ބޫޓް ޕޮލިޝްކުރާ ކުއްޖާ!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
ޖޫން 2, 2026

ކޮންމެ ދުވަހަކު ހެނދުނު، އިސްލާމްއާބާދުގެ ފައިސަލް މިސްކިތުގެ ބޭރުގައި ޢުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު އިށީނދެގެން އިނދެއެވެ. އޭނާގެ ނަމަކީ ސަލީމްއެވެ. އޭނާގެ އަތުގައި ދުވަސްވީ ފޮށިގަނޑަކާއި، ބުރުހަކާއި، އަދި ކަޅު ޕޮލިޝްދަޅެއް އޮވެއެވެ. އޭނާގެ

މުޅި ދުވަހުގެ މަސައްކަތަކީ މީހުންގެ ބޫޓު ޕޮލިޝްކުރުމެވެ. އޭނާ ކޮންމެ ބޫޓެއް ޕޮލިޝްކޮށްދެނީ 20 ރުފިޔާއަށެވެ. ދުވާލަކު 20 ބޫޓު ޕޮލިޝް ކުރުމުގެ ނަސީބު ލިބިއްޖެނަމަ 400 ރުފިޔާ ލިބެއެވެ. ދުވާލެއްގެ މައްޗަށް އެވަރު ލިބިގެން ނޫނީ ގޭގެ ޚަރަދު ބަރަދު ހަމަޖައްސައި ނުލެވެއެވެ. މަންމައާއި، ހަނގު އަންހެން ކޮއްކޮ މާރިޔާ އުޅެނީ ގޭގައެވެ. ސަލީމްގެ ޢުމުރުން 10 އަހަރުގައި ހިނގި އެކްސިޑެންޓެއްގައި، އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ.

މިސްކިތުން ނުކުންނަ މީހުން ބޫޓު ދިއްކޮށްލާފައި އޭނާއަށް ބުނާނެއެވެ. ”ކޮއިފުޅާއެވެ. އަވަސްކުރާށެވެ. ވަގުތެއް ނެތެވެ.“ އެއްވެސް މީހަކު އޭނާގެ ޙާލު އަހުވާލެއް ނާހައެވެ. ސަލީމް މަޑުމަޑުން އޭނާގެ މަސައްކަތާއިގެން ކުރިއަށްދެއެވެ. ރޭގަނޑު މިސްކިތުގެ ބޭރުގައި ހުންނަ ބޮކިތައް ނިއްވާލުމުން، ކޮންމެވެސް ބަގީޗާއެއްގެ ދިގުގޮނޑިއެއްގައި އިނދެ، ބާވެފައިވާ ފޮތްތައް ހުޅުވައިގެން އޭގައި ލިޔެފައިވާ އެއްޗެއް ކިޔޭތޯ އުޅެއެވެ. އޭނާއަށް އެ ފޮތްތައް ހަދިޔާކުރީ ކޮންމެ ދުވަހަކު ބޫޓު ޕޮލިޝް ކުރަން އަންނަ މުދައްރިސެކެވެ. މުދައްރިސު އޭނާއަށް ބުނާނެއެވެ. ”ސަލީމްއެވެ. ކަލޭގެ އަތް ހަޑިވެފައި އޮތަސް ވަރިހަމައެވެ؟ ކަލޭގެ ސިކުނޑި ސާފުކޮށް ބަހައްޓާށެވެ.“

ސަލީމް ކިޔެވިއެވެ. މެޓްރިކް ފާހާއި، އެފް.އެސް.ސީ، ހަމައަށް ކިޔެވީ މުޅިންވެސް ރޭގަނޑުގެ ވަގުތުތަކުގައެވެ. ދުވާލު ހަތަރުދަމު އޮންނަނީ ބޫޓު ޕޮލިޝްކުރުމެވެ. ރޭގަނޑު ހިސާބާއި، ފޯމިއުލާތައް ދަސްކުރުމެވެ. މީހުން އޭނާއަށް މަލާމާތްކޮށް ހީހީފައި ބުނެއެވެ. ”ބޫޓު ޕޮލިޝްކުރާ މީހަކު ޑޮކްޓަރަކަށް ވާނެ ހެއްޔެވެ؟“ ސަލީމް އެއްވެސް އެއްޗެކޭ ނުބުނާނެއެވެ. އޭނާ ދިޔައީ، މާރިޔާގެ ފޮތްތަކުގައި ލިޔެފައިވާ ތަކެތިވެސް ބަލައި ދަސްކުރަމުންނެވެ. އޭނާ ވަނީ މާރިޔާ ޑޮކްޓަރަކަށް ހަދައިދޭނެ ކަމަށް ހުވާކޮށްފައެވެ.

