ ގުޅޭ ސަބަބުތައް:
_ހައްޖުގެ އަޅުކަން އަދާކުރުމަށް އިސްތަންބޫލުން މައްކާއަށް ދަތުރުކުރުމަށް 4 މަހާއި 6 މަހާއި ދެމެދުގެ ދިގު މުއްދަތެއް ނަގައެވެ.
_އުސްމާނީ ޚަލީފާއަކީ، ދައުލަތުގެ އެންމެ އިސް ވެރިޔާއެވެ. ސިޔާސީ ގޮތުންނާއި އިދާރީ ގޮތުން ވެސް މެއެވެ.
އިސްތަންބޫލުގައި ސުލްތާނު ނެތުމަކީ ވަރަށް ބޮޑެތި ނުރައްކާތަކަކަށް ހުށަހެޅި ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމެކެވެ.
_އެންމެ ފަހުގެ މަރުކަޒީ ޤަރާރު ނަންގަވާ ފަރާތް، ރަށުގައި ޤާއިމުވެ ނެތުމަކީ، އެތެރޭގެ ބަޣާވާތްތަކަށް ހިތްވަރު ލިބިދާނެކަމެކެވެ.

*ތާރީޚް ޢިލްމުވެރިންނާއި ދިރާސާވެރިން ދެކިވަޑައިގަންނަވާ ގޮތް:
_ހައްޖުގެ އަޅުކަން އަދާކުރުމަށް ނިކުމެއްޖެނަމަ، ވެރިކަމުގެ މަރުކަޒުގައި ނުވަތަ ވެރިކަންކުރާ ރަށުގައި، ނުރައްކާތެރި ސިޔާސީ ހުސްކަމެއް އުފެދިދާނެކަން، ސުލްޠާނު ނުވަތަ ޚަލީފާ ދެނިވަޑައިގަނެއެވެ.
(ޚަލީލް އިނަލްޗިކް، ތުރުކީގެ ތާރީޚް ޢިލްމުވެރިއެއް)
_ސުލްޠާނުން ހައްޖުގެ އަޅުކަން އަދާ ނުކުރެއްވީ، އެމީހުންގެ ވެރިކަމުގެ ހަމަޖެހުން ދެމެހެއްޓެވުމުގެ އިތުރުން، އެހެން ވެސް ޢަމަލީ ސަބަބުތަކަކާހުރެއެވެ. ވާޖިބުވެގެންވާ ޙައްޖުގެ ރުކުނަށް އިހުމާލުވުމުގެ ގޮތަކުން ނޫނެވެ. މިގޮތުން ޙާލަތަށް ރިޢާޔަތް ކުރައްވާ، ޚަލީފާއިން ކަންކުރެއްވި ގޮތަކީ، އެބޭފުޅުންގެ ފަރާތުން އެ ވާޖިބުއަދާކުރުމަށް މަންދޫބުން ފޮނުއްވީއެވެ. މިއީ އިސްލާމީ ފިޤުހުގައި ވަކި ޙާލަތެއް ގައި، ހުއްދަވަގެންވާ ކަމެކެވެ.
(މުޙައްމަދު ޙަރުބު، ތާރީޚު ގެ ޢިލްމުވެރިއެއް)
_ޙައްޖަކީ އިސްލާމްދީނުގެ ރުކުނެއް ކަމުގައިވުމާއެކު ވެސް، މުސްލިމް މުޖުތަމަޢުގެ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، އަމިއްލަ ވާޖިބުތަކަށްވުރެ އިސްކަމެއްދޭން ޖެހޭނެ ކަމެކެވެ. މި ޙާލަތުގައި ވެރިމީހާގެ ފަރާތުން ޙައްޖު އަދާކުރުމަށް މަންދޫބަކު އައްޔަންކުރުމަކީ، އެންމެ އައުލާކަން ބޮޑު ގޮތެވެ.
(ޢަލީ އައްޞައްލާބީ، ލިޔުންތެރިޔެއް، އަދި އިސްލާމީ މުފައްކިރެއް)
ތާރީޚީ ރިފަރަންސްތައް ފާހަގަކުރާގޮތުން އުސްމާނީ ބައެއް ޚަލީފާއިން ޙައްޖު ކުރެއްވިއެވެ.
ހައްޖުގެ އަޅުކަން އަދާކުރެއްވި އުސްމާނީ ސުލްޠާނުންގެ ތެރޭގައި ސުލްޠާން ބާޔަޒީދު ބިން މުޙައްމަދު ބިން މުރާދު ދެވަނަ ހިމެނިވަޑައިގަންނަވައެވެ.
ތާރީޚުގައި ބޮޑެތި ތަހުޒީބީ މަސައްކަތްތަކެއް ކުރެއްވިކަމަށް ފާހަގަކޮށްލެވޭ ސުލްޠާން އަބްދުލް ޙަމީދު (ދެވަނަ) ވެސް ޙައްޖުކުރެއްވިއެވެ.
ކުރިން ދެ މަސް ނުވަތަ އެއަށްވުރެ ގިނަދުވަސް ޙައްޖު ޤާފިލާތަކުގައި ހޭދަކުރި މުސްލިމުންނަށް ޙައްޖުވުމަށް މަގުފަހިކޮށްދިނުމަށް ޙިޖާޒު ރޭލްވޭ ގެ ޚިދުމަތް ފަހިކޮށްދެއްވީ ވެސް ސުލްޠާން އަބްދުލް ޙަމީދު (ދެވަނަ) އެވެ.
_މުޙްޔިއްދީން އައްޠަބަރީ އެކަލޭގެފާނުގެ ތާރީޚުގައި ލިއުއްވާފައިވެއެވެ. ”ސުލްޠާން އުޘްމާން (ދެވަނަ) ޙައްޖަށް ފުރާވަޑައިގަންނަވާކަން އިޢުލާން ކުރެއްވުމުން އެކަން ހުއްޓުވުމަށް ޝައިޚުލް އިސްލާމް އަސަދު އަފަންދީ ތަނުގައި އުފެދިފައިވާ ފިތުނަވެރި ޙާލަތަށް ރިޢާޔަތްކުރައްވާ ޙައްޖަށް ވަޑައިނުގަތުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ނަމަވެސް ޚަލީފާ އެ ބަސްފުޅު ނާއްސަވާ ޙައްޖަށް ވަޑައިގަތުމުގެ ތައްޔާރީތަކުގައި މަޝްޣޫލުވެވަޑައިގެން އުޅުއްވަނިކޮށް ބަޔަކު ޚަލީފާ އަވަހާރަކޮށްލީއެވެ.
_އުސްމާނީ ޚަލީފާއިންގެ ތެރެއިން އެއްވެސް ޚަލީފާއަކު ޙައްޖުގެ އަޅުކަން އަދާނުކުރައްވާ ކަމަށް ބުނާ މީހުންނަކީ، އެކަންކަން ދިރާސާނުކޮށް، ނުބައި މަޤުޞަދެއްގައި ވާހަކަދައްކާ ބަޔެކެވެ.
ތާރީޚީ ޙަވާލާތަކުން ސާބިތުވާ ގޮތުގައި ބައެއް ޚަލީފާއިން ޙައްޖުވެވަޑައިގަތެވެ. އަނެއް ބައެއް ޚަލީފާއިން ސިއްރިޔާތުގައި ހައްޖުކުރެއްވިއެވެ. އަނެއްބައި ޚަލީފާއިން ޢުމްރާ ކުރައްވާ ޙައްޖު އަދާކުރައްވަން ނުކުޅެދިވަޑައިގަތެވެ. ޢާންމު ކޮށް އެންމެހައި ޚަލީފާއިން ބަދަލުގައި ޙައްޖުވުމަށް މީހަކު ފޮނުއްވިއެވެ.
ދެން އުފެދޭ ސުވާލަކީ، މި ގޮތަށް ބަދަލުގައި ޙައްޖުވުމަށް މީހަކު ފޮނުއްވުމަކީ، ދީނީގޮތުން ހުއްދަކަމެއް ހެއްޔެވެ.
މާލިކީ ފިޤުހުގެ އެއް ފޮތެއް ކަމަށްވާ “މަވާހިބުލްޖަލީލި ޝަރްޙު މުޚްތަޞަރިލް ޚަލީލް” މި ފޮތުގައި ބަޔާންވެގެންވާ ގޮތުގައި، ފިޤުހު ޢިލްމުވެރިޔާ އިބްނު ރުޝްދާ ސުވާލު ކުރެވުނެވެ. ”އިސްލާމްދީނުގެ ޙައްޖު ވާޖިބުވާ ޙާކިމެކެވެ. އޭނާ އަމިއްލައަށް ގެފުޅަށް ގޮސް ޙައްޖުވެއްޖެނަމަ، ރައްޔިތުންގެ ކަންތައްތައް ގޯސްވެދެއެވެ. އަދި އެމީހުންގެ ނިޒާމު ފަސާދަވެދާނެ ކަމުގެ ބިރާއި ކާފަރުން އެމީހުންގެ ބިންތަކުގެ މައްޗަށް ވެރިވެގަތުމުގެ ބިރުވެސް އެބައޮތެވެ. މި ފަދަ ޙާލަތުގައި ބަދަލުގައި ޙައްޖުވާނެ މީހަކު އޭނާއަށް ކިރިއްޔާއަށް ހިފިދާނެތޯއެވެ. މި ކަމުގެ ޙުކުމަކީ ކޮބައިތޯއެވެ؟
أَجَاب: “إذَا تَحَقَّقَ مَا ذُكِرَ مِنْ اخْتِلَالِ أَمْرِ الرَّعِيَّةِ وَفَسَادِ نِظَامِهِمْ وَاسْتِيلَاءِ الْكُفَّارِ عَلَى بِلَادِهِمْ بِسَبَبِ حَجِّ هَذَا السُّلْطَانِ فَلَا كَلَامَ فِي سُقُوطِ الْحَجِّ عَنْهُ؛ لِأَنَّهُ غَيْرُ مُسْتَطِيعٍ وَيَصِيرُ الْحَجُّ فِي حَقِّهِ غَيْرَ وَاجِبٍ”.
އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. “ސުވާލުގައި ބުނެވުނު ފަދައިން، ރައްޔިތުންގެ ކަންތައް ބޮއްސުންލައި، ނިޒާމު ފަސާދަވެދާނެ ކަމުގެ ބިރާއި، ކާފަރުން އެމީހުންގެ ބިންތަކުގެ މައްޗަށް ވެރިވެގަތުމުގެ ބިރު އޮތް ނަމަ، ސުލްޠާނުގެ ޙައްޖު މަޢާފު ވާނޭ ކަމާމެދު ސުވާލެއް ވެސް ނުއުފެދެއެވެ. އެހެނީ އެ ފަދަ ޙާލަތެއްގައި ޚަލީފާ ވާހުށީ، ޙައްޖު ކުރުން އޭނާގެ މައްޗަށް ވާޖިބުނުވާ ނުކުޅެދުންތެރިއަކަށެވެ.

(މުޙައްމަދު ޤުބާދު އަބޫބަކުރު)

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *