ކީރިތި ޤުރުއާން ބާވައިލެއްވުނު ހިނދު، ޤުރުއާނުގައި އެކަކުގެ ނަން 6 ފަހަރު ތަކުރާރުކޮށް ބަޔާން ކުރައްވާފައިވެއެވެ. އެ ނަމަކީ ”ހާމާނު“ އެވެ. ސޫރަތުލް ޣާފިރުގެ 36 ވަނަ އާޔަތުގައި މާތް الله ވަޙީކުރައްވާފައިވެއެވެ.
وَقَالَ فِرْعَوْنُ يَـٰهَـٰمَـٰنُ ٱبْنِ لِى صَرْحًۭا لَّعَلِّىٓ أَبْلُغُ ٱلْأَسْبَـٰبَ (٣٦) މާނައީ:
”ފިރުޢައުނު ބުންޏެވެ. އޭ ހާމާނެވެ! އަހުރެންނަށް އުސްގަނޑުވަރެއް ބިނާކޮށްދޭށެވެ! އެއީ، އަހުރެންނަށް މަގުތަކެއް ފެނޭތޯއެވެ.“
އިންޖީލުގައިވެސް ހާމާނެއްގެ ވާހަކަ ބަޔާން ކުރައްވާފައިވެއެވެ. އިންޖީލުގެ ޗެޕްޓަރ އެސްތަރގައި، ޔަހޫދީންނާއި ދެކޮޅަށް ނުބައި ރޭވުންތަކެއް، ހާމާނު ނަމަކަށް ކިޔާ މީހަކު ރޭވިކަމަށް ބަޔާންކޮށްފައިވެއެވެ. އެކަމަކު، އެ ހާމާނަކީ ފިރުޢައުނާއި އެކު އުޅުނު ހާމާނެއް ނޫނެވެ. އޭނައަކީ ފާރިސީ ރަސްކަލެއް ކަމަށްވާ ހަޝޭރުޝާ ނުވަތަ ލެޓިން ބަހުރުވައިން ކިޔައިއުޅޭ ޒެރެކްސްގެ ވަޒީރެކެވެ.
17 ޤަރުނުގައި، ނަސްރާނީ ޢާލިމުން އިޝްތިރާޤީ އަދަބު ނުވަތަ އޮރިއެންޓަލިސްޓް ލިޓްރޭޗަރ ކިޔަވަން ފެށިއެވެ. އަދި އެމީހުން ދިޔައީ ކީރިތި ޤުރުއާންވެސް ދިރާސާ ކުރަމުންނެވެ. އަދި އެމީހުންނަށް މަތީގައިވާ އާޔަތް ފެނުނުހިނދު، ޤުރުއާނުން ކުށެއް ހޯދިއްޖެކަމަށް އެމީހުން ބުންޏެވެ. އަދި، އިސްލާމުން ތިމަންމެންގެ ފޮތުން ނަކަލުކުރި ކުރުމުގައި، ރޯގޯސްކޮށް ނަކަލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ. نعوذ بالله! އިންޖީލު ބުނާގޮތުން ހާމާނު އުޅުނީ ފާރިސްކަރައިގައެވެ. މިސްރަކު ނޫނެވެ. އަދި އިންޖީލުގައި އެބުނާ ހާމާނު ދުނިޔޭގައި އުޅުނުކަމަށް ވަނީ، މޫސާ علیه السّلام ގެ ޒަމާނުގައި އުޅުނު ފިރުޢައުނު މަރުވިތާ، އެއްހާސް އަހަރު ފަހުންނެވެ.
ދެންވީ ކިހިނެއް ހެއްޔެވެ؟ 19 ވަނަ ޤަރުނުގައި ނަސްރާނީ ޢާލިމުންގެ މުހިންމު ޖަމާޢަތަކުން، އިންޖީލުގެ ފޮތް އެސްތަރ އަކީ ރަނގަޅު އަދި އިތުބާރު ހިފޭ ފޮތެއް ނޫންކަމަށް ބުނެ، އެ ފޮތް މަނާކުރިއެވެ. ފަހުން، ޔަހޫދީ އެންސައިކްލޮޕީޑިއާ ބުނާގޮތުންވެސް، އެ ފޮތަކީ ތާރީޚީގޮތުން އެއްވެސް އަހައްމިއްޔަތު ކަމެއް ހުރި ފޮތެއް ނޫނެވެ. ދެން ވަރަށް އާދަޔާއި ޚިލާފު ކަމެއް ހިނގިއެވެ.
1799 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައި، މިސްރުގެ ނީލަކޯރުގެ އައްސޭރިން ”ރޮޒެއްޓާ ސްޓޯން“ ކިޔާ ހިލަ ފެނުނެވެ. އެ ހިލައިގައިވާ ލިޔުންތައް ދިރާސާ ކުރުމުން، އިންސާނުންނަށް ފުރަތަމަ ފަހަރަށް ޤަދީމީ މިސްރުގެ ލިއެކިއުންތަކުގައި ބޭނުން ކޮށްފައިވާ ހައިރޮގްލެފިކްސް އަކުރު ދެނެގަނެވޭގޮތް ވިއެވެ. ޤުރުއާން ބާވައިލެއްވުމުގެ 2000 އަހަރު ކުރިން، މިސްރުގައި ބޭނުންކުރި ހައިރޮގްލެފިކްސް ބަސް ވަނީ އުވިގެން ގޮސްފައެވެ. އެއްވެސް މީހަކަށް، އެ ބަހުން ލިޔެފައިވާ އެއްޗެއް ތަރުޖަމާކުރާކަށް ނޭނގެއެވެ. ޖަރުމަނުގެ ”އިޖިޕްޝަން މިއުޒިއަމް އޮފް މިއުނިކު“ ގައި ހިލައިގެ ތިމްސާލެއް ހުއްޓެވެ. އެ ތިމްސާލުގައި، ބޮޑު ކާހިނެއްގެ ޙަޔާތުނާމާ ލިޔެފައިވެއެވެ. އޭނާގެ ނަމަކީ ”ބަކެންޚުމްސޫ“ އެވެ. އޭނާގެ ޙަޔާތުނާމާގައި، އޭނާ އަމިއްލައަށް ބުނެފައިވެއެވެ. ”އަހުރެންގެ ރައްބަށް، އަހުރެންނަކީ ވަރަށް އިތުބާރުކުރެވޭ މީހެކެވެ. އަހުރެންނަކީ އާމޫންގެ މިލްކިއްޔާތުގެ ބޮޑެތި މަސައްކަތްތަކުގެ ޗީފް އާކިޓެކްޓެވެ. އަހުރެން ގްރެނައިޓް ހިލައިން އުޑާއި ހަމައަށް ފޯރާ ”އޮބްލިކްސް“ ހެދީމެވެ. ކަރުނާކުގައި، އާމޫންގެ ފައްޅި ބިނާކުރީ އަހުރެންނެވެ. އަދި، 27 އަހަރު ވަންދެން އަހުރެންނަކީ އެ ފައްޅީގެ ބޮޑު ކާހިނެވެ.“ އެ ތިމްސާލުގައި އޭނާގެ ލަޤަބަކަށް އޮތީ ”ހާމް- ނާތާ- ތާޕީ- އަމާނާ“ އެވެ. ހާމްގެ މާނައަކީ ޚާދިމެވެ. އަމާނާގެ މާނައަކީ އާމޫންއެވެ. ޔަޢުނީ ”ހާމް އަމާނާ“ ނުވަތަ ”ހާމާނު“ އެވެ. އާދެ، އާމޫންގެ ޚާދިމެވެ.
މިސްރުގައި ވާދީ މުލޫކުއޭ ކިޔާ ވާދީއެއް އޮވެއެވެ. އިޓަލީގެ ބަލައި، ހޯދާ މީހެއް ކަމަށްވާ ޖިއޮވާނީ ބެލްޒޯނީ 1817 ގައި، މުލޫކު ވާދީ އިން، ރެމްސީސް 2 ގެ މަޤުބަރާ ހޯދިއެވެ. އެ ފިރުޢައުނަކީ މޫސާ عليه السّلام ގެ ޒަމާނުގައި އުޅުނުކަމަށް ބުނާ ފިރުޢައުނެވެ. 1976 ގައި، އެ ފިރުޢައުނުގެ ހަށިގަނޑު ޕެރިހަށް ގެންދެވުނެވެ. އަދި ޑޮކްޓަރ މޮރިސް ބުކެއިލް، ފިރުޢައުނުގެ ހަށިގަނޑުގެ ތަޙުލީލުތައް ކުރިއަށް ގެންދިޔައެވެ. އޭނާގެ ތަޙުލީލުތަކުން ފިރުޢައުނުގެ ހަށިގަނޑުގައި، މަމިފައިކޮށްފައިވާ އެހެން ހަށިތަކަށްވުރެ ބޮޑަށް ލޮނުގެ އަސަރު ހުރިކަން ފާހަގަ ކުރެވުނެވެ. ފިރުޢައުނު މަރުވީ ކަނޑަށް ޣަރަޤުވެގެން ކަމަށް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ކަމަށް މީހަކު އޭނާ ގާތު ބުންޏެވެ. އެންމެފުރަތަމަ، އޭނާ އެކަމާމެދު މާބޮޑަކަށް ސަމާލުކަމެއް ނުދިނެވެ. އެކަމަކު، ފިރުޢައުނު މަރުވި ސަބަބު ދެނެގަތުމުގައި ނާކާމިޔާބުވުމުން، އޭނާ ކީރިތި ޤުރުއާން ދިރާސާކޮށް ބެލިއެވެ. އަދި އިތުރަށް އެކަން ކަށަވަރު ކުރުމަށްޓަކާ އޭނާ މިސްރަށް ދިޔައެވެ. އަދި، ރެމްސިސް 2 ގެ ޒަމާނުގައި، ހާމާނު ކިޔާ މީހަކު އުޅުނުތޯ ސުވާލުކުރިއެވެ. މިސްރުން އޭނާއަށް ލިސްޓެއް، ލިބުނެވެ. އެ ލިސްޓުގައި، ކަރުނާކުގައި ހުރި އާމޫންގެ ފައްޅި ބިނާކުރި މީހުންގެ ނަންތައް ވެއެވެ. އޭގައި، މާސްޓަރ އޮފް ކުއެރީ އަދި މޭސަންރީގެ ޗީފް އާކިޓެކްޓަކީ ހާމާން ކަމަށް ބަޔާންކޮށްފައި ވެއެވެ.