 

ޢުމުރުން 18 އަހަރުގައި ސަލީމް، އެފް.އެސް.ސީ އިމްތިޙާނުން 98 އިންސައްތަ ހޯދައިގެން ފާސްވިއެވެ. އަދި އިސްލާމްއާބާދުގެ ނެޝެނަލް ޔުނިވަރސިޓީ އޮފް ސައިންސަސް އެންޑް ޓެކްނޮލޮޖީ އިން އޭނާއަށް ސްކޮލަޝިޕެއް ލިބުނެވެ. އޭނާ ވަނީ އެޑްމިޝަން ފީއަށްވާ 180،000 ރުފިޔާ ދެއްކުމަށްޓަކާ 2 އަހަރުގެ އާމްދަނީ ރައްކާކޮށްފައެވެ. އޭނާގެ މަންމަ ރޮމުން ބުންޏެވެ. ”ދަރިފުޅާއެވެ. ތި ފައިސާ ޚަރަދު ނުކުރާށެވެ. އަތްމަތި ވަރަށް ދަތިވާނެއެވެ.“ ސަލީމް ބުންޏެވެ. ”މަންމާއެވެ. އަހުރެން ނުކިޔަވައިފިނަމަ، މާރިއާ ވެސް ވާނީ އަހުރެން ފަދައިން ބޫޓު ޕޮލިޝް ކުރާ މީހަކަށެވެ.“

 

ޔުނިވަރސިޓީގައިވެސް ސަލީމްގެ ޢަޒުމަކަށް ބަދަލެއް ނާދެއެވެ. ދުވާލު ލެބުގައި މަސައްކަތްކޮށް، ރޭގަނޑު ކިޔަވައެވެ. އަދި ހަފުތާއަކު 2 ދުވަހު ކުރީގެ ރައްޓެހިންގެ ގާތަށް ގޮސް، އެމީހުންނަށް އެކައުންޓިންގ ކިޔަވައިދެއެވެ.

ސަލީމު ކިޔެވުން ފުރިހަމަ ކުރުމަށްފަހު ކުޑަ އައި.ޓީ ކުންފުންޏެއް އުފެއްދިއެވެ. ކުއްޔަށް ހިފާފައިވާ ކުޑަ ކޮޓަރިއެއްގައި، އެންމެ 3 ލެޕްޓޮޕާ އެކު މަސައްކަތް ފެށިއެވެ. ފުރަތަމަ އަހަރަކީ ނާކާމިޔާބު އަހަރެކެވެ. އަތުގައި ހުރި ފައިސާކޮޅު ހުސްވެ، ދަރަނި އިތުރުވިއެވެ. އެކަމަކު ސަލީމް ހުރީ ދޫދޭގޮތަކަށް ނޫނެވެ. އޭނާގެ މުދައްރިސް ދިން ނަޞޭޙަތް، އޭނާ އަބަދުވެސް ހަނދާން ހުރެއެވެ. ”ސަލީމެވެ. ބިންމަތީގައި އިށީނދެ އިންނަން ޖެހުނު ކަމުގައި ވިޔަސް ހުވަފެން ދެކޭށެވެ. ކޮންމެވެސް ދުވަހަކުން އެ ހުވަފެން ޙަޤީޤަތަކަށް ވާނެއެވެ.“

 

އޭގެ ފަސް އަހަރު ފަހުން، އޭނާގެ ކުންފުނިން ޕާކިސްތާނުގެ ހުރިހާ ކަންކޮޅުތަކެއްގައި ވިރަވިވެގެންދިޔަ އެޕްލިކޭޝަނެއް އުފެއްދިއެވެ. މިއަދު، ސަލީމްގެ ޢުމުރަކީ 29 އަހަރެވެ. އިސްލާމްއާބާދުގެ ޖީ-6 ގައި، އޭނާގެ އަމިއްލަ އޮފީހެއް ހުރިއިރު، އޭނާގެ ދަށުން 200 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. އަދި، މާރިޔާއަކީ މިހާރު މެޑިކަލް ޑޮކްޓަރެކެވެ. މާރިޔާ މަސައްކަތް ކުރަނީ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް ހަސްފަތާލުގައެވެ.

 

މިއަދުވެސް ސަލީމު، ފައިސަލް މިސްކިތުން ނުކުމެގެން ދާއިރު، އޭނާ ބޫޓް ޕޮލިޝްކުރަން އިން ތަނާ އަރާހަމަވުމުން އެތަނުގައި މަޑުކޮށްލައެވެ. އެކަމަކު، މިއަދު އެތާ އިށީނދެގެން ޕޮލިޝް ދަޅެއް ހިފައިގެން އިނީ އެހެން ކުއްޖެކެވެ. ސަލީމް އެކުއްޖާގެ ގާތަށް ގޮސް، އޭނާގެ ކައިރީގައި އިށީނދެލާފައި، އޭނާގެ ޖީބުން ކާޑެއް ނަގާފައި، އެކުއްޖާގެ އަތަށް ދީފައި ބުންޏެވެ. ”ދަރިފުޅާއެވެ. ވިދާބަބުޅާ ހުވަފެންތައް، ވިދާބަބުޅާ ބޫޓަކަށް ވުރެ މުހިންމެވެ. ބޭނުން ކޮންމެ ވަގުތަކު އަހުރެންގެ ގާތަށް އަންނާށެވެ.“

މީހުން ބުނާ ގޮތުގައި ސަލީމަކީ މިހާރު ބިލިއަނަރެކެވެ.

ސަލީމް ބުނަނީ ”ނޫނެކޭ“ އެވެ. ”އަހުރެންނަކީ އަދިވެސް ހަމަ ބޫޓް ޕޮލިޝްކުރާ ކުއްޖާއެވެ. ހަމައެކަނި ތަފާތަކީ، މިހާރު އަހުރެންގެ ހުވަފެންތައް އަހުރެންނާ އެކު ވިދާބަބުޅާލާ ކަމެވެ.“

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *