އެއް އޮފީހެއްގައި މަސައްކަތް ކުރާ ދެ މުވައްޒަފުންނެވެ. އެއްދުވަހަކު އޮފީހުގެ ވެރިޔާ ދެމީހުންވެސް ހާޒިރުކޮށް ދެމީހުންނަށްވެސް ފާޑުކިޔެވެ. އެކަމަކު، އެކަމާ މެދު އެދެމީހުންގެ ވިސްނުން ހުރީ ދެކަފިވެފައެވެ. އެކަކު ދުށްގޮތުގައި، އޭނާއަކީ ނާކާމިޔާބު މީހެކެވެ. އޭނާއަކަށް އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭނެއެވެ.
އަނެކަކު ދުށްގޮތުގައި އޭނާއަށް ގޯހެއް ހެދުނީއެވެ. ދެން ފަހަރަކުން ރަނގަޅު ކުރަން އޭނާ އަޒުމު ކަނޑައެޅިއެވެ. އޭގެ ހަ މަސް ފަހުން އޭނާއަށް ވަޒީފާގެ ކުރިއެރުން ލިބުނެވެ. އަނެއް މީހާ ހަމަ ހުރި ހިސާބުގައި ގާވެފައި ހުރީއެވެ. ތަފާތަކީ ހަމައެކަނި ބުރަ މަސައްކަތެއް ނޫނެވެ. ތަފާތަކީ ކަންކަމާ މެދު ވިސްނުން ބަހައްޓާގޮތެވެ.
މިދުނިޔޭގައި އުޅޭ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން 01 މަސްދުވަހުގެ ތެރޭގައި ބަލި ޤަބޫލުކުރެއެވެ. އަދި، މި ދުނިޔޭގައި އުޅޭ މީހުންގެ ތެރެއިން 30 އިންސައްތަ މީހުން 03 މަސްދުވަހުގެ ތެރޭގައި ބަލި ޤަބޫލުކުރެއެވެ. އަދި 10 އިންސައްތަ މީހުން 06 މަސްދުވަހުގެ ތެރޭގައި ބަލި ޤަބޫލުކުރެއެވެ. އަދި 05 އިންސައްތަ މީހުން 01 އަހަރު ދުވަހުގެ ތެރޭގައި ބަލި ޤަބޫލުކުރެއެވެ. ބާކީ 05 އިންސައްތަ މީހުން ދުވަހަކުވެސް ބަލި ޤަބޫލެއް ނުކުރެއެވެ. އެމީހުންގެ ބޮލަށް އަބަދުވެސް ހުންނަނީ ކުރިއަށް ދިއުމުގެ ޖުނޫނު ސަވާރުވެފައެވެ. ކާމިޔާބީ ފިޔަވައި އިތުރު އެހެން އެއްވެސް ގޮތެއް އެމީހުންނަކަށް ނޯވެއެވެ. އަދި މިއަދުގެ ދުނިޔޭގައި އެންމެ ކާމިޔާބު، އެންމެ މުއްސަނދި މީހުންނަކީ އިސްވެ ބަޔާންކުރި 05 އިންސައްތައިގެ ތެރޭގައި ހިމެނޭ މީހުންނެވެ.
ތިބާގެ ސިކުނޑިއަކީ ޕްރޮޖެކްޓަރެކެވެ. ސިނަމާއެއްގެ ސްކްރީންވެސް ހުންނަނީ ހުސްކޮށެވެ. ބޭރަށް ފެންނަނީ އެތެރެއިން ފޮނުވާ ތަސްވީރެވެ. ތިބާގެ ސިކުނޑިވެސް ހުންނަނީ އެގޮތަށެވެ. ބޭރު ދުނިޔެއަކީ ހުސް ފަރުދާއެކެވެ. ތިބާގެ ސިކުނޑީގެ ޕްރޮޖެކްޓަރުން އުފައްދައިދޭ ޚިޔާލުތަކުން، އެ ފަރުދާއަށް މާނަވީ ތަސައްވުރެއް ގެނެސްދެއެވެ.
ތިބާ އެތެރެއިން ބަދަލުވެގެން ނޫނީ ބޭރުގެ ދުނިޔެ ބަދަލެއް ނުކުރެވޭނެއެވެ. މިކަމާ މެދު ސައިންސް ބުނަނީ ކީކޭ ހެއްޔެވެ؟ މެދުނުކެނޑި ނައްސި ވިސްނުމުގެ ސަބަބުން ސިކުނޑީގައި ކޯޓިޒޯލް އުފައްދައެވެ. އެ ކެމިކަލަކީ ނުރައްކަލުގެ ވަގުތުތަކުގައި ދޫކުރާ އެއްޗެކެވެ. މެދުނުކެނޑި އެ ކެމިކަލް އުފެދޭނަމަ، ހުރިހާ ވަގުތެއްގައިވެސް އިންސާނާ ހުންނާނީ ބިރުވެރިކަމާއި، ވަރުބަލިކަމާއި، މާޔޫސްކަމުގެ ތެރޭގައެވެ. ބޭރުގައި އެއްވެސް ނުރައްކަލެއް ނެތަސް ވަރިހަމައެވެ.
އެއާ ޚިލާފަށް ފައްސި ވިސްނުމާއި، ޝުކުރުވެރިކަމާއި، އުންމީދުން ސިކުނޑިން އުފައްދައިދޭނީ ހަމަޖެހުމާއި، އުފާވެރިކަމުގެ ކެމިކަލްތަކެވެ. އޭގެ ސަބަބުން ތިބާ ބާރުގަދަވެ، ރަނގަޅު ނިންމުންތައް ނިންމުމުގެ ޤާބިލުކަން އިތުރުކޮށްދެއެވެ.
ނިއުރޯސައިންސްވެރިން އެއަށް މިކިޔަނީ ނިއުރޯޕްލާސްޓިސިޓީއެވެ. މާނައަކީ ސިކުނޑިއަށް ބަދަލުގެނެވޭނެއެވެ. އަދި އެބަދަލު ގެނެވޭނީ ވިސްނުން ބަދަލުކޮށްގެންނެވެ. ފައްސި ވިސްނުމުން، ފައްސި ބަދަލުތައް ގެނެވޭނެއެވެ.
އިސްލާމްދީން ވަނީ މީގެ ޤަރުނުތަކެއް ކުރިން މިވާހަކަ ބަޔާންކޮށް ދެއްވާފައެވެ. ކީރިތި ޤުރުއާނުގެ އިބްރާހީމް ސޫރަތުގެ 07 ވަނަ އާޔަތުގައި ، މާތް الله ވަޙީކުރައްވާފައިވެއެވެ.
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌۭ (٧)
މާނައީ: ”އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށް ދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ، (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.“
އަދި، ބުޚާރީއާއި މުސްލިމުގައިވާ ޤުދުސިއްޔަ ޙަދީޘެއް ކަމަށްވާ ޙަދީޘު ނަންބަރު 7405 ގައި ބަޔާންވެގެންވެއެވެ. އަބޫ ހުރައިރަތުގެފާނުގެ އަރިހުން ރިވާވިއެވެ. ”ރަސޫލު الله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މާތް الله ވަޙީކުރެއްވިއެވެ. ތިމަން الله ވޮޑިގެންވަނީ ތިމަން الله ގެ އަޅާ ތިމަން الله އާ މެދު ހީކުރާފަދައަކުންނެވެ. އޭނާ ތިމަން الله ހަނދުމަކޮށްފިނަމަ، ތިމަން الله އޭނާ އާ އެކު ވޮޑިގެންވަމެވެ. އޭނާ ހިތުގައި ތިމަން الله ހަނދުމަކޮށްފިނަމަ، ތިމަން الله ވެސް އޭނާ ހަނދުމަފުޅުކުރައްވަމެވެ. އޭނާ ޖަމާޢަތެއްގައި (ވާ ޙާލު) ތިމަންالله ހަނދުމަކޮށްފިނަމަ، އެއަށްވުރެ ހެޔޮ ޖަމާޢަތެއް ގައި (މަލާއިކަތުންގެ ތެރޭގައި) ތިމަން الله އޭނާ ހަނދުމަފުޅުކުރައްވަމެވެ. އޭނާ ތިމަން الله އާ ކައިވަތަކަށް ކުއްތަންވެއްޖެ ނަމަ، ތިމަން الله މުށަކަށް އޭނާ އާ ކުއްތަންވެ ވޮޑިގަންނަވަމެވެ. އޭނާ ތިމަން الله އާ މުށަކަށް ކުއްތަންވެއްޖެ ނަމަ، ތިމަން الله ބަމައަކަށް އޭނާ އާ ކުއްތަންވެ ވޮޑިގަންނަވަމެވެ. އޭނާ ލަސްލަހުން ތިމަން الله ގެ ހަޒުރަތަށް އަތުވެއްޖެނަމަ، (ތިމަން الله އޭނާ އެދުމަށް އިޖާބަ ދެއްވުމަށް) އަވަސްވެ ވޮޑިގަންނަވަމެވެ.“
މި ޙަދީޘްގެ މުރާދަކީ، الله ގެ ތަނަވަސް ރަޙުމަތްފުޅު އަޅުތަކުންނަށް ބަޔާން ކޮށްދިނުމެވެ. މި ޙަދީޘުގެ މަފުހޫމަށް ބަލާއިރު އިންސާނާއަށް ވަރަށް މަތިވެރި ފިލާވަޅެއް، މި ޙަދީޘުން ލިއްބައިދެއެވެ. އިންސާނަކު الله ގެ ރަޙުމަތާއި، އަފޫކުރެއްވުމާއި، އޭނާގެ ދުޢާ ޤަބޫލުކުރައްވާނެ ކަމަށް ވަރުގަދައަށް އީމާންވެއްޖެނަމަ، އޭނާގެ ޢަޤީދާއާ އެއްގޮތަށް މާތް الله އޭނާއަށް ދެއްވަވާނެއެވެ. އަޅަކު، الله އާ މެދު ހެޔޮ އުއްމީދުތައް ކުރިވަރަކަށް الله ގެ ރަޙުމަތްފުޅު އޭނާގެ މައްޗަށް ތަނަވަސް ވެގެންދާނެއެވެ.
މިއަދު ސައިންސުން ސާބިތުވަމުންދާ ކަންތައްތައް، ކީރިތި ޤުރުއާނާއި، އަދި ޙަދީޘުގައި، މީގެ ޤަރުނުތަކެއް ކުރިން ވަނީ ބަޔާންކޮށް ދެއްވާފައެވެ. ވީމާ، މިއަދުން ފެށިގެން ހާސްވުމާއި، ބިރުގަތުމާއި، ޝަކުވާކުރުން ދޫކޮށްލާށެވެ. ނޭވާ ހިނގާހާ ހިނދު ޝުކުރުވެރިވާން އާދަކުރާށެވެ.
ތިބާގެ ފިކުރުތަކަކީ ތިބާގެ ދުނިޔެއެވެ. ތިބާގެ ދުނިޔެ އާބާދުކޮށް، ރީތިކުރުން އޮތީ ތިބާގެ އަމިއްލަ އަތްމަތީގައެވެ. ޝުކުރުވެރިކަމާއި، އުންމީދަކީ ތިބާގެ ކޮންމެ ދުވަހެއްގެ އާދައަކަށް ހަދާށެވެ.






